الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:
ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުކުރީއެވެ. އެމަހަކީ އެމަހެއްގެ ހެޔޮކަން އިތުރުވެ މީސްތަކުންގެ ފާފަ ފުއްސެވި ނަރަކައިން މިންޖު ކުރެވޭ މައްސަރެވެ. އަދި ރޯދަހިފުމާއި ޞަދަޤާތްކުރުމާއި އަދިވެސް އެނޫން ހެޔޮކަންތައްތަކުގައި ކުރިއަރައިގެން ދިޔުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭ މައްސަރެވެ. އެހެންކަމުން މިމަހުގެ ފިޤުހުތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިލިޔުމުގައި މިއަލިއަޅުވާލަނީ ރޯދަމަހުގައި ނިޔަތްގަތުމާއި ބެހޭގޮތުންނެވެ. އެގޮތުން ދެބަހެއް ޢިލްމުވެރިން މިމައްސަލާގައި ޒިކުރުކުރައްވާފައިވެއެވެ.
ހ. މުޅި ރޯދަ މަހަށް އެއްނިޔަތުން ފުދޭނެއެވެ.
ށ. ރޯދަމަހު ކޮންމެ ރެއަކަށް ރޭގަނޑު ނިޔަތް ގަންނަން ޖެހޭނެއެވެ.
މިމައްސަލާގައި ފުރަތަމަ ބަސް ވިދާޅުވަނީ މާލިކީ މަޒުހަބުގެ ޢިލްމުވެރިންނެވެ. އަދި އެއީ އިމާމު އަޙުމަދުގެ ފަރާތުން އައިސްފައިވާ ރިވާޔަތެކެވެ. އަދި ސަލަފުންގެ ބައެއް ބޭފުޅުން ކަމުގައިވާ ތާބިއީންގެ ކިބައިން މިބަސް ރިވާވެފައިވެއެވެ.
އަދި ޖުމްހޫރު ޢިލްމުވެރިންގެ ބަހަކީ ކޮންމެ ރެޔަކަށް ވަކިވަކިން ނިޔަތް ގަންނަން ޖެހޭނެއެވެ. އެއީ ޙަނަފިއްޔާ އަދި ޝާފިޢީ އަދި ޙަންބަލީ މަޒުހަބުގެ ރައުޔެވެ. އަދި އެބޭކަލުންގެ ދަލީލަކީ އަންނަނިވި ޙަދިޘެވެ.
(من لم يُجمِع الصيام قبل الفجر فلا صيام له)
މާނައަކީ: "ފަޖުރުގެ ކުރިން ރޯދައިގެ ނިޔަތް ޖަމާނުކުރާ މީހާއަށް ރޯދަނުވެއެވެ."
މިޙަދީޘަކީ އިބުނު ޢުމަރު އަދި ޙަފުސާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެފައިވާ ޙަދީޘެކެވެ. އަދި މިޙަދީޘްގައިވާ ލަފުޒުގެ ބަދަލުގައި ނިޔަތްގަތުމާއި ރޭކުރުން މިލަފުޒު ލައިގެން އެކިގޮތްގޮތަށް މިޙަދީޘް ރިވާވެފައިވެއެވެ. މިޙަދީޘް ރިވާކޮށްފައިވަނީ ޢާއިޝާ އަދި ޙަފުސާ އަދި މައިމޫނާ ރަޟިޔަﷲ ޢަންހާ ނަބިއްޔާގެ ބަސްފުޅެއްގެ ގޮތުގައެވެ. އަދި ޙަފުސާ ރަޟިޔަﷲ ޢަންހާގެ ބަސްފުޅެއްގެ ގޮތުގަޔާއި އަދި އިބުނު ޢުމަރުގެ ބަސްފުޅެއްގެ ގޮތުގައިވެސް ރިވާވެފައިވެއެވެ. މައްސަލަ އެފެދޭ ހިސާބަކީ މިއެވެ.
ޢާއިޝާ އަދި މައިމޫނާގެ ކިބައިން އައިސްފައިވާ ޙަދީޘް ޟަޢީފެވެ. އަދި ޙަފުސާ ރަޟިޔަﷲ ޢަންހާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ ގޮތުގައި ރިވާކޮށްފައިވާ ރިވާކުރުން ބަލިކަށި ކަމަށް އިމާމު ބުޚާރީ އަދި އިމާމް މާލިކް އަދި އިމާމު އަބޫ ދާވޫދު އަދި އިމާމު ތިރްމިޛީ އަދި އިމާމް ނަސާއީ އަދި އިމާމް އަޙުމަދު އަދިވެސް ޢިލަލްގެ ހުރިހާ ޢިލްމުވެރިން ބަޔާންކުރައްވައެވެ. މިފަދައިން އިމާމް އިބުނު ޤައްޔިމު ޒިކުރުކޮށްފައިވެއެވެ. އަދި ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ އަދި އިބުނު ކަޘިރު އަދި އިމާމު ދާރުޤުޠުނީވެސް މިފަދައިން ބަޔާންކުރައްވާފައެއެވެ. އަދި އިމާމު ބުޚާރީ އެއީ އިޡްތިރާބު ޙަދީޘެއްކަމަށް ބަޔާންކުރައްވާފައިވެއެވެ. (މާނައި އެކިގޮތްގޮތަށް ރިވާވެފައިވާ ބަލިކަށި ޙަދީޘެކެވެ). އަދި އެއީ ނަބިއްޔާގެ ޙަދީޘެއް ނޫންކަމަށް އިމާމު ބުޚާރީ އަދި އިމާމު ތިރްމިޛީ އަދި ނަސައީ އަދިވެސް ވަރަށް ގިނަ އިމާމުން ބަޔާންކުރައްވައެވެ.
އެޔާއެކު ޞައްޙަވެގެންވަނި އިބުނު ޢުމަރުގެ ބަސްފުޅެއްކަމުގައެވެ. އެފަދައިން އިމާމު ބުޚާރީ އަދި އިމާމް ތަޙާވީ ޒިކުރުކުރައްވާފައިވެއެވެ. އެހެނީ އިމާމު ޒުހުރީ ރިވާކުރައްވާފައިވަނީ މިފަދައިންނެވެ. މިޙަދީޘް ޢިލަލްގެ ބޮޑެތި އިމާމުން ބަލިކަށިކޮށްފައިވަނިކޮށް ސަނަދުގެ ބޭރުފުށަށް ބަލައި ޞައްޙަކޮށްފައިވާ ޞައްޙަކުރުން ބަލިކަށިވެގެންވެއެވެ. ސަބަބަކީ ޢިލަލަކީ ބޭރުފުށުން ޞައްޙަކަމަށް ފެނުނަސް ނުފެންނަ ސަބަބުގެ ސަބަބުން ބަލިކަށި ކުރާ ޙަދީޘެވެ.
އެހެންކަމުން މިޙަދީޘް ބަސްފުޅަކަށް ނުވުމާއެކު މުޅި ރޯދަމަހަށް ރޯދަހިފުމަށް އޮންނަ ބަސް ހުއްދަވެގެން ދެއެވެ.
އަދި އެޔާއެކު މީހަކު ހާރުކައި ހަދާނަމަ އޭނާ އެވަނީ ނިޔަތުގެ މަތީގައިކަމަށް ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ޒިކުރުކުރައްވާފައިވެއެވެ. އެޔާއެކު ދުލުން ނިޔަތް ކިޔުމަކީ ބިދުޢައެކެވެ. އަދި އެޔާއެކު ޙައިޟު ނިފާސް ދަތުރުވެރިކަމުގެ ސަބަބުން ރޯދަހިފުމަށް މެދުކެނޑުމެއް އަތުވެއްޖެނަމަ އަލުން ނިޔަތް ގަންނަން ޖެހޭނެ ކަމަށް ޝެއިޚު އިބުނު ޢުޘައިމީން ފަތުވާ ދެއްވާފައިވެއެވެ. އަދި މުޅި ރޯދަމަހަށް އެއްކޮށް ނިޔަތްގަތުން ހުއްދަކަމަށް ކުވައިތުގެ މައުސޫއަތުލް ފިޤުހިއްޔާގައި އަދި ޝެއިޚު ތުވައިޖަރީ އަދި ޝެއިޚު އިބުނު ޢުޘައިމީންވެސް ފަތުވާ ދެއްވާފައިވެއެވެ.
ޚުލާސާއަކީ: މުޅި ރޯދަމަހަށް އެއްބުރުން ނިޔަތްގަތުން ހުއްދަވެގެންވެއެވެ. އެއީ ސަލަފުންގެ ބައެއް ބޭފުޅުންނާއި އިމާމު މާލިކު އަދި އިމާމު އަހުމަދުގެ ބަސްފުޅެވެ. ފަހުގެ ޢިލްމުވެރިން ތެރެއިން ޝެއިޚު އިބުނު ޢުޘައިމީން އަދި ތުވައިޖަރީ އަދިވެސް އެނޫން ބޭފުޅުންގެ ބަސްފުޅެވެ. އަދި އެޔާއެކު ޖުމްހޫރު ޢިލްމުވެރިންގެ ބަހުގެ މަތިން ކޮންމެ ރެޔަކަށް ނިޔަތްގަތްކަމުގައިވެސް މައްސަލައެއްނޫނެވެ.
والله أعلم وصلى الله وسلم على محمد وآله وصحبه أجمعين. آمين.