ރިސޯޓެއްގައި ވަޒީފާ އަދާކުރުމާ މެދު ދަންނައެވެ.
ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހަކު، އެމީހާ ކުރަނީ ޙަލާލު މަސައްކަތް ކަމުގައިވާނަމަ އެމީހާ އެ ރިސޯޓުގައި ވަޒީފާ އަދާކުރުމަކީ ހުއްދަކަމެކެވެ. އަދި އެ މަސައްކަތުން ލިބޭ އާމްދަނީ އަކީ ޙަލާލު އާމްދަނީ އެކެވެ.
އެއާ ޚިލާފަށް ރިސޯޓެއްގައި ވަޒީފާ އަދާ ކުރާ މީހަކު، އެމީހާ ކުރާ މަސައްކަތުގެ ތެރޭގައި ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ ކަންތައްތައް، މިސާލަކަށް ރަލުގެ މުޢާމަލާތްތައް ހިމެނޭ ނަމަ އެމީހާ އެ ވަޒީފާ އަދާ ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި އެ މަސައްކަތުން ލިބޭ އާމްދަނީއަކީ ޙަލާލު އާމްދަނީއެއް ނޫނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ރަލާބެހޭގޮތުން ދިހަ މީހަކަށް ލަޢުނަތް ހުރި ކަމުގައި ޙަދީޘްކުރައްވާފައެވެ.
عن أنس بن مالك قال لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْخَمْرِ عَشَرَةً : عَاصِرَهَا ، وَمُعْتَصِرَهَا ، وَشَارِبَهَا ، وَحَامِلَهَا ، وَالْمَحْمُولَةَ إلَيْهِ ، وَسَاقِيَهَا ، وَبَائِعَهَا ، وَآكِلَ ثَمَنِهَا ، وَالْمُشْتَرِيَ لَهَا ، وَالْمُشْتَرَاةَ لَهُ – { رواه الترمذي : ( 1259 ) وابن ماجه ( 3381 ) .والحديث : صححه الشيخ الألباني في ” صحيح الترمذي ” رقم ( 1041 } .
މާނައީ އަނަސް ބިން މާލިކު ރަޙިމަހުﷲ ވިދާޅުވިއެވެ. “ރަލާ ގުޅުންހުރި ދިހަ މީހަކަށް ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘްކުރެއްވިއެވެ. އެއީ ރާ ހަދާ މީހާއަށާއި، ރާ ހަދުވަން އެދޭމީހާއަށާއި، ރާ ބޯމީހާއަށާއި، ރާ އުފުލާ މީހާއަށާއި، ރާ އުފުލުވަން އެދޭމީހާއަށާއި، ރާ ބޯންދޭމީހާއަށާއި، ރާ ވިއްކާ މީހާއަށާއި، ރަލުގެ އަގުގެ ބޭނުންކުރާ މީހާއަށާއި، ރާ ގަނެދޭ މީހާއަށާއި، ރާ ގަނުވަން އެދޭ މީހާއަށެވެ”

ދެން އޮތް ސުވާލަކީ، ރިސޯޓުގައި މަސައްކަތްކުރާ ރަލުގެ މުޢާމަލާތް ނުކުރާ މުވައްޒަފުންނަށްވެސް މުސާރަ ދެނީ ރިސޯޓަށް ލިބޭ އާމްދަނީން ކަމުގައިވާއިރު، އެ އާމްދަނީގައި ރާ ވިއްކައިގެން ހޯދާ ފައިސާ ހިމެނޭއިރު، އެ މުސާރަދެނީ ޙަރާމް ފައިސާއިން ނޫންތޯއެވެ. އެ ފައިސާއިން ދޭ މުސާރަ ޙަލާލުވާނެތޯއެވެ؟

އުޞޫލެއްގެ ގޮތުން ބަލާއިރު، އާމްދަނީ ހޯދުމަށް ތިމާ ކުރާ މަސައްކަތަކީ ޙަލާލު މަސައްކަތެއް ކަމުގައި ވާނަމަ، އެ މަސައްކަތަކުން ލިބޭ އާމްދަނީ ތިބާއަށް ހުއްދަވާނެއެވެ. އަދި ވެރިމީހާ ތިބާއަށް މުސާރަދެނީ އެއީ އޭނާ ކޮންގޮތަކުން ހޯދާ ފައިސާއަކުންތޯ ތިބާ ބަލާކަށް ނުޖެހޭނެއެވެ. އޭގެ މިސާލަކީ، ތިބާ ރެސްޓޯރެންޓެއްގައި ވެއިޓަރެއްގެ ވަޒީފާ އަދާ ކުރާ އިރު އެ ވަޒީފާގައި ކުރާ މަސައްކަތަކީ ކަސްޓަމަރުންނަށް ކާތަކެތި ސަރވކުރުމާއި، ތަށިދޮވުން ފަދަ ކަންތައްތައް ކަމުގައިވާނަމަ، ތިބާގެ މަސައްކަތުގައި ޙަރާމް ކަމެއް ނުހިމެނޭ ނަމަ ތިބާގެ މުސާރަ ޙަލާލުވާނެއެވެ. ރެސްޓޯރެންޓުގެ ވެރިމީހާ ތިބާއަށް މުސާރަދެނީ އޭނާ ކޮންގޮތަކުން ހޯދާ ފައިސާއަކުންތޯ، އެއީ ވައްކަންކޮށްގެން ހޯދާ ފައިސާތޯ ނުވަތަ މަސްތުވާތަކެތި ވިއްކައިގެން ހޯދާ ފައިސާތޯ ތިބާ ބަލަން ނުޖެހޭނެއެވެ.

ހަމަ މި އުޞޫލުން ބަލާއިރު، ބައެއް މީހުން އުފައްދާ ޝުބުހައެއްގެ ރައްދު މިތަނުގައި ދަންނަވާލާނަމެވެ. ބައެއް މީހުން ބުނެއެވެ. ދިވެހި ދައުލަތަށް ފައިސާ ލިބެނީ ރަލާއި އޫރުމަސް ވިއްކައިގެންނާއި، ރިބާގެ ލޯނުތައް ނަގައިގެންނެވެ. އެހެންކަމުން ދައުލަތަށް ލިބޭ އާމްދަނީ އަކީ ޙަރާމް އާމްދަނީއަށް ވާތީ، ދައުލަތުގެ ވަޒީފާތައް އަދާކުރާ ފަރާތްތަކަށްވެސް އެ ދެނީ ޙަރާމް އެއްޗެކެވެ. މީގެ ޖަވާބަކީވެސް، ހަމަ ކުރީގެ ޖަވާބެވެ. އެއީ ދައުލަތުގެ ވަޒީފާއެއްގައި ހުރެ ތިބާ ކުރާ މަސައްކަތަކީ ޙަލާލު މަސައްކަތެއް ނަމަ ދައުލަތުން ދޭ މުސާރަ ތިބާއަށް ޙަލާލުވާނެއެވެ. އަދި ދައުލަތުން ތިބާއަށް މުސާރަ ދޭން ފައިސާ ހޯދަނީ ކޮންގޮތަކުންތޯ އެއީ ތިބާގެ މައްސޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އަދި އެ ފައިސާ ތިބާއަށް ޙަލާލުވާނެއެވެ.

ރިސޯޓްތަކުގެ އާމްދަނީ އަކީ ޙަރާމް ޙަލާލްގެ މައްސުނިވުމެކެވެ. ޙަރާމް ގޮތުންނާއި ޙަލާލުގޮތް ގޮތުން ފައިސާ ހޯދާ މީހަކަށް ޙަލާލު މަސައްކަތް ކޮށްފީފައި އޭނާ ދޭ އުޖޫރައަކީ ތިބާއަށް ހިފުން ހުއްދައެއްޗެކެވެ. އަދި އެފަދަ މީހަކު ދޭ ހަދިޔާއެއްގައި ހިފުންވެސް އެއީ ހުއްދަކަމެކެވެ.
އޭގެ ދަލީލަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަހުލުވެރީންނަށް ޔަހޫދީންގެ ފަރާތުން ކާތަކެތި ބައްލަވައިގަތެވެ. ޚައިބަރުގައި، ޔަހޫދީ އަންހެނަކު ހަދިޔާކުރި ބަކަރީގެ މަސް އެކަލޭގެފާނު ފަރިއްކުޅުއްވިއެވެ. އަދި ޔަހޫދީއަކު ކެއުމަށް ދިން ދަޢުވަތު ޤަބޫލުފުޅުކުރެއްވިއެވެ. ގިނަ ޔަހޫދީންނަކީ ރިބާ ކައި، ޙަރާމް މުދާ ކައިއުޅޭ ބައެއްކަން އެއީ އެނގޭ ކަމެކެވެ.

ރިސޯޓް މާޙައުލަކީ ވަރަށް ގިނަ ފާފަތައް އެތަނުގައި ކުރެވޭ މާޙައުލަކަށްވާތީ، ރިސޯޓުގައި އަދާކުރާ ބައެއް ވަޒީފާ ތަކުގެ ތެރޭގައި މިފަދަ ފާފަތަކަށާއި މުންކަރާތްތަކަށް އެހީތެރިވުން ސީދާގޮތުންނާއި ނުސީދާގޮތުން ހިމެނޭތީ، ރިސޯޓްތަކުގައި ވަޒީފާ އަދާކުރުމަކީ ހުއްދަކަމެއް ނޫން ކަމަށް ބައެއް ޢިލްމުވެރިން ފަތުވާ ދެއްވާފައިވެއެވެ. މިގޮތަށް ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެސް ވެއެވެ. އެހެންކަމުން ތިމާގެ ދީނަށް ބިރުވެތިވާ މީހާ މިފަދަ މާޙައުލުތަކުގައި ވަޒީފާ އަދާކުރުމުން އެއްކިބާވުން ހުއްޓެވެ.

މަސްދަރު: ޝާފިޢު.އެމްވީ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރިސޯޓް މަންޖެ

    ރިސޯޓުގައި ވެއިޓަރުންނަށް ޖެހޭ ގެސްޓް މީހާއަށް ވައިން ސަރވް ކުރަން. އެހެންވީމަ އެފައިސާ ހަރާމް ވާނެ ނޫންތޯ.

    17
    4
  2. Anonymous

    ރާ ވިއްކާފަ ލިބޭ އެއްވެސް އާމްދަނީއެއް ހަލާލެއް ނުވާނެ. ރާއްޖެއަށް ހަލާލު ޓުއްރިޒަމް ނޫންއެހެން އެއްޗެއް ގެންނާނެކަމެއްނެތޭ. މުޅި ސިސްޓަމް ބަދަލުކޮށްލާ!

    8
    1
  3. ީނީލްޒަފް

    Mi category ah nufethey ekakuves raajjeyga noolheyne. Ralaa oorumahuge viyafaareege ammdhaneeinves TGST nagaa. TGST vannanee dhaulathuge aamdhaneege there ah.
    Avarage koh resort ehge aamdhaneege 3% noonee 5% vaanee ralaa oorumas vikkaigen hoadhaa aamdhanee ah.
    Hurihaa emmenves mi thibee me ehchihi kaigen.