މުޅި ރާއްޖޭގައި އިސްތިސްގާ ނަމާދު ކޮށްފިއެވެ.

މިއަދު މެންދުރު ނަމާދަށްފަހު މާލޭގެ އިތުރުން އަތޮޅު ތެރޭގެ ހުރިހާ ރަށެއްގައިވެސް އިސްތިސްގާ ނަމާދު ކޮށްފައިވާ އިރު، މަލޭގައި އިސްތިސްގާ ނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. މިއީ ފަހުގެ ތާރީހެއްގައި އިސްތިސްގާ ނަމާދެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރެވެ.

އިސްތިސްގާ ނަމާދަކީ ފެން ލިބުން ދަތިވެ، ވާރޭ ވެހުން ދަތިވާނަމަ، މާތް ﷲގެ އެ ނިއުމަތަށް އެދި ކުރާ ނަމާދެކެވެ.

މާލޭގައި ކުރި އިސްތިސްގާ ނަމާދުގައި އިމާމްވެ ނަމާދު ކުރައްވާ ހުތުބާ ވިދާޅުވެ ދުއާ ކޮށް ދެއްވީ ޑރ. މުހައްމަދު އިޔާޒެވެ. އަތޮޅުތަކުގައި އިސްތިސްގާ ނަމާދު ކޮށްފައިފައިވަނީ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައިއެވެ. މާލޭގަ އާއި ރަށްރަށުގައި ވެސް ގިނަ އަދަދަކަށް މީހުން މިއަދުގެ ނަމާދުގައި ބައިވެރިވިއެވެ.

އިސްތިސްޤާ ނަމާދުގައި އޮންނަނީ ދެރަކްޢަތެވެ. އިމާމު ޝާފިޢީއާއި އިމާމު އަޙްމަދު ވިދާޅުވާ ގޮތުގައި ނަމާދު ކުރާނީ ޢީދުނަމާދު ކުރާ ފަދައިންނެވެ. ޤުރުއާން ބާރަށް ކިޔަވާފައެވެ. ފުރަތަމަ ރަކްޢަތުގައި ހަށަންބަންތަކްބީރަށް ފަހު ދުޢާއުލް އިފްތިތާޙުކިޔާފައި ހަތްތަކްބީރު ކިއަންވާނެއެވެ. އަދި ދެވަނަ ރަކްޢަތުގައި އެރަކްޢަތަށް ތެދުވާ ތަކްބީރުފިޔަވައި ފަސްތަކްބީރު ކިޔަންވާނެއެވެ. ނަމާދަކާ ނުލައިވެސް އިސްތިސްޤާގެ ދުޢާކުރެވިދާނެއެވެ. ނަމަވެސް ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވަނީ މޮޅުގޮތަކީ ނަމާދުކުރުންކަމުގައެވެ.

ފެން ނުލިބި ގިނަ ދުވަސް ވުމުން ކުރާ އިސްތިސްގާ ނަމާދުގެ ފަހުން އެއް ހުތުބާގެ މައްޗަށް އެކުލެވޭ ހުތުބާއެއް އިމާމު ދޭނެއެވެ. އަދި ހުތުބާގައި ﷲއަށް ގިނަގިނައިން އިސްތިޣްފާރު ކޮށް، ފާފަކުރުމުގެ ސުންޕާކަމާއި، އޭގެ ނޭދެވޭ އަސަރާއި، ތައުބާވުމުގެ މުހިއްމުކަން ބަޔާން ކޮށް، ފާފަތަކުން ތައުބާވުމަށް މީސްތަކުންނަށް ނަސޭހަތްތެރިވާނެ އެވެ. އަދި ﷲއަށް ތަގުވާވެރިވެ، ގިނަ ގިނައިން ސަދަގާތް ކުރުމަށްވެސް ނަސޭހަތްތެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ނަލަނަލަ

  މި ކަމަކީ ވަރަށްވެސް ރަނގަޅުކަމެއް. އެހެން ނަމަވެސް ހިތާމަކުރަންޖެހޭ ކަމަކީ، މި ނަމާދު ކުރުމާއި ދުޢާކުރުމުގައި ތެދުވެރި އިޚުލާސްތެރިން ބޭނުން ނުކުރިކަން.

  15
  5
 2. މުހަންމާ

  ދެކުނަށް ބޯކޮށް ވާރޭ ވެހޭތީ އެއަތޮޅުގައި އިސްތިސްގާ ނަމާދެއްނުކުރޭ. ގޮރޭޓާމާލޭ އޭ ކިޔާތީ އެތަނުގައި ކުރާނަމާދުވެސް މުޅިރާއްޖެގައި ކުރަންޖެހެނީބާ؟

  6
  4