ފިރިހެނުންނާއި އަންހެނުން އެއްވަރަކަށް ހިއްސާވާ ކަންކަމާއި، ފިރިހެނުން ބޮޑަށް ހިއްސާވާ ކަންކަމާއި، އަންހެނުން ބޮޑަށް ހިއްސާވާ ކަންކަމާއި، ހަމައެކަނި ފިރިހެނުން ހިއްސާވާ ކަންކަމާއި ހަމައެކަނި އަންހެނުން ހިއްސާވާ ކަންކަން އިސްލާމްދީނުގައި ވެއެވެ. އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ފިރިހެނުން ބޮޑަށް ޚިއްޞާ ކަންކަން އެކަނި ނަގައިގެން، އަންހެނުންނަށް ޙައްޤުތައް ނުލިބޭކަމަށް ބުނެ، ޢަދުލުވެރި އިލާހީ ޝަރީޢަތަށް ގޮންޖަހައި، ހަމަހަމަ ކުރުމުގެ ނަމުގައި އިންސާނިއްޔަތު އައްޑަނައަކަށް ނަގައިގެން ފެމިނިސްޓުން ފަތުރާ ސެކިއުލަރ ޕްރޮޕެގެންޑާއާ މެދު އަހަރެމެން މުސްލިމުން ސަމާލުވާން ޖެހެއެވެ.

އިސްލާމްދީން އަންހެނުންނަށް ބޭނުންވާ ހުރިހާ ޙައްޤެއް އަންހެނުންނަށް ވަނީ ދީފައެވެ.

ފިރިހެނުންނަށް ޚާއްޞަވެފައިވާ ކަންކަން ނަގައި އަންހެނުންނަށް އެކަންކަމުގެ ތަކުލީފު ޖެއްސުމުން، މުޖުތަމަޢުގައި ދެބައިމީހުން އަދާކުރާ ދައުރަށް ބުރޫއަރައި، ދަރީންގެ ތަރުބިއްޔަތު ބޮއްސުންލައި، އިޖްތިމާޢީ އެތައް މައްސަލަތަކެއް ކުރިމަތިވެ، މުޖުތަމަޢުތައް ފަސާދަވެއެވެ. އަންހެނުންނާއި ފިރިހެނުން ހުރިހާ މައިދާނެއްގައި ހަމަހަމަކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫނެވެ. އިސްލާމްދީނުގައި އޮންނަނީ އަންހެނުންނަށް އެންމެ އެކަށީގެންވާ ކަންކަން އަންހެނުންނަށް ފިރިހެނުންނަށް އެންމެ އެކަށީގެންވާ ކަންކަން ފިރިހެނުންނާ ޙަވާލުކޮށްފައެވެ. އެއީ އެންމެ ޢަދުލުވެރިގޮތެވެ.

މިހާރަކަށް އައިސް އަންހެނުންގެ ޙައްޤުތައް ހޯދުމަށް ކަމަށްބުނެ، މުޖުތަމަޢު ފަސާދަކުރުމަށް މަސައްކަތްކުރާ މީހުންގެ މޮޓޯއަކަށް ވެފައި އޮންނަނީ “އަލްމުސާވާ” ނުވަތަ ހަމަހަމަ ކަމެވެ. އެބައިމީހުން ބުނާގޮތުގައި އިސްލާމްދީނަކީ ހަމަހަމަކަމުގެ ދީނެވެ. އެހެންކަމުން އަންހެނުންނާ ފިރިހެނުންގެ މެދުގައި ހަމަހަމަކަން އޮންނަން ޖެހެއެވެ. ފިރިހެނުން ކުރާ ކޮންމެ ކަމެއް އަންހެނުން ކުރަން ޖެހެއެވެ. ފިރިހެނުން އަދާކުރާ ހުރިހާ ވަޒީފާއެއް އަންހެނުން އަދާކޮށް، ފިރިހެނުން ކުރާ ހުރިހާ ކަމެއް އަންހެނުން ކޮށްފުމަށް ދަންދެން އަންހެނުންނަށް އެބުނާ ހަމަހަމަކަން ނުލިބޭކަމުގައި އެމީހުން ބުނެއެވެ. އަދި ފިރިހެނުން ކުރާ ހުރިހާ ކަމެއް އަންހެނުންނަށް ކުރެވޭކަން ދެއްކުމުގެ ގޮތުން “ވާނެ” ފަދަ ކެމްޕޭނުތައްވެސް ހިންގައެވެ.
އިސްލާމްދީނަކީ ހަމަހަމަ ކަމުގެ ދީނޭ ބުނާ ބަހުގެ މާނައަކީ އިސްލާމްދީނުގައި ޙައްޤުތައް ލިއްބައިދިނުމުގައި އެންމެހާ މީސްތަކުން ހަމަހަމަ ކުރާ ވާހަކައެވެ. އެބުނާ ހަމަހަމަ ކަމަކީ ކޮންމެ ކަމެއްގައި އޮންނަ ކަމެއް ނޫނެވެ. ހަމަހަމަކަމޭ ކިޔައިން މި ދައްކާ މިޒާތުގެ ވާހަކަ ތަކަކީ އިސްލާމްދީނާ ގުޅުމެއް ހުރި ވާހަކައެއް ނޫނެވެ. އިސްލާމްދީނަކީ ހުރިހާ ކަމެއްގައި ހަމަހަމަ ކަމުގެ ދީނެއް ނޫނެވެ. އިސްލާމްދީނަކީ ޢަދުލުވެރިކަމުގެ ދީނެވެ. ކުފުރާއި އީމާންކަމާ ހަމަހަމައެއް ނުވެއެވެ. އަންހެނުންނާ ފިރިހެނުންނާ ހަމަހަމައެއް ނުވެއެވެ. ވެރިންނާއި ރައްޔިތުންނާ ހަމަހަމައެއްވެސް ނުވެއެވެ. ކުޑަކުދިންނާ ބޮޑެތި މީހުންނާ ހަމަހަމައެއްވެސް ނުވެއެވެ.

އެހެންކަމުން “ހަމަހަމަކަން” ބޭނުންކޮށްގެން، އަހަރެމެންގެ ބޮލުގެ ތެރެއަށް ވަދެގެން، އަންހެނުންގެ ޙައްޤުތަކުގެ ނަމުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ދިޔުމުގެ ކުރިން މިކަން ކަމާމެދު އަހަރެމެން ހޭލުންތެރިވެ ވިސްނާ ފިކުރު ކުރަން އެބަ ޖެހެއެވެ. “ފިރިމީހާ ގެއިން ބޭރުގައި މަސައްކަތްކޮށްގެން އާމްދަނީ ލިބޭތީ” އަންހެން މީހާ ގޭތެރޭގައި އިނދެގެން ދަރީން ބަލައި، ކައްކާ، ގޭތެރެ ސާފުކޮށް ގޭތެރޭގެ މަސައްކަތްތައް ކުރުމަކީވެސް، އާމްދަނީ ލިބެންޖެހޭ ކަމެއް ކަމުގައި “އަންހެނުންގެ ޙައްޤުތަކާހެދީ އުޅޭ” މީހުން ދެކެން ފަށައިފިއެވެ. ފިރިހެނުންނާ ހަމަހަމަވަނީ އޭރުންނެވެ.

މިއީ މިބައިމީހުންގެ ވިސްނުން ގޮސްފައިވާ ޙިސާބެވެ. ކައިވެންޏާ ގުޅިގެން އަނބިމީހާ އަދާ ކުރަންޖެހޭ ޙައްޤުތައްވެސް އެބައިމީހުންގެ ކުރިމަތީގައި މިވީ “ވަޒީފާ” އަކަށެވެ.
ޙައްޤުތަކާ ހެދީ އުޅޭ މީހުން ކިތަންމެ ވަރަށް އިސްލާމްދީނުގައި އަންހެނުންނާ ފިރިހެނުން ހަމަ ހަމަ ކުރާން އުޅުނަސް، ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޢަދުލުވެރި މިންގަނޑު ބަދަލެއް ނުކުރެވޭނެއެވެ. އަންހެނުންނާއި ފިރިހެނުން ހެއްދެވި ފަރާތުން، އެދެމެދުގައިވާ ފަރަޤު އެންމެ ބޮޑަށް ދެނެވޮޑިގެންވާ ފަރާތުން އިސްލާމީ ޝަރީޢަތުގެ ބައެއް ކަންކަމުގައި އަންހެނުންނާ ފިރިހެނުންނާ ދެމެދު ފަރަޤު ލައްވާފައިވެއެވެ. އަދި އެ ފަރަޤަކީ އެއީ އެކަނބަލުންނަށް ކުރެވޭ އަނިޔާއެއް، ނުވަތަ ޙައްޤު ނިގުޅައިގަތުމެއް ނޫނެވެ. އެފަރަޤަކީ އެއީ އެކަނބަލުންގެ ރައްކާތެރިކަމެވެ. އެކަނބަލުންނަށް އެންމެ ހެޔޮ ގޮތެވެ. ﷲ އެއްވެސް ފަރާތަކަށް އަނިޔާވެރިވެވޮޑިގެން ނުވެއެވެ.

ނަބީކަމާއި ރަސޫލުކަމާއި ވެރިކަމާއި، ޤާޟީކަމާއި، ވާރުތަ މުދަލާއި ހެކިވެރިކަމާއި ޢަޤީޤާއާއި ދިޔައިގެ ޙުކުމްގައްޔާއި ޖިހާދުކުރުމާއި ޢީދާއި ހުކުރު ޤާއިމުކުރުމާއި ބުއްދި ފުރިހަމަވުމާއި ޚަރަދުކުރުމާއި ކައިވެނީގެ ވަލީއެރުވުމުގައްޔާއި އަދި މިނޫންވެސް އެތައްކަމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ފިރިހެނުންނާއި އަންހެނުން ފަރަޤުކުރައްވާ ފިރިހެނުން އަންހެނުންގެ މައްޗަށް މަތިވެރިކުރައްވާފައެވެ.

މިއީ އެއްވެސް ފަރާތަކަށް ބަދަލުކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެނީ ﷲ ތަޢާލާގެ ޝަރީޢަތެވެ.

ވީމާ، އަހަރެމެންގެ ނަފުސުތަކާ ކޮށްލަންޖެހޭ ސުވާލަކީ، އިސްލާމްދީން ބާވައިލެއްވި ފަރާތުން، އެންމެ ފުރިހަމަ ޝަރީޢަތުގައި، އަންހެނުންގެ
z މަޞްލަޙަތުވެސް އެންމެ ބޮޑަށް ދެނެވޮޑިގެންވާ ފަރާތުން، އަހަރެމެންނަށް ނުދެއްވާ ޙައްޤެއް “އަންހެނުންގެ ޙައްޤު”ގެ ނަމުގައި އަހަރެމެންނަށް ހޯދައިގަނެވިދާނެތޯއެވެ؟ އަދި އިލާހީ ޤާނޫނަށް އުރެދުން، އެއީ މަޚްލޫޤުންނަށް، ޙައްޤު ހޯދާށޭ ކިޔާފައި ހުއްދަވަނޭ ކަމެއް ތޯއެވެ؟

މަސްދަރު: ޝާފިޢު.އެމްވީ

ކިޔުންތެރިންގެ ހިޔާލު