ޙަރާމް ގޮތުގައި ފައިސާ ހޯދުމަކީ ބޮޑު ފާފައެކެވެ. ޙަރާމްގޮތުގައި ހޯދާފައިވާ ފައިސާއިން ގެދޮރު ބިނާކޮށް، ސަވާރީތައް ގަނެ، އެފައިސާ އިންވެސްޓުކޮށް، ވިޔަފާރި ފަށާފައިވާނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، އެކުރި ފާފައަށް ތައުބާވެ އިސްތިޣްފާރު ކުރުމެވެ.
އެއަށްފަހު ދެން ހިތުގައި އުފެދޭ ސުވާލަކީ، ޙަރާމްގޮތުގައި ހޯދާފައިވާ ފައިސާއަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ ޙަރާމްގޮތުގައި ހޯދާފައިވާ ފައިސާއިން ގަނެފައިވާ އެއްޗިއްސަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ ޙަރާމް ގޮތުގައި ހޯދާފައިވާ ފައިސާއިން ފަށާފައިވާ، މިހާރުވެސް ހިނގަހިނގާ ހުރި ވިޔަފާރިއާމެދު ޢަމަލުކުރަންވީ ކިހިނެއް ހެއްޔެވެ؟

ނަޤްދުގެ ގޮތުގައި ހުރި ޙަރާމް ފައިސާ: އެކަމުގައި ޢަމަލުކުރާނެ ގޮތަކީ އެފަދަ ފައިސާއިން ޚަލާޞްވެގަތުމެވެ. އެއީ އެފައިސާތައް މުޖުތަމަޢަށް ފައިދާ ހުރި ކޮންމެވެސް ކަމަކަށް ހޭދަކޮށްގެންނެވެ. މިސާލަކަށް ޢުމުރާނީ ތަރައްޤީގެ މަޝްރޫޢަކަށް ހޭދަކޮށްގެންނެވެ. މަގު ހެދުމާއި، ފާޚާނާބަރިތައް ހެދުން، ސްކޫލްތައް، ހޮސްޕިޓަލްތައް ހެދުން ފަދަ ކަމަކަށްވެސް އެފަދަ ފައިސާތައް ޚަލާޞްކުރުމުގެ ގޮތުން ދެވިދާނެއެވެ. ނުވަތަ ފަޤީރަކަށް، މުހުތާދުވެގެންވާ މީހަކަށް ދީގެންނެވެ. ޙަރާމް ގޮތުގައި ހޯދާފައި ހުރި ފައިސާއެއް އޭނާ ތައުބާވިޔަސް އެއީ ޙަލާލު އެއްޗަކަށް ބަދަލެއް ނުވާނެއެވެ.އަދި ޢިލްމުވެރިން ވިދާޅުވާގޮތުގައި، ތައުބާވާ މީހާއަކީ ފަޤީރެއްކަމުގައިވާނަމަ އެފައިސާއިން އޭނާއަށް ޙާޖަތް ޖެހިގެންވާ މިންވަރަށް ބޭނުން ކުރުން ހުއްދައެވެ. ޚަލާޞްކުރާނީ ބާކީ ބައެވެ.

ޙަރާމް ފައިސާއިން ގަނެފައިވާ ތަކެތި: އެފަދަ ތަކެތި ވިއްކާލާކަށް ނުޖެހޭނެއެވެ. މިސާލަކަށް ރިބާގެ ލޯނެއް ނަގައިގެން ބިނާކޮށްފައިވާ ގެދޮރު ވިއްކާލާކަށް، ލާޒިމެއް ނުވާނެއެވެ. އަދި ގަނެފައިވާ ކާރު، ސައިކަލު އަދި އެފަދަ ހަރުމުދާވެސް ވިއްކާލާކަށް ނުޖެހޭނެއެވެ. ތެދުވެރި އިޚްލާޞްތެރި ތައުބާއަކުން ތައުބާވީމާ، އިން ޝާ ﷲ، ފާފަ ފުއްސަވާނެއެވެ.

ޙަރާމް ފައިސާއިން ފެށި ވިޔަފާރި: އެކަމުގައި ޢިލްމުވެރިން ވިދާޅުވަނީ ތައުބާވުމަށް، ފަހު އެ ވިޔަފާރި ހުއްޓާލަން ނުޖެހޭނެކަމަށެވެ. ތައުބާވުމަށް ފަހު ވިޔަފާރި ކުރިޔަށް ގެންދާނީއެވެ. އެހެނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި، ތައުބާވާ މީހާގެ މުޅި މިލްކިއްޔާތު ދޫކޮށްލަން ޖެހުމަކީ އޭނާ ތައުބާއަށް ނަފުރަތުވާނޭ، އަދި ތައުބާވުމަށް ފަސްޖެހޭނޭ ކަމަކަށް ވެދާނެއެވެ. އަދި ކާފިރަކަށްވެސް އޭނާ ކާފިރުކަމުގައި ހޯދާފައިވާ މުދާ އެއީ ޙަރާމް މުދާ ކަމުގައިވިޔަސް އިސްލާމްވުމާއެކު އޭނާ އެ މުދަލުން ތަޚައްލުޞުވާކަށް ނުޖެހޭނެއެވެ. އެހެނީ އެގޮތަށް މީސްތަކުންގެ މުޅި މުދާ ދޫކުރަންޖެހޭނަމަ، ކާފިރުކަން އެމީހުންގެ ކައިރީގައި އިސްލާމްކަމަށްވުރެ ލޯބިވާ ކަމަކަށް ވެދާނެއެވެ. އަދި މުސްލިމަކުވެސް ތައުބާނުވެ ޙަރާމް ގޮތުގައި ވިޔަފާރިކޮށްގެން އުޅުން، ތައުބާވުމަށް ވުރޭ އޭނާ ރުހޭ ކަމަކަށްވެދާނެއެވެ. ވީމާ މިކަމުގައި ޢިލްމުވެރިން ވިދާޅުވާ ގޮތަކީ އެފަދަ ވިޔަފާރި ހުއްޓާލާކަށް ނުޖެހޭނެއެވެ. އަދި އޭގެން ތައުބާވީމާ ފުދޭނޭ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެކަމުގައި ހިތަށް ނުތަނަވަސްކަން ވެރިވާނަމަ، ހިތް އެއްކޮށް ހަމަޖެއްސުމަށްޓަކައި، ވިޔަފާރި ފެށި ޢަދަދާ (ރައުސްމާލާ) އެއް މިންވަރެއްގެ ފައިސާ ޞަދަޤާތްކުރުމަށް ކުޅަދާނަވެގެން ވާނަމަ އެ ޢަދަދަށް ފައިސާ ޞަދަޤާތްކުރުން މޮޅުއިތުރު ކަމުގައި ބައެއް ޢިލްމުވެރިން ދެކިލައްވައެވެ.

މަސްދަރު: ޝާފީ އެމްވީ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    އަހަރެން ދެން ފައިސާ ހޯދާނީ ހަރާމް ގޮތުގައި. ފަހުން ތައުބާ ވާނީ.

  2. Anonymous

    މިއީ ޔާމީނައް ވަރަށް މުހިންމު ލިޔުމެއް.

    1
    1