ކުރިއަށް އޮތް ރަމަޟާން މަހުގެ ރަހުމަތާއި، ނަރަކައިގެ ދިންނެވުން ލިބުމަށްޓަކައި ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަވަސްވެގަތުމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

"ރޯދަ މަހަށް އިސްތިޤުބާލު ކުރުން" މި މައުޟޫއަށް ރާއްޖެގެ އެކި ކަންކޮޅުތަކުަގައި އިއްވި ޚުތުބާގައި ވިދާޅުވެފައި ވަނީ، ރަމަޟާން މަހަކީ އިލާހީ ރަހުމަތް އިންތިހާއަށް ތަނަވަސްވެގެންވާ މައްސަރެއް ކަމަށެވެ. އަދި މިފަދަ ހެޔޮކަމުގެ މޫސުމެއް ﷲ މިންވަރުކުރެއްވުމުން އެ މަހުގެ ބޭނުން ހެޔޮގޮތުގައި ހިފާ ހެޔޮ އަމަލު ކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް ކުރިއަރައިދާން މަސައްކަތް ކުރަން ޖެހޭ ކަމާށް ޚުތުބާގައި ވިދާޅުވެފައި ވެއެެވެ.

"މި މާތް މައްސަރުގެ ރަހުމަތާއި، މުޣުފިރަތާއި، ނަރަކައިގެ ދިންނެވުން ލިބުމަށްޓަކައި ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަވަސްވެގަންނަމާ ހިނގާށެވެ" ޚުތުބާގައި ވެއެވެ.

މިއަދުގެ ޚުތުބާގައި ތައުބާވުމަށް އަލިއަޅުވާލާފައިވާއިރު، ޚުތުބާގައި ވަނީ، ތައުބާވުމަކީ ކުރެވުނު ކުށެއް ނުވަތަ ފާފައެއް ދޫކޮށްލުން ކަމަށާއި، އެކުށާއި މެދު ހިތާމަކޮށް ދެރަވުން އަދި ދުވަހަކުވެސް އެފަދަ ކުށެއް ނުކުރުމަށް ﷲގެ ހަޒްރަތުގައި އަޒުމް ކަނޑައެޅުން ކަމަށެވެ.

"މި ތިން ޝަރުތު ފުރިހަމަ ކުރުމުން އަޅާ އައި ﷲ އާ ދެމެދުގައި ވާނަމަ ވާ ހުރިހާ ފާފައެއް ﷲ ފުއްސަވާނެތެވެ. ނަމަވެސް މީހެއްގެ ހައްޤަކަށް އަރައިގެންފައިއިވާނަމަ އެ މީހެއްގެ ކިބައިން މައާފަށް އެދެން ޖެހޭނެއެވެ". މިއަދުގެ ޚުތުބާގައި ވެއެވެ.

މިއަދު ހުތުބާގައި ރޯދަ މަހުގައި ކުުރުން ރަނގަޅު ކަންކަމަށް ވަރަށް ބޮޑަށް އަލިއަަޅުވާލާފައި ވެއެވެ. އަދި މިއަދުގެ ޚުތުބާގައި ރޯދަ ހިފުމަށް ވަނީ ބާރުއަޅާފައެވެ. އަދި ކީރިތި ގުރުއާން ކިޔެވުމުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރުމާއި، ތަރާވީހު ނަމާދު ޖަމާއަތުގައި ކުރުމަށް ހުތުބާގައި ވަނީ ފާހަގަކުރައްވާފައވެެ. އަދި ރޯދައަށް ތިބެ ފަރުޟު ފަސް ނަމާދަށް ސަމާލުކަން ދިނުމަށްވެސް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. އަދި ދުއާ ކުރުމަަށްވެސް ހުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ.

އަދި ރަމަޟާން މަހުގައި އަންނަ ލައިލަތުގްގަދްރި ވިލޭރޭގެ މާތްކަމާއި މަތިވެރިކަމުވެ ވާހަކަވެސް ހުތުބާގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން އެއީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއްކަމާއި، އެރޭގެ ހެޔޮކަމުން މަހުރޫމްވުމަކީ ހުރިހާ ހެޔޮކަމުން މީހާ މަހުރޫމްވުން ކަމަށްވެސް ޚުތުބާގައި ވެއެވެ.