މުސްލިމުންނާއި ޢަޤީދާގެ ގޮތުން ތަފާތު އަހުލުކިތާބީންނާ އޮންނަ ގުޅުމަކީ ކޮންކަހަލަ ގުޅުމެއްހެއްޔެވެ؟ އެމީހުންނާމެދު ހެޔޮކޮށް ހިތައި ރަނގަޅު މުޢާމަލާތެއް ކުރެވިދާނެހެއްޔެވެ؟ އަދި އެއްވެސް މުޢަމަލާތެއް ކުރެވިދާނެހެއްޔެވެ؟ އަހުލުކިތާބީންނާ މުސްލިމުންނާ ދެމެދޮ އޮންނަނީ ސަލާމްހެއްޔެވެ؟ ނުވަތަ ހަނގުރާމަހެއްޔެވެ؟ އެހެން ގޮތަކަށް ބުނާނަނަމަ، އެމީހުންގެ ފަރާތުން މުސްލިމުންނަށް ނުރައްކަލެއް އަދި ގެއްލުމެއްވެސް ނެތި، މުސްލިމުންނާ ހަނގުރާމަނުކޮށް، އަދި މުސްލިމުންގެ ޢަދުއްވަކާ ބައިވެރިނުވާ ޣައިރުމުސްލިމުންނާ، ހަނގުރާމަކުރުމަކީ ވާޖިބެއްހެއްޔެވެ؟

ނުވަތަ ވާޖިބުވެގެންވަނީ، މުސްލިމުންގެ ޙުރުމަތްތަކަށް، އެބައިމީހުންގެ ނަފްސުތަކާއި އަހުލުންނާއި މުދަލާއި ބިމަށް އަރައިގަނެ، ނުވަތަ މުސްލިމުންގެ ދީނީ ދަޢްވަތަށް ހުރަސްއަޅާ، އޭގެ ކުރިމަތީގައި ހުއްޓި، އަދި އަމިއްލަ އިޚްތިޔާރުން އިސްލާމްދީނަށް ވަންނަ މީހުންނަށް އަނިޔާކޮށް ދީނުން ފިތުނަވެރިކުރުވައި، ހަނގުރާމަކުރާ މީހަކާ ނޫނީ ހަނގުރާމަނުކުރުންހެއްޔެވެ؟

މި އެސައިންމެންޓުގައި އަޅުގަނޑު މަސައްކަތްކުރާނީ މި ސުވާލުތަކުގެ ޖަވާބު ހޯދޭތޯއެވެ. އެގޮތުން މުސްލިމުންނާ ތަފާތު ދީންތަކުގެ މީހުންނާ މުޢާމަލާތްކުރުމުގައި އޮންނަ، އިސްލާމީ އެންގުންތައް ޚުލާޞާ ކޮށްލާނަމަ، އެކަމަށް އެންމެ އެކަށީގެންވަނީ ޤުރުއާނުގައިވާ ދެ އާޔަތެއް ބަޔާންކޮށްލުމެވެ. މި ދެއާޔަތަކީ މި މައްސަލާގައި ތަބާވާންޖެހޭ ޝާމިލު ދުސްތޫރެއްފަދަ ދެ އާޔަތެވެ.

އެ ދެއާޔަތަކީ : {لَا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِ‌جُوكُم مِّن دِيَارِ‌كُمْ أَن تَبَرُّ‌وهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ * إِنَّمَا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَ‌جُوكُم مِّن دِيَارِ‌كُمْ وَظَاهَرُ‌وا عَلَىٰ إِخْرَ‌اجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُولَـٰئِكَ هُمُ الظَّالِمُونَ} (އަލްމުމްތަޙިނާ:8،9) " ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. * اللَّه، ތިޔަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ دين އާހުރެ ތިޔަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިޔަބައިމީހުންގެ ގޮވަތިގެދޮރުން ތިޔަބައިމީހުން ނެރެލައި، އަދި ތިޔަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ. އެއުރެންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. "

މިދެއާޔަތުގެ ތެރެއިން ފުރަތަމަ އާޔަތުގައި ގޮވާލާފައިވަނީ، މުސްލިމުންގެ ދީނުގެ ސަބަބުން މުސްލިމުންނާ ހަނގުރާމަނުކުރާ އަދި ގެދޮރުން ނެރެނުލާ، މާނައަކީ އެމީހުންނާ މުސްލިމުންނާ އެއްވެސް އަދާވާތްތެރިކަމެއް ނެތް ޣައިރު މުސްލިމުންނާ، މުއާމަލާތްކުރުމުގައި ހަމައެކަނި އަދުލުވެރިވުމަކަށް ނޫނެވެ. އަދިކިއެއްތަ! އެ އާޔަތް ގޮވާލާ ބާރުއަޅާފައިވަނީ އެމީހުންނަށް ހެޔޮކޮށް ހިތައި އިހްސާންތެރިވުމަށެވެ. އާޔަތުގައި އެވާ 'ބިއްރު' އަކީ ހެޔޮކޮށް ހިތުމުގައި ބޮޑަށް ހިތުމުގެ މާނަދޭހަވާ ލަފްޒެކެވެ. އަދި އެއީ ޢަދުލުވެރިވުމަށްވުރެ މަތީގައިވާ ކަމެކެވެ. އަދި މި ކަލިމައަކީ، އިންސާނަކަށްޓަކައި މުސްލިމެއްގެ މައްޗަށް ވާޖިބުވެފައިވާ އެންމެ ބޮޑު ޙައްޤުކަމުގައިވާ، މައިންބަފައިންގެ ޙައްޤު، ސިފަކުރަން މުސްލިމުން ބޭނުންކޮށް އުޅޭ ލަފްޒެވެ. އާދެ! އެއީ ' ބިއްރުލް ވާލިދައިން' އެވެ.

މިއާޔަތުގައި މިފަދައިން، ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތުމަށް ބާރުއަޅާފައިވެޔޭ އަހަރެން މި ބުނަނީ، އާޔަތުގެ ފަހު ބައިގައި { إن الله يحب المقسطين } އޮތުމުންނެވެ. މާނައަކީ އިންސާފަށް ލޯބިކުރާ އަދުލުވެރިން ދެކެ ﷲ ލޯބިވެވޮޑިގަންނަވައޭ އޮތުމުން އޭގެ ތެރޭގައި އެމީހުންނަށް ހެޔޮކޮށް ހިތާ މީހުންދެކެވެސް ﷲ ލޯބިވެވޮޑިގަންނަވާކަން ހާމަވެއެވެ.

" ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ." މިހެން މި އާޔަތުގައި އޮތުމުގެ މާނައަކީ އެއީ ކުރަން ބާރުއަޅާފައިވާ، އަދި އެދެވިގެންވާ ކަމަކަށް ނުވާ ވާހަކައެއް ނޫނެވެ. އެހެނީ އާޔަތުގައި މި މޭރުމުން އޮތީ، އެއީ ޣައިރު މުސްލިމުންނަށް ޢަދުލުވެރިވެ އަދި އެމީހުންނަށް ހެޔޮކޮށް ހިތުމަކީ ދީނުގައި މަނާކަމެއްކަމަށް ހީކޮށްފާނެ މީހެއްގެ، އެ ކުށްހީ ދުރުކޮށްލުމަށްޓަކައެވެ.

ކުރިން އުޅުނު ބައެއް މުސްލިމުންގެ ހިތަށް އެހެން އަރާ ފަދައިން މިހާރުގެ ބައެއް މުސްލިމުންނަށްވެސް، އެއީ މަނާކަމެއްހެން ހީވެއެވެ. ބައެއް މުސްލިމުން މިއަދު ދެކެނީ ޣައިރު މުސްލިމެއްވިއްޔާ އޭނާއަށް ލިބެންޖެހޭ އަދުލުވެރިކަމެއް ނޯންނާނެއެވެ. އޭނާއަށް އަނިޔާވެރިވިޔަސް އެއީ އެންމެ ރަނގަޅު ކަމެކެވެ. އަދި އެފަދަ މީހަކު ދެކެ ލޯބިވުމާއި، ހެޔޮކޮށް ހިތައި ހިނިތުންވާ މޫނަކައިގެން މުއާމަލާތްކުރުމަކީ، އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. މިފަދަ ހީތައް މުސްލިމުން ކޮށްފާނެކަމަށްޓަކައި މިއާޔަތުގައި ވަނީ "އެއީ މަނާކުރައްވާ ކަމެއް ނޫންކަމަށެވެ." އަދި މިއާޔަތުގައި މާތް ﷲ ބަޔާންކުރައްވަނީ ހެޔޮކޮށް ހިތައި ލޯބިވެ، ގުޅުން ބޭއްވުން ޙަރާމްވެގެންވަނީ މުސްލިމުންނާ ފާޅުވެގެންވާ ޢަދާވާތްތެރިކަމެއް އޮތް ޣައިރު މުސްލިމުންނާ ކަމެވެ.

މިއާޔަތުގައިވާފަދަފަދަ ޢިބާރާތެއް، ޞަފާ މަރުވާއާ ދެމެދު ހިނގުމާ ބެހޭގޮތުންވެސް ޤުރުއާނުގައި އައިސްފައި އެބައޮތެވެ. އެއީ ޖާހިލިއްޔަ ޒަމާނުގައި އޮތް ބައެއް އާދަތަކެއްގެ ސަބަބުން، އިސްލާމްވުމަށްފަހުވެސް އެ ދެ ފަރުބަދަ ދެމެދު ހިނގުމަކީ ރަނގަޅު ކަމެއްކަމަށް ވެދާނެތޯ، ބައެއް ޞަޙާބީންގެ ހިތްޕުޅުގައި ސުވާލު އުފެދުނީމާ ބާވައިލެއްވި އާޔަތެކެވެ. { فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ‌ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا }(ބަޤަރާ:158)" ފަހެ، ގެފުޅަށްގޮސް حج ވާ މީހާ ނުވަތަ عمرة ވާ މީހާ، އެ ދެތާނގައި ހިނގައި سعى ކުރުމަކުން އެމީހާގެ މައްޗަކަށް ކުށެއްނެތެވެ. " ފަހެ މިއާޔަތުގައި 'ކުށެއް ނެތޭ" އޮތުމުގެ މާނައަކީ އެއީ ކުށެއްކަމަށް ހީކުރި މީހެއްގެ ހިތުން އެކުށްހީ ފިލުވައިލުމެވެ. އެހެނީ އެދެމެދުގައި ހިނގުމަކީ ޙައްޖުގައި އަޅުކަމުގެ ތެރެއިންވާ ވާޖިބެކެވެ.

މަސްދަރު: ކަވާސާ

ކިޔުންތެރިންގެ ހިޔާލު