އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ.

"ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން މީހަކު ﷲ ޙަޟްރަތުގައި ދަނޑުވެރިކަންކުރަން ހުއްދައަށް އެދުނެވެ. ދެން ﷲ އޭނާއަށް ވަޙީކުރެއްވިއެވެ. ތިބާއަށް ތިބާ އެދޭ ކަންތައްތައް ނުވޭ ހެއްޔެވެ؟ ދެންނެވިއެވެ. ނޫނެކެވެ. ނަމަވެސް އަހަރެން ދަނޑުވެރިކަން ކުރަން ލޯބިކުރަނީއެވެ.

ދެން (ހުއްދަ ދެވުމުން) އޮތްތައް އިންދުމުން ވަގުތުން ގަސްފަޅައިފިއެވެ. އަދި އެސްފިޔަ ޖަހާ ހިނދުކޮޅެއް ތެރޭގައި ގަސްތައް ލޮލުކޮޅަށް ނުފެންނަ ވަރަށް ހެދިގެން ގޮވާންކަނޑާ ވަރު ވެއްޖެއެވެ. އެގަސްތައް ފަރުބަދަތަކެއް ފަދައެވެ. ދެން ﷲ ވަޙީކުރެއްވިއެވެ. އޭ އާދަމުގެ ދަރިޔާއެވެ. ގޮވާން ކަނޑާށެވެ. ތިބާގެ ހިތެއް އެއްވެސް އެއްޗަކުން ނުފުރޭނެއެވެ."

ދެން މި ޙަދީޘް އަޑުއަހާފައި އަޢުރާބީންގެ މީހަކު ބުންޏެވެ. "ތިޔަ ފަރާތަކީ ޤުރައިޝު ވަންހައިގެ ނުވަތަ އަންޞާރުންގެ ތެރެއިން މީހެއްކަމުގައި ނޫނީ ނުވާނެއެވެ. ސަބަބަކީ ދަނޑުވެރިންނަކީ އެބައިމީހުންނެވެ. އަހަރެމެންނަކީ ދަނޑު ހައްދާ ބައެއްނޫނެވެ." ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިނިވަރުނަ ކުރެއްވިއެވެ.

(މަޞްދަރު ޞަޙީޙުލް ބުޚާރީ)

މި ވާހަކައިން ލިބޭ ޢިބުރަތްތައް.

ހ. ސުވަރުގޭގައި ދުނިޔޭގެ ކަންކަމުގެ ތެރެއިން ހިތްއެދޭ ކޮންމެ ކަމެއް ކުރެވޭނެކަން.

ށ. އަދި މީސްތަކުން އެބައިމީހުންގެ ޢާންމު އާދަތަކުން ސިފަކުރުން ހުއްދަކަން.

ނ. ދުނިޔޭގައި ޢާންމުކޮށް ކޮށްއުޅުނު ކަންތައްތަކަށް އިންސާނުން ވަނީ ހޭނިފައިކަން.

ރ. ލިބޭ މިންވަރަކުން ފުއްދުމުގެ މާތްކަން.

ބ. ﷲ ރަޙުމަތުގެ ތަނަވަސްކަން.

ޅ. އަދި މި ޙަދީޘްގެ ޝަރަޙާގައި އިމާމު އިބުނު ޙަޖަރު ފަތުޙުލް ބާރީގައި ވިދާޅުވެފައިވެއެވެ. "މި ޙަދީޘްގައި ލިބޭ މިންވަރަށް ރުހުމުގެ މޮޅުކަން އެނގިގެންދެއެވެ. އަދި ނުބައިކަންކަން ނުރުހިގެންވާ ކަމަށް އެނގިގެންދެއެވެ. އަދި ފަހުންވާނެ ކަންކަން (އެހެނީ ސުވަރުގޭގައި އެކަން ވާނެ ކަމަކީ ފަހުންވާނެކަމެކެވެ.) ނިމިފައިވާ ކަމެއްގެ ގޮތުގައި އެޞީޣާއިން ޚަބަރުކުރުން ވާކަން އެނގެއެވެ."

ކ. ސުވަރުގޭގެ ނިޢުމަތްތަކުގެ ތަނަވަސްކަމާއި އަދި ބޭނުންކޮންމެ ކަމެއް ވާނެކަން މި ޙަދީޘުން ދަލީލު ލިބެއެވެ. އެހެންކަމުން ސުވަރުގެ ލިބޭތޯ ގަދައަޅައި މަސައްކަތްކޮށް ﷲ ޙަޟްރަތާއި އެއިލާހު ރުއްސަވާ ގޮތުގައި ބައްދަލު ކުރުމުގެ ތައުފީޤު ދެއްވާތޯ ދުޢާކޮށް ހެޔޮ ޢަމަލުކުރުން ގިނަކުރަން ޖެހެއެވެ.

ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ އެންމެންގެ ކަންތައްތައް އިޞްލާޙުކުރައްވައި އެއިލާހު ރުއްސަވާ ހާލު ﷲ ސުބުޙާނަހޫ ވަތަޢާލާއާ ބައްދަލުކުރާ ބައެއްކަމުގައި ލެއްވުމެވެ.

والله أعلم وصلى الله وسلم على محمد وآله وصحبه أجمعين. آمين.