ބާލިޣުނުވާ ތަންދޮރު އެނގޭ ކުޑަކުއްޖާގެ އިމާމުކަމާމެދު ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވެއެވެ.

1- ޖުމްހޫރު ޢިލްމުވެރިން (ޙަނަފީންނާއި މާލިކީންނާއި ޙަންބަލީން) ގެ އަރިހުގައި ފަރުޟު ނަމާދުގައި ބާލިޣުނުވާ ތަންދޮރު އެނގޭ ކުޑަކުއްޖެއްގެ އިމާމުކަން ޞައްޙައެއް ނުވާނެއެވެ. އެކަމަކު ސުންނަތް ނަމާދުގައި ޞައްޙަ ވާނެއެވެ. މިސާލަށް ތަރާވީޙު ނަމާދާއި ކޭތަ ނަމާދެވެ.
2- ޙަންބަލީ މަޛްހަބުގައި ފަރުޟު ނަމާދެއްގައިވެސް އަދި ސުންނަތް ނަމާދެއްގައިވެސް ބާލިޣުނުވާ ތަންދޮރު އެނގޭ ކުޑަ ކުއްޖެއްގެ އިމާމުކަން ޞައްޙައެއް ނުވާނެއެވެ.
3- ޝާފިޢީ މަޛްހަބުގައި، ބާލިޣުނުވާ ކުޑަކުއްޖާގެ އިމާމުކަން ޞައްޙަވާނެއެވެ. އެއީ ފަރުޟު ނަމާދު ކަމުގައި ވިޔަސް އަދި ސުންނަތް ނަމާދު ކަމުގައިވިޔަސް މެއެވެ.
މި މައްސަލާގައި ރާޖިޙުގޮތަކީ ބާލިޣުނުވާ ތަންދޮރު އެނގޭ ކުޑަ ކުއްޖެއްގެ ފަހަތުގައި ކުރާ ނަމާދު ޞައްޙަވާނެއެވެ. އެއީ އެ ކުއްޖާއަކީ ތަންދޮރު އެނގޭ ކުއްޖަކު ކަމުގައިވާނަމައެވެ. އެއީ ނަމާދުގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތަކާއި، ނަމާދުގެ ޙުކުމްތައް އެނގޭ ކުއްޖަކުކަމުގައިވާނަމައެވެ. އެކަމުގެ ދަލީލަކީ ޢަމްރު ބުނު ސަލަމާ ރަޟިޔަﷲ ޢަންހު، އެކަލޭގެފާނުގެ އަވަށުގެ މީސްތަކުންނައިގެން އިމާމުވެ ނަމާދުކުރެއްވުމެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅުން ހައަހަރު ނުވަތަ ހަތް އަހަރެވެ.
عَنْ عَمْرِو بْنِ سَلمَةَ رضي الله عنه قَالَ : لَمَّا رَجَعَ قَوْمِي مِنْ عِنْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالُوا إِنَّهُ قَالَ : لِيَؤُمَّكُمْ أَكْثَرُكُمْ قِرَاءَةً لِلْقُرْآنِ . قَالَ : فَدَعَوْنِي فَعَلَّمُونِي الرُّكُوعَ وَالسُّجُودَ ، فَكُنْتُ أُصَلِّي بِهِمْ . {رواه البخاري (4302) وأبو داود (585) والنسائي (767)}

ޢަމްރު ބުނު ސަލަމާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަހުރެންގެ ރަށުމީހުން އައިސް އެމީހުން ބުންޏެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން، ތިޔަބައިމީހުންގެ ތެރެއިން އެންމެ ބޮޑަށް ޤުރުއާން ދަސް މީހާ އިމާމަކަށް ހަދާށެވެ.” ޢަމްރު ވިދާޅުވިއެވެ. “ދެން އަހުރެންގެ ޤައުމުގެ މީހުން އަހުރެންނަށް ގޮވައި ގެންގޮސް ރުކޫޢުކުރާނޭ ގޮތާއި ސަޖިދަކުރާނޭގޮތް ދަސްކޮށްދީފިއެވެ. ފަހެ އަހުރެން އެބައިމީހުންގެ އިމާމަކަށް ނަމާދުކުރީމެވެ.”
ޞަޙީޙުލް ބުޚާރީގެ ރިވާޔަތުގައި ވެއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ “ފަހެ ނަމާދު ވަޤުތުވެއްޖެނަމަ، ތިޔަބައިމީހުންގެ ތެރެއިން އެންމެ ބޮޑަށް ޤުރުއާން ދަސް މީހާ އިމާމަކަށް ހަދާށެވެ.”، މިހެން ޙަދީޘްކުރެއްވި ވާހަކަ ދެންނެވުމުން، ރަށުމީހުން، އެމީހުންގެ ތެރެއިން ހޯދާ ބެލިއިރު، އަހުރެންނަށްވުރެ ބޮޑަށް ޤުރުއާން ދަސް މީހަކު އެމީހުންގެ ތެރޭގައި ނެތެވެ. ދެން އެބައިމީހުން، އިމާމަކަށް އަހަރެން އިސްކޮށްފިއެވެ. އޭރު އަހަރެންގެ ޢުމުރަކީ ހައެއް ނުވަތަ ހަތް އަހަރެވެ.”

މުހިއްމު ނުކުތާއެއް
އަންހެނެއްގެ ފަހަތުގައި ތަންދޮރު އެނގޭ ކުޑަ ފިރިހެން ކުއްޖަކު ހުރެ މިގޮތަށް އިމާމުވެ އަންހެން މީހާ ނަމާދު ކުރުމުން އިމާމުކަން ޞައްޙައެއް ނުވާނެއެވެ. އެހެނީ ތަންދޮރު އެނގޭ ފިރިހެން ކުއްޖާއަކީ ފިރިހެނެއްގެ މަޤާމުގައިވާ މީހެކެވެ. އަންހެނުންނަށް އިމާމުކަން ކުރުން ހުއްދަވެގެންވަނީ އަންހެނުންގެ މައްޗަށެވެ. އޭގެ ދަލީލަކީ އުންމު ވަރަޤާ ބިންތު ޢަބްދިﷲ ބިން ނައުފަލަށް އެކަމަނާގެ ގޭގެ އަންހެން ވެރިންނައިގެން އިމާމުކަން ކުރުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާއަށް ޙަދީޘްކުރެއްވުމެވެ. { رواه أبو داود (الصلاة / إمامة النساء/500) وحسنه الألباني في صحيح سنن أبي داود 553 .}

މަސްދަރު: ޝާފިއު.އެމްވީ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖާހިލު

    ފުރަތަމަ ޖެހޭނީ ބާލިޣުވާކަން ޔަގީން ކުރަން. އޭގެ ފަހުން ފަހަތަށް އަރަންވާނީ.

  2. ލަންޑަންޓަވަރ

    ބާލިއުވާން ޖެހޭނެ ކޮންމެހެންވެސް

  3. ކިޔުންތެރިޔާ

    މިހާރަކަށް އައިސް ނޫސްތަކުން ލިޔާ ލިޔުން ތަކުގައި "އަބްދުﷲ، ރަލިޔަﷲ އަންހް" މިފަދަ ބަސްތައް ލިޔާއިރު ﷲ އާއި ބަހުގެ އަނެއްބައި އިސްފަސް ވެފައި ހުންނަ ކަން ފާހަގަ ކުރެވެއެވެ. މިސާލަކަށް "ﷲއަބްދު، ﷲރަލިޔަ އަންހް" ނޫސްތަކަށް ލިޔާ ފަރާތް ތަކުން މިފަދަ ކަންކަމަށް ސަމާލުވުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.