الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

(مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ، وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا) سورة النساء: 80

މާނައީ: "ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ."

މިއާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ކިޔަމަންވާ މީހާގެ ސިފައަކީ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުން ކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ. ސަބަބަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޤުރުއާނާއި އެކުގައި ސުންނަތްވެސް ދެއްވުނެވެ. އަދި ސުންނަތަކީވެސް ވަޙީއެވެ. އިސްލާމްދީނޭ ކިޔެނީ އެދެކަމުގެ މައްޗަށެވެ. އެހެންކަމުން ﷲ ތަބާވާ މީހަކަށް ވެވޭނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވެގެންނެވެ.

މިއާޔަތުގެ ތަފުސީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

(يخبر تعالى عن عبده ورسوله محمد صلى الله عليه وسلم بأنه من أطاعه فقد أطاع الله ، ومن عصاه فقد عصى الله ، وما ذاك إلا لأنه ما ينطق عن الهوى ، إن هو إلا وحي يوحى .)

މާނައީ: "ﷲ ތަޢާލާ މިއާޔަތުގައި ޚަބަރު އެދެއްވަނީ އެއިލާހުގެ އަޅާ އަދި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވސައްލަމައާ މެދުގައެވެ. ސަބަބަކީ ނަބިއްޔާއަށް ތަބާވެއްޖެ މީހާ ފަހެ ﷲއަށް ތަބާވެއްޖެއެވެ. އަދި ނަބިއްޔާއަށް އުރެދިއްޖެމީހާ ފަހެ ﷲއަށް އުރެދިއްޖެއެވެ. އަދި އެކަމުގެ ސަބަބަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެކަލޭގެފާނުގެ އަމިއްލަ ނަފުސަށް ވާހަކަ ފުޅު ދައްކަވާ ބޭކަލެއްނޫނެވެ. ނަމަވެސް އެކަލޭގެފާނުގެ ބަސްފުޅުތަކަކީ ﷲ ޙަޟްރަތުންވާ ވަޙީއެވެ."

އެޔަށްފަހު އިމާމު އިބުނު ކަޘީރު އަންނަނިވި ޙަދީޘް ގެންނަވާފައިވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޙަދީޘްކުރެއްވިއެވެ.

(من أطاعني فقد أطاع الله ، ومن عصاني فقد عصى الله ومن أطاع الأمير فقد أطاعني ، ومن عصى الأمير فقد عصاني " )

މާނައީ: "ތިމަންކަލޭގެފާނަށް ތަބާވެއްޖެ މީހާ ފަހެ ﷲއަށް ތަބާވެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެމީހާ ފަހެ ﷲއަށް އުރެދިއްޖެއެވެ. އަދި ވެރިމީހާއަށް ތަބާވެއްޖެމީހާ ތިމަންކަލޭގެފާނަށް ތަބާވެއްޖެއެވެ. އަދި ވެރިމީހާއަށް އުރެދިއްޖެމީހާ ފަހެ ތިމަންކަލޭގެފާނަށް އުރެދިއްޖެއެވެ."

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވާ ކޮންމެ މީހެއް ސުވަރުގެ ވަދެއްޖެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلَّا مَنْ أَبَى قَالُوا يَا رَسُولَ اللَّهِ وَمَنْ يَأْبَى قَالَ مَنْ أَطَاعَنِي دَخَلَ الْجَنَّةَ وَمَنْ عَصَانِي فَقَدْ أَبَى) رواه البخاري.

މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ ކޮންމެ މީހެއްވެސް ސުވަރުގެ ވަންނަ ހުއްޓެވެ. ދެކޮޅު ހެދިމީހުން ފިޔަވައެވެ." ޞަޙާބީ ބޭކަލުން ދެންނެވިއެވެ. އޭ ރަސޫލުﷲއެވެ. ދެކޮޅު ހަދާނީ ކާކުހެއްޔެވެ؟" ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ތަބާވެއްޖެމީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެމީހާ ފަހެ ދެކޮޅު ހަދައިފިއެވެ."

އެހެންކަމުން ސުވަރުގެ ވަންނަ މީސްތަކުންގެ ސިފައަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުން ކަން އެނގިގެން ހިނގައްޖެއެވެ. ކީރިތި ޤުރުއާނުގައި އެތައް ތަނެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމަށް އަމުރުކުރައްވާފައިވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا) سورة الحشر: 7

މާނައީ: " އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ."

އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރާއި ޚިލާފުވެގަންނަ މީސްތަކުންނަށް ބޮޑުވެގެންވާ ފިތުނައެއް ޖެހިދާނެކަމުގެ އިންޒާރުދެއްވާފައެވެ.

(فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ) سورة النور: 63

މާނައީ: "ފަހެ، ރަސޫލާގެ އަމުރުފުޅާ ޚިލާފުވާމީހުންނަށް ބޮޑުވެގެންވާ ފިތުނައެއް ނުވަތަ ވޭންދެނިވި ޢަޒާބެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ"

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިއެވެ.

(فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ) رواه أبو داود.

މާނައީ: "ތިމަންކަލޭގެފާނަށް ފަހު ތިޔަބައިމީހުންގެ ތެރެއިން އުޅޭ މީހަކަށް ވަރަށް ގިނަ ޚިލާފުތައް ފެންނާނެއެވެ. ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަންކަލޭގެފާނުގެ ސުންނަތުގައި ހިފުމެވެ. އަދި ތެދުމަގު ދައްކަނިވި ޚުލަފާއުއް ރާޝިދޫންގެ ސުންނަތުގައި ހިފުމެވެ. ތިޔަބައިމީހުން އޭގައި ގަދަޔަށް ކޮލުދަތްތަކުން ހިފަހައްޓާށެވެ. އަދި ދީނުގެ ނަމުގައި އަލަށް އުފައްދާ ކަންކަމުގެ މައްޗަށް ތިޔަބައިމީހުން ސަމާލުވާށެވެ. އަދި (ދީނުގެ ނަމުގައި) އަލަށް އުފައްދާ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ."

ވީމާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމަކީ ވަރަށް މުހިންމުކަމެއްކަމާއި ސުވަރުގެ ލިބުން ވަނީ އެކަމުންކަމާއި އަދި ﷲއަށް ތަބާވެވޭ ގޮތަކީ އެއީކަން އަޅުގަނޑުމެންނަށް މިނައްޞުތަކުގެ އަލީގައި އެނގިގެން ހިނގައްޖެއެވެ. ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަބާވާ މީސްތަކުންގެ ތެރެއިން އަޅުގަނޑުމެން ލައްވާ ސުވަރުގެ ވެއްދެވުމެވެ.

وصلى الله وسلم على محمد و آله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ވަރަށްވެސް އިލްމީގޮތުން ފުރިހަމަ ލިޔުމެށް... ދީނީ ކަންކަމުގައި ކަންކަން އޮތްގޮތް ބުނެދޭ އިރު މިލިޔުމުގައި މިވާގޮތަށް ޤުރުއާނާއި، ޙަދީޘްގެ އަލީގައި މިގޮތަށް ކަންކަން ބުނެދިނުމުން ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުވާނެ ކަމަށް ފެނޭ

    16
    2
  2. ބުރޯ

    މިދިވެހި ގައުމުގާ އެބައުޅޭ ނަބިއްޔާ ގަބޫލުނުކުރާކަމަށް މީހުންގާތު އިއުތިރާފް ވެފާތިބި މީހުންވެސް އެމީހުންގެ ބަސް ޔޫޓިއުބުގާ ވެސް އެބަހުރި އެކަންކަން ބަލާ އެޅޭ ފިޔަވަޅެއްވެސް ނެތް އެއީ ޑިމޮކްރަސީޔޯ ތިމާއަށް ފެންނަ އެއްޗެއް ބުނުމުގެ ހައްގު ގާނޫނުން ލިބިދެޔޯ /އެކަމަކު ގާނޫނުގަ އެބައޮތް ނޫންބާ އިސްލާމްދީނުގެ އަސްލަކާހިލާފު ނުވާގޮތަށް މެނުވީ ތިމާއަށް ފެންނަ އެއްޗެއް ދުލުން ފާޅު ނުކުރެވޭނެ ވާހަކަ. ވިއިރު ނުބެލެނީ ކީއްވެ . ވަކިމީހަކު ކުރާނެ ކަމެއްކުރަން ބުނާނެ އެއްޗެއްބުނަށް ދޫކުރެވިފާ ވަނީ ކީއްވެ ؟

    10