الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين وبعد:

ރޯދައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މައްޗަށް ކުރަން ކަނޑައަޅުއްވާފައިވާ އެންމެ މަތިވެރިއެއް އަމަލެވެ. އެއަމަލުގެ މާތްކަންހުރީ އެހެންހުރިހާ މިޢަމަލަކީ ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޚާއްޞަވެގެންވާ އަޅުކަމެއްކަމުގައި އެއިލާހު ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާކަމަށް ޤުދުސީ ޙަދީޘެއްގައި ރިވާވެގެންވެއެވެ.

(كُلُّعَمَلِابْنِآدَمَلَهُإِلَّاالصِّيَامَفَإِنَّهُلِيوَأَنَاأَجْزِيبِهِ) متفقعليه (رواهالبخاري: 1805 ومسلم: 1151)

މާނައީ: "އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލެއްވެސް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. އެކަންވަނީ ތިމަންއިލާހަށެވެ. އަދި ތިމަންއިލާހު އެކަމަށް ޖަޒާދެއްވާހުށީމެވެ."

އެހެންކަމުން މިފަދަ މަތިވެރި އަޅުކަމެއްގެ ސަވާބު އެންމެ ފުރިހަމަ ގޮތުގައި ލިބުމަށްޓަކައި އެއަޅުކަމެއްގައި ﷲ އާއި ރަސޫލާ ކުރުމަށް އަންގަވާފައިވާ ކަންކަން ކުރުމަކީ ﷲގެ އެމަތިވެރި ޖަޒާ އެންމެ ފުރިހަމައަށް ލިބޭނެ ގޮތެވެ. އެހެންކަމުން ތިރީގައި އެވަނީ ރޯދައަށް ހުންނަ މީހާ އެންމެ ބޮޑަށް ސަމާލުކަންދޭން ރޯދައިގެ އެންމެ މަތިވެރިވެގެންވާ ސުންނަތްތަކެވެ.

  1. ހާރުކެއުމާއި އަދި ހާރުކެއުން ލަސްކުރުން.

ހާރުކެއުމަކީ ރޯދައިގެ އެންމެ މަތިވެރިވެގެންވާ އެއްސުންނަތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (تَسَحَّرُوافَإِنَّفِيالسَّحُورِبَرَكَةً) متفقعليه (رواهالبخاريومسلم)

މާނައީ: "ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހާރަށްކާ ކެއުމުގައި ބަރަކާތްވެއެވެ"

އަދި ހާރުކެއުން ލަސްކުރުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވާ ކަމެކެވެ. އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހާރުފަރިއްކުޅުވަނީ ފަތިސްވުމުގެ އިރުކޮޅެއްކުރީންނެވެ.

عَنْأَنَسِبْنِمَالِكٍأَنَّزَيْدَبْنَثَابِتٍحَدَّثَهُأ:َنَّهُمْتَسَحَّرُوامَعَالنَّبِيِّصَلَّىاللَّهُعَلَيْهِوَسَلَّمَثُمَّقَامُواإِلَىالصَّلَاةِقُلْتُكَمْبَيْنَهُمَاقَالَقَدْرُخَمْسِينَأَوْسِتِّينَيَعْنِيآيَةً. رواهالبخاري: 550.

އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހު ޒައިދު ބިން ޘާބިތް ރަޟިޔަﷲ ޢަންހު އެކަލޭގެފާނަށް ބަޔާންކޮށްދެވިކަމަށް ރިވާކުރައްވައެވެ. އެބޭކަލުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކު ހާރުފަރިއްކުޅުވިއެވެ. އެޔަށްފަހު އެބޭކަލުން ފަތިސްނަމާދު ކުރުމަށް ތެދުވެވަޑައިގަތެވެ. ދެންނެވީމެވެ. އެދެމެދުގައި ކިހާއިރެއްވާނެ ހެއްޔެވެ؟ (ޒައިދު ބިން ޘާބިތް ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. "ފަންސާސް ނުވަތަ ފަސްދޮޅަސް އާޔަތުގެ މިންވަރެވެ."

އެބަހީ ކިޔަވާހާ މިންވަރެވެ. އެއީ ގާތްގަނޑަކަށް ދިހަމިނިޓްވަރެވެ.

  1. ރޯދައަށް ހުރެގެން ފާޙިޝްވާހަކަ ނުދެއްކުމާއި އަދި ޖާހިލުޢަމަލުތައް ނުކުރުން.
  2. ރޯދައަށް ހުރެގެން ޒުވާބުނުކުރުން.
  3. އަދި ރޯދައަށް ހުރެގެން މީހަކު ޒުވާބުކޮށް ހަދާނަމަ ރޯދައަށް ހުރިކަމަށް ބުނެ އެތަނުން ދުރަށް ދިޔުން.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(إِذَاأَصْبَحَأَحَدُكُمْيَوْمًاصَائِمًافَلاَيَرْفُثْوَلاَيَجْهَلْفَإِنِامْرُؤٌشَاتَمَهُأَوْقَاتَلَهُفَلْيَقُلْإِنِّيصَائِمٌإِنِّيصَائِمٌ ) متفقعليه. (اللفظلمسلم: 2563)

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މީހަކު ދުވަހެއްގައި ރޯދައަށް ހުރެއްޖެނަމަ ފާހިޝްވާހަކަތައް ނުދައްކާށެވެ. އަދި ޖާހިލުކަމުގެ ޢަމަލުތައް ނުކުރާށެވެ. އަދި މީހަކު ތިބާއަށް އެއްޗެހިކިޔާ ނުވަތަ ލަޢުނަތްދީފިނަމަ އެމީހަކަށް ބުނާށެވެ. އަހަރެން މިހުރީ ރޯދައަށެވެ. އަހަރެން މިހުރީ ރޯދައަށެވެ."

  1. ގިނަގިނައިން ޤުރުއާން ކިޔެވުމާއި ޒިކުރުކުރުމާއި ޤުރުއާނަށް ވިސްނާ ފިކުރުކުރުން.
  2. ދީލަތިވެ ގިނަގިނައިން ޞަދަޤާތްކުރުން.

އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިކަން ރަމަޟާންމަހުގަޔާއި އަދި ރޯދަހިއްޕަވާއިރު ގިނަގިނައިން ކުރައްވާ އަދި ރޯދަމަހު އިތުރަށް ދީލަތިވެ ވަޑައިގަންނަވައެވެ.

  1. ގިނަގިނައިން ދުޢާކުރުން.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(ثَلَاثَةٌلَاتُرَدُّدَعْوَتُهُمْ : الْإِمَامُالْعَادِلُ،وَالصَّائِمُحَتَّىيُفْطِرَ،وَدَعْوَةُالْمَظْلُومِ) رواهأحمد: 8043 وصححهشعيبالارنعوطوغيرهمنالعلماء.

މާނައީ: "ތިންމީހެއްގެ ދުޢާ ރައްދުނުކުރެއްވެއެވެ: ޢަދުލުވެރި ވެރިޔާ އަދި ރޯދަވެރިޔާ އޭނާގެ ރޯދަވީއްލައްޖައުމަށް ދާންދެން އަދި އަނިޔާލިބޭމީހާ)

  1. ރޯދަވީއްލުން އަވަސްކުރުން.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(لايَزَالُالنَّاسُبِخَيْرٍمَاعَجَّلُواالْفِطْرَ ) متفقعليه (رواهالبخاري: 1957 ومسلم: 1098)

މާނައީ: "މީސްތަކުންވަނީ ރޯދަވިއްލުން އަވަސްކުރާހާ ހިނދަކު ހެޔޮކަމުގެ މަތީގައެވެ." ސަބަބެއްކަމުގައި ޙަދީޘްގައި ބަޔާންވެފައިވަނީ އެއީ ޔަހޫދީންނާއި ނަޞާރާއިން ރޯދަވީއްލުން ލަސްކުރާތީއެވެ.

(لأَنَّالْيَهُودَوَالنَّصَارَىيُؤَخِّرُونَ) رواهأبوداود (2353) وصححهالألباني.

މާނައީ: "ސަބަބަކީ ޔަހޫދީންނާއި ނަޞާރާއިން ރޯދަވީއްލުން ލަސްކުރާތީއެވެ." މިޙަދީޘުން ޔަހޫދީންނާއި ނަސާރާއިންނަށް ރޯދަހިފުންވާކަމާއި އަދި އެމީހުން ރޯދަހިފިކަމަށް ދަލީލުކުރެއެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަސްކުރުމަށް އަމުރުކުރެއްވުމުންނެވެ.

 

  1. ކަދުރުން ނުވަތަ ފެނުން ރޯދަވީއްލުން.

އެންމެ މޮޅުއިތުރުވެގެންވަނީ ރުޠަބުން (ރޯކަދުރުން) ރޯދަވީއްލުމެވެ. ނުލިބުނުނަމަ ހިކިކަދުރުން ރޯދަވިއްލާނީއެވެ. އެޔަށްފަހު ފެނުންނެވެ. އަނަސް ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ.

كَانَرَسُولُاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَ يُفْطِرُعَلَىرُطَبَاتٍقَبْلَأَنْيُصَلِّيَفَإِنْلَمْتَكُنْرُطَبَاتٌفَعَلَىتَمَرَاتٍفَإِنْلَمْتَكُنْحَسَاحَسَوَاتٍمِنْمَاءٍ " رواهأحمد (12265) وأبوداوود (2356)

މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުކުރެއްވުމުގެ ކުރިން ރުތަބުން(ރޯކަދުރުތަކަކުން)ރޯދަވީއްލަވައެވެ. ރޯކަދުރުނޫންނަމަ ހިއްކިކަދުރުންނެވެ. ހިއްކިކަދުރުން ނޫންނަމަ ފެންކޯވަރުތަކަކުންނެވެ."

 

  1. ރޯދަވީއްލާއީރު ދުޢާކުރުން.

ރޯދަވީއްލާއިރު ދުޢާކުރުމަކީވެސް އިޖާބަވެގެންވާ ކަމެކެވެ. އެހެނީ ރޯދަވީއްލާވަޤުތަކީ ބަރަކާތްތެރިވެގެންވާ ވަޤުތެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(إِنَّلِلصَّائِمِعِنْدَفِطْرِهِلَدَعْوَةًمَاتُرَدُّ) رواهابنماجه 1753 وحسنهابنحجر.

މާނައީ: "ރޯދަވެރިޔާއަށް ރޯދަވީއްލާހިނދު ރައްދު ނުކުރައްވާނެ ދުޢާއެއް ވެއެވެ."

އެބަހީ އެވަޤުތު ކުރާ ދުޢާ އިޖާބަކުރައްވައެވެ. މި ޙަދީޘްގައި ޟައުފެއް ހުރިކަމުގައިވިޔަސް ވަރަށް ގިނަ ޢިލްމުވެރިން މި ޙަދީޘް ޞައްޙަކުރައްވައެވެ. އަދި މިޙަދީޘަކީ ޙަސަނު ޙަދިޘެކެވެ. އަދި ޞަޙާބީންނާއި ސަލަފުންގެ ކިބައިން ރޯދަވީއްލާއިރު ދުޢާކުރުން ސާބިތުވެގެންވެއެވެ. އަދި ދުޢާކުރާނެ ވަޤުތަކީ ރޯދަވިއްލުމަށްފަހުގައެވެ. އަދި ރޯދަވީއްލުމުގެ ކުރިންވެސް ދުޢާކުރެވިދާނެއެވެ. ނަމަވެސް ދުޢާކުރާނީ އަތްނުނަގައެވެ. ރޯދަވީއްލާއިރު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަތް ނަންގަވައިގެން ދުޢާކުރެއްވިކަމަށް ސާބިތުވެގެންނުވާކަމަށް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.

 

  1. ރޯއްދަވީއްލާއިރު ކިޔުން ސުންނަތް ދުޢާ.

ރޯދަވީއްލާއިރު ކިޔުން ސުންނަތް ވެގެންވާ ދުޢާއަކީ އަންނަނިވި ދުޢާއެވެ. އެހެނީ މިދުޢާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކިޔުއްވި ކަމަށް ރިވާވެގެންވެއެވެ.

(ذَهَبَ الظَّمَأُ وَابْتَلَّتْ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ) رواه أبو دواد: 2357 و حسن اسناده دارقطني و الألباني.

މާނައީ: "ކަރުހިއްކުން ފިލައްޖެއެވެ. އަދި (ކަރުހިއްކުމުގެ ސަބަބުން ފެންމަދުވުމަށްފަހު)ނާރުތައް ތެމިއްޖެއެވެ. އަދި އަޖުރު ސާބިތުވެއްޖެއެވެ. إن شاء الله"

 

 

  1. އެހެންމީހުންނަށް ރޯދަވީއްލުން ދިނުން.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا) رواه الترمذي (807) و صححه الألباني.

މާނައީ: "ރޯދަވެރިޔަކަށް ރޯދަވީއްލުން ދީފިމީހަކަށް ރޯދަވެރިޔާއަށް ލިބުނު ސަވާބު ލިބިގެންވެއެވެ. އެޔާއެކު ރޯދަވެރިޔާގެ ރޯދައިން އެއްވެސް ސަވާބެއް އުނިވުމެއްނެތިއެވެ."

މިއީ ރޯދަވެރިންނަށާއި އަދި ރޯދަނޫން މީހުންނަށްވެސް ވާ ސުންނަތެކެވެ. ސަލަފުންގެ ބޭކަލުން އެހެންމީހުންނާއި އެކު ރޯދަވީއްލުމަށް ލޯބިކުރައްވައެވެ. އިބުނު ޢުމަރު ރަޟިޔަﷲ ޢަންހު މިސްކީނުންނާއި އަދި ޔަތީމުންނާއި އެކު ރޯދަވީއްލަވައެވެ.

 

  1. ތަރާވީޙް ނަމާދުކުރުމާއި ރޭއަޅުކަންކުރުން.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) متفق عليه ( رواه البخاري: 37 و مسلم: 759)

މާނައީ: "ރޯދަމަހު އީމާންތެރިކަމާއި އެކު ސަވާބަށް އުއްމީދުކުރާ ހާލު ރޭއަޅުކަންކޮށްފިމީހާގެ އިސްވެ ދިޔަ ހުރިހާ ފާފައެއް ފުއްސެވޭހުއްޓެވެ."

  1. އިޢުތިކާފަށް އިނުން.

އިޢުތިކާފަށް އިނުމަކީ މިސްކިތުގައި ﷲގެ މަތިން ހަނދުމަކޮށް ޤުރުއާން ކިޔަވާ އަޅުކަންކުރުމަށް މަޑުކުރުމެވެ. މިފަދައިން އިނުމަކީ މުޅި ރޯދަމަހުގައި ސުންނަތެކެވެ. އަދި އެންމެ މޮޅު އިތުރުވެގެންވަނީ ފަހުދިހައިގައި އިނުމެވެ.

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ.

(كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ) متفق عليه ( رواه البخاري: 2025 و مسلم: 1171)

މާނައީ: "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަމަހުގެ ފަހު ދިހައެއްގައި އިޢުތިކާފަށް އިންނަވައެވެ."

ވީމާ ރޯދަމަހުގެ މާތްކަން ލިބިގަންނަން އެދޭ މީހާ މި ސުންނަތް ތަކަށް ފަރުވާތެރިވުމަކީ ވަރަށް އެދެވގެންވާ ކަމެކެވެ. އޭރުން އެމީހަކަށް ރޯދައިގެ ސަވާބު އޭގެ އެންމެ ފުރިހަމައަށް ލިބުމަށް މަގުފަހިވެގެންދާނެއެވެ. ވީމާ ދުޢާއަކީ މިފައިދާ ހުރި ސުންނަތްތައް އަދާކުރުމުގެ ތައުފީޤު ރޯދަމަހާއި އަދި އެނޫން ވަޤުތުތަކުގައިވެސް ރޯދަހިފާއިރު ދެއްވުމެވެ. ރޯދަމަހަށް ޚާއްޞަ ބައެއް ސުންނަތްތައް އަދާކުރާނީ ރޯދަމަހު އެކަންޏެވެ.

وصلى الله وسلم على محمد و آله وصحبه وسلم. والحمد لله رب العالمين.

ކިޔުންތެރިންގެ ހިޔާލު