الحم لله رب العالمين. الصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ކީރިތި ޤުރުއާނުގެ ފުރަތަމަ ސޫރަތަކީ ސޫރަތުލް ފާތިޙާއެވެ. އަދި އެޔަށްފަހު ސޫރަތުލް ބަޤަރާއެވެ. ފުރަތަމަ ސޫރަތުން ފެށިގެން ގޮސް ސޫރަތުލް ބަޤަރާ ކިޔަވަމުން ދާއިރު އަޅުގަނޑުމެންނަށް އެފޮތުގައި އެންމެ ފުރަތަމަ އަމުރެއްގެ ގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ކުރެއްވި އަމުރުފުޅެއްގެ ގޮތުގައި ފެންނަން އޮތް އަމުރުފުޅަކީ އެފޮތުގައި އިންސާނުންނަށް ކުރެވިފައިވާ ފުރަތަމަ އަމުރުފުޅެވެ. ފުރަތަމަ ﷲ ކުރަން އެންގެވި ކަމެވެ. އެހެނީ އެކަމުން އެއަމުރުފުޅުގެ މުހިންމުކަން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.

މާނައީ: "އޭ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ. އެކަލާނގެއީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ."

މިއާޔަތުގެ ތަފުސީރުގައި ތަފްސީރު އިބުނު ކަޘީރުގައި އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. "( يَاأَيُّهَاالنَّاسُاعْبُدُوارَبَّكُمُ) މާނައީ: އޭމީސްތަކުންނޭވެ. ތިޔަބައިމީހުންގެ ވެރިރައްބަށް އަޅުކަން ކުރާށެވެ. (މިތަނުގައި މުޚާތަބުކޮށްފައިއެވަނީ މުނާފިޤުންނާއި އަދި ކާފަރުންކަމުގައިވާ ދެބައިމީހުންނަށެވެ. އެބަހީ ތިޔަބައިމީހުންނާއި ތިޔަބައިމީހުން ކުރިން ހެއްދެވި އިލާހު އެއްކައުވަންތަ ކުރާށެވެ."

މިތަނުގައި އަޅުކަމުގެ މުރާދެއްކަމުގައި އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވަނީ އެތަނުގައި އެވާ އަޅުކަމުގެ މުރާދަކީ ﷲ އެއްކައުވަންތަ ކުރުން ކަމެވެ. އެހެނީ އަޅުކަން އަޅުކަމަކަށް ވާހުށީ ﷲ އެއްކައުވަންތަ ކޮށްގެންނެވެ. ﷲ އެއްކައުވަންތަ ކުރުމަށް ޢަރަބި ބަހުން ކިޔާނަމަކީ ތައުޙީދެވެ.

އަދި ތަފުސީރު ބަޣަވީގައި މިއާޔަތުގެ ތަފުސީރުގައި އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ.

"ކީރިތި ޤުރުއާނުގައި ޢިބާދާ( އަޅުކަން ކުރުން) ރިވާވެފައިވާ ކޮންމެ ތަނެއްގެ މުރާދަކީ ތައުޙީދެވެ (އެބަހީ ﷲ އެއްކައުވަންތަ ކުރުމެވެ."

އެހެންކަމުން ދެކަމެއް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ.

ފުރަތަމަކަމަކީ ކީރިތި ޤުރުއާނުގައި ﷲ އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ތައުޙީދަށް އަމުރު ކުރެއްވުމެވެ. ތައުޙީދަކީ ﷲ އެއްކައުވަންތަ ކުރުމެވެ.

ދެވަނަ ކަމަކީ ކީރިތި ޤުރުއާނުގައި ޢިބާދާ ނުވަތަ އަޅުކަން އައިސްފިކަމުގައިވާނަމަ އޭގެ މުރާދަކީ ﷲ އެއްކައުވަންތަ ކުރުމެވެ.

ﷲ އެއްކައުވަންތަ ކުރުމަކީ ހުރިހާ ނަބީބޭކަލުންވެސް ވަޑައިގެން އެންމެ ފުރަތަމަ ދެއްވާ މެސެޖެވެ.

ނޫޙު ޢަލައިހިއް ސަލާމް އެކަލެގޭފާނުގެ ޤައުމަށް ގޮވާލެއްވިއެވެ.

މާނައީ: " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެމީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ ތިޔަބައިމީހުން اللَّهއަށް އަޅުކަން ކުރާށެވެ "

މިތަނުގައި އަޅުކަން ކުރުމުގެ މުރާދަކީ ﷲ އެއްކައުވަންތަ ކުރުމެވެ. ތައުޙީދުގެ ވާހަކައެވެ.

އަދި ހޫދު ޢަލައިހިއްސަލާމް އަދި ލޫތު ޢަލައިހިއްސަލާމް އަދި ޞާލިޙު ޢަލައިހިއްސަލާމް އަދި ޝުޢައިބު ޢަލައިހިއްސަލާމް ވަޑައިގެން އެންމެ ފުރަތަމަ ގޮވާލެއްވީވެސް މިކަމަށެވެ. މިކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށް ﷲ އަމުރުކުރެއްވި ކަމަކީ މިއެވެ. ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ."

މިކަމުގެ މުހިންމުކަން އެނގިގެންދަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް ﷲ އެންމެ ފުރަތަމަ އަމުރުކުރެއްވި ކަމަކީ މިއެވެ. އެހެނީ ނަމާދު ފަރުޟު ކުރެއްވުނީ ހިޖުރީ ސަނަތުން ދިހަވަނަ އަހަރުގައެވެ. އޭގެ ކުރިން ހުރިހާ އަހަރެއް ނަބިއްޔާ ހުންނެވީ ތައުޙީދަށް ނުވަތަ ﷲ އެއްކައުވަންތަ ކުރުމަށް ގޮވާލެއްވުމަށްޓަކައެވެ. އެހެންކަމުން ﷲ އެއްކައުވަންތަ ކުރުން ނުވަތަ ތައުޙީދުގެ މުހިންމުކަން އެނގިގެން ދެއެވެ.

އަދި ހުރިހާ ހެޔޮ ޢަމަލެއް ޞައްޙަވަނީ ދެ ޝަރުތެއް ލައިގެންނެވެ. ފުރަތަމަ ޝަރުތަކި އިޚުލާޞްތެރިކަމެވެ. ދެވަނަ ޝަރުތަކީ ނަބިއްޔާގެ ސުންނަތަށް ތަބާވުމެވެ. އެއީ ޝަހާދަތުގެ ފުރަތަމަ ބައިގައި އަންނަ ﷲ އެއްކައުވަންތަ ކޮށް ޝިރުކުން ބަރީޢަވާނެ ކަމަށް އެއްބަސްވާ ބަޔާއި އަދި ދެވަނަ ބައިގައި އަންނަ ނަބިއްޔާއަށް ތަބާވުމުގެ ބައެވެ. އެހެނީ އެއްވެސް އަމަލެއް އެދެބަޔާއި ނުލައި ޞައްޙަ ނުވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(يخرجُ من النارِ من قال: لا إلهَ إلَّا اللهُ، وكان في قلبِه مثقالُ شعيرةٍ من خيرٍ، ويخرجُ من النارِ من قال: لا إلهَ إلَّا اللهُ، وكان في قلبِه مثقالُ برَّةٍ من خيرٍ، ويخرجُ من النارِ من قال: لا إلهَ إلَّا اللهُ، وكان في قلبِه مثقالُ ذرَّةٍ من خيرٍ) رواه ابن ماجه في سننه.

މާނައީ: "ޝަހާދަތުގެ ކަލިމަކަމުގައިވާ لاإله إلا الله ކިޔައިފި މީހަކު އޭނާގެ ހިތުގައި ހިމަގޮދަނެއްގެ މިންވަރުގެ ހެޔޮކަންވާ މީހާވެސް ނަރަކައިން ނުކުންނަ ހުއްޓެވެ. އަދި ގޮދަނެއްގެ ބަރުދަނުގެ ހެޔޮކަން އެމީހެއްގެ ހިތުގައިވާ މީހާވެސް لا إله إلا الله ކިޔައިފައި ވާނަމަ ނަރަކައިން ނުކުންނަ ހުއްޓެވެ. އަދި އެމީހެއްގެ ހިތުގައި ޒައްރެއްގެ މިންވަރުވެސް ހެޔޮކަން ވާ މީހާ لاإله إلا الله ކިޔައިފައިވާނަމަ ނަރަކައިން ނުކުންނަ ހުއްޓެވެ."

މިކަމުން ޝަހާދަތުގެ ކަލިމަ ނުވަތަ ތައުހީދުގެ ކަލިމައިގެ މާތްކަން އެނގެއެވެ. އެހެނީ އެއީ ﷲގެ އެއްކައުވަންތަކަމުގެ މައްޗަށް ހެކިވާ ކަލިމައެވެ. މިކަމުން މިޢަމަލަކީ އެންމެ މާތް ޢަމަލުކަމާއި އަދި އެންމެ ފުރަތަމަ އަދާކުރަން ޖެހޭ ޢަމަލުކަމާއި އެންމެ ހެޔޮވެގެންވާ ޢަމަލުކަމާއި އަދި ޤުރުއާނުގައި އެންމެ ފުރަތަމަ ކުރެއްވުނު ޢަމުރުފުޅުކަން އެނގިގެން ހިނގައްޖެއެވެ.

والله أعلم وصلى الله وسلم على محمد و آله وصحبه أجمعين. آمين.