الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ހާރު ކެއުމަކީ ރޯދައިގެ މުހިންމު ސުންނަތް ތަކުގެ ތެރެއިން އެންމެ މުހިންމު ސުންނަތެވެ. ހާރު ކެއުމަކީ ވަރަށް މާތްވެގެންވާ އަޅުކަމެކެވެ. އަދި ޔަހޫދީންނާއި ނަޞާރާއިންނާއި ޚިލާފުވުމަށްޓަކައި ރޯދަހިފާއިރު ކުރުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވާ ޢަމަލެކެވެ.

އެގޮތުން ހާރުކެއުމާއި ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً) رواه البخاري ومسلم.

މާނައީ: "ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތްވެއެވެ."

މި ޙަދީޘްގެ ޝަރަހާގައި އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ.

"ޢިލްމުވެރިން ހާރުކެއުމުގެ ސުންނަތް ކަމަށް އިޖުމާޢުވެވަޑައިގެންފައިވެއެވެ. އެކަމަކީ ވާޖިބެއްނޫނެވެ. އަދި އެކަމުގައިވާ ބަރަކާތް ހިމެނެނީ ބޭރުފުށަށެވެ. އެއީ ރޯދަހިފުމަށް ވަރުގަދަ ވެގެންދާތީއެވެ. އަދި މީހާއަށް އެކަމުން ހަރަކާތްތެރިކަން ލިބިގެންދެއެވެ." އަދިވެސް ވިދާޅުވެފައިވެއެވެ. "އަދި އެމާތްވެގެންވާ ވަޤުތުގައި ހޭލައި ޒިކުރުކޮށް ދުޢާކޮށް ފާފަފުއްސެވުން އެދި ދެންނެވުންވެސް ހިމެނެއެވެ. އެއީ ރަޙުމަތް ފައިބާ ވަޤުތެކެވެ. އަދި ދުޢާ އިޖާބަކުރެއްވޭ އަދި ފާފަ ފުއްސެވޭ ވަޤުތެކެވެ."

ހާރުކެއުމުގެ ވަޤުތަކީ ހާރުދަން ވަޤުތު ނުވަތަ ފަތިސްވުމުގެ ކުރީވަޤުތެވެ. އަދި އެންމެ މޮޅު އިތުރުވެގެންވާ ވަޤުތަކީ އެއީއެވެ. އަދި ދުޢާއިޖާބާ ކުރެއްވޭ ވަޤުތަކީ އެއީއެވެ. އެކަން އަންނަނިވި ޙަދީޘުން އެނގިގެންދެއެވެ.

(عَنْ أَنَسِ بْنِ مَالِكٍ أَنَّ زَيْدَ بْنَ ثَابِتٍ حَدَّثَهُ أَنَّهُمْ تَسَحَّرُوا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ قَامُوا إِلَى الصَّلَاةِ قُلْتُ كَمْ بَيْنَهُمَا قَالَ قَدْرُ خَمْسِينَ أَوْ سِتِّينَ يَعْنِي آيَةً) رواه البخاري في صحيحه.

މާނައީ: "އަނަސް ބިން މާލިކްގެ ކިބައިން ޒައިދު ބިން ޘާބިތު ކިޔައިދެއްވިކަމަށް ރިވާވެގެންވެއެވެ. އެބޭކަލުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކު ހާރުކޭން ބެއްލެވިއެވެ އެޔަށްފަހު ނަމާދަށް ތެދުވެ ވަޑައިގަތެވެ. ދެންނެވީމެވެ. އެދެމެދުގައިވީ ކިހާ އިރެއްހެއްޔެވެ؟ ވިދާޅުވިއެވެ. "އެއީ ފަންސާސް ނުވަތަ ފަސްދޮޅަސް އާޔަތެވެ. (ކިޔަވާހާ މިންވަރެވެ.)

އެއީ ގާތްގަނޑަކަށް ދިހަވަރަކަށް މިނިޓެވެ.

އަދިވެސް ހާރުކެއުމަކީ ޔަހޫދީންނާއި ނަސާރާއިންނާއި ޚިލާފުވެގަތުމެއްކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވެއެވެ.

(فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَرِ) رواه مسلم في صحيحه
މާނައީ: " އަހަރެމެންގެ ރޯދައާ އަދި އަހުލުކިތާބީންގެ ރޯދަޔާއި ތަފާތުކޮށްދޭ ކަމަކީ ހާރުކެއުމެވެ."

އަހުލު ކިތާބީންނަކީ ޔަހޫދީންނާއި ނަޞާރާއިންނެވެ. އަދި މުސްލިމުންގެ އަޅުކަންތަކުގަޔާއި އަދިވެސް ޢާންމު ދިރިއުޅުމުގައިވެސް އެބައިމީހުންނާއި އެބައިމީހުންގެ ޚާއްޞަ ކަންކަމުގައި ޚިލާފުވުމަކީ މިއުއްމަތަށް ނަބިއްޔާ ޞައްލަﷲ އަންގަވާފައިވާ ކަމެކެވެ.

ހާރުކެއުމަށް ފެންފޮދެއްވެސް ނުވަތަ ކިރު ނުވަތަ ކަދުރުވެސް ބޭނުންކުރެވިދާނެއެވެ. ކޮންމެހެން މާގިނައިން ކެއުން ލާޒިމެއްނޫނެވެ. އެހެން ކަމުން ރޯދައިގެ މަތިވެރިވެގެންވާ މިސުންނަތް އަދާކުރާ ބައެއްކަމުގައި އަޅުގަނޑުމެން ލައްވައި ރޯދަ ފުރިހަމަ ގޮތުގައި ހިފާ ބައެއްކަމުގައި ލައްވާށިއެވެ.

وصلى الله وسلم على محمد وآله صحبه .أجمعين

ކިޔުންތެރިންގެ ހިޔާލު