الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ޢިއްޒްތަތެރިވެ ވޮޑިގެންވާ ހުރިހާ ރިވެތި ކަމަކާއި ހުރިހާ ރިވެތި ނަންފުޅެއް ލިބިވޮޑިގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ) سورة الأعراف: 80

މާނައީ: "

އެންމެރިވެތި ނަންފުޅުތައް މިލްކު ވެގެންވަނީ، اللّه އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟްރަތަށް ދުޢާ ކުރާށެވެ. އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤުމަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ. އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުއްޓެވެ."

މިއާޔަތް ބާވާލެއްވުނު ސަބަބާއި މެދު އިމާމު ބަޣަވީ އެކަލޭގެފާނުގެ ތަފުސީރުގައި ލިޔުއްވާފައިވެއެވެ.

"މީހަކު އޭނާގެ ނަމާދުގައި ﷲއަށް ދުޢާކުރަމުންގޮސް އައްރަޙުމާން (އެބަހީ ﷲ)އަށް ދުޢާކުރިއެވެ. ދެން މައްކާގެ މުޝްރިކުން ބުންޏެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އަދި އޭނާގެ އަޞްޙާބުން ދައުވާ ކުރަނީ އެންމެ އިލާހަކަށް އަޅުކަން ކުރާކަމަށެވެ. ނަމަވެސް މީނާ ދެފަރާތަކަށް މިދުޢާ ކުރަނީ ކިހިނެއްވެގެން ހެއްޔެވެ؟ ދެން ﷲ ސުބުޙާނަހޫ ވަތަޢާލާ މި އާޔަތް ބާވާލެއްވިއެވެ." (وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا) މާނައީ: އަދި ﷲއަށް އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައް ވެއެވެ. ފަހެ އެނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެއަށް ދުޢާކުރާށެވެ."

މިއާޔަތުގެ ތަފުސީރުގައި އިމާމު ޠަބަރީ އަދި އިމާމު އިބުނު ކަޘީރު އަދިވެސް އެނޫން ވަރަށް ގިނަ ޢިލްމުވެރިން ރަޙިމަހުމުﷲ އަންނަނިވި ޙަދީޘް ގެންނަވާފައިވެއެވެ.

(إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلَّا وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ) متفق عليه.

މާނައީ: "ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނުވަދިހަ ނުވަ އިސްމުފުޅެއްވެއެވެ. ސަތޭކަ ނުވެ އެއްނަމެވެ. ފަހެ މީހަކު އެހިތުދަސްކޮށް (އެއަށްޢަމަލުކޮށް ދެނެގަންފިކަމުގައިވާނަމަ) އެމީހަކު ސުވަރުގެ ވަންނަ ހުއްޓެވެ."

މި ޙަދީޘްގެ ޝަރަހާގައި އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އިމާމު ޚައްޠާބީ ރަޙިމަހުﷲ ވިދާޅުވިއެވެ. މިޙަދީޘުން އެންމެ މަޝްހޫރު ނަންފުޅަކީ ﷲކަން އެނގެއެވެ. އެއީ އެހެން ނަންފުޅެއް ނޫންނަމަ މި ޙަދީޘްގައި ޒިކުރުވީހީ އެހެން ނަންފުޅެކެވެ."

އަދިވެސް އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވާ ގޮތުގައި ﷲގެ އެންމެ މަތިވެރިވެގެންވާ އިސްމުލް އައުޡަމް އަކީ މިނަންފުޅުކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އަދި އެނޫން ނަންފުޅުތަކާއި މެދުގައިވެސް ބުނެވެއެވެ. ކީރިތި ޤުރުއާނުގައި ދެހާހާށްވުރެ ގިނަފަހަރު ﷲ މި ނަންފުޅު ޒިކުރުވެފައިވެއެވެ. އަދި ﷲ އެންމެ ރުއްސަވާ މީސްތަކުންގެ ނަމަކީ ﷲގެ ކުރިޔަށް ޢަބްދު ލައިގެން ކިޔާ ނަންކަމުގައި ޙަދީޘްގައި ރިވާވެފައިވެއެވެ.

އަދި މި ޙަދީޘްގައިވާ ދަސްކުރުމުގެ މުރާދަކީ އެ ދެނެގަނެ ދުޢާކޮށް އެޔަށް އީމާންވެ އެޔަށް ޢަމަލުކުރުމެވެ. އެފަދައިން ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމުގައި އިމާމު ނަވަވީ ރަޙިމަހުﷲ މި ޙަދީޘްގެ ޝަރަހާގައި ބަޔާންކުރައްވާފައިވެއެވެ.

އަދި ބައެއް ޢިލްމުވެރިން އެއީ ވަކިނަންތަކެއް ކަމާ ބުނާ ބުނުމާއި މެދު އިމާމު ނަވަވީ އެބަސް ޒިކުރުކުރެއްވުމަށްފަހު ވިދާޅުވަނީ އަދި ބުނެވެއެވެ. "އެކަން ވަނީ އިސްމުލް އަޢުޡަމް ފަދައިން، ލައިލަތުލް ޤަދުރި ވިލޭރޭ ފަދައިން ފޮރުވިފައެވެ." އެއީ ވަކި ކޮން ނަންތަކެއް ނޭނގެއެވެ. އޭގައި ވަނީ ޤުރުއާނާއި ސުންނަތުން އެނގުނު ނަންތައް ޖަމާކޮށް އެއިން ދުޢާކުރުމެވެ. ވަރަށް ގިނަ ޢިލްމުވެރިން މިބާބުގައި ފޮތްތައް ލިޔުއްވާފައިއެވެ. އެނަންތައް އުގެނި ދުޢާކޮށް ދެނެގަނެ ވިސްނާ ޢަމަލުކޮށް ހެދުމުން މި ޙަދީޘްގައިވާ ފަޟުލު ނުވަތަ މާތްކަން ލިބިގެންދާނެއެވެ. މަތީގައިވާ އާޔަތަށް ޢަމަލުކުރެވޭނެ ގޮތަކީ އެޔެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާކުރައްވާއިރު ﷲގެ އިސްމުފުޅުތަކުން ދަންނަވައިގެން ދުޢާކުރައްވައެވެ. އެއީ ދުޢާ އިޖާބަވުމުގެ ސަބަބެކެވެ.

(يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ) رواه الرمذي.

މާނައީ: "يا حي يا قيوم އިބަ ﷲގެ ރަޙުމަތުން ދުޢާ ދަންނަވަމެވެ."

އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(ادْعُونِي أَسْتَجِبْ لَكُمْ) سورة غافر: 60

މާނައީ: "ތިޔަބައިމީހުން ތިމަން ﷲއަށް ދުޢާކުރާށެވެ. ތިޔަބައިމީހުންނަށް އިޖާބަކޮށްދެއްވާނަމެވެ."

މިއާޔަތުގެ ތަފުސީރުގައި އިމާމު އިބުނު ޤައްޔިމު އަލްޖައުޒިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"އެހެންކަމުން އެންމެ މާތްވެގެންވާ އަދި އެންމެ އިޖާބަވުން އަވަސްވެގެންވާ ދުޢާ އަކީ ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުން ދަންނަވާ ދުޢާއެވެ."

އެގޮތުން ދުޢާކުރާއިރު އޭ ﷲއެވެ. ނުވަތަ (يا ألله) އެވެ. މިފަދައިން ބުނެ ބޭނުންކަމެއް ދުޢާކުރާނީއެވެ. ބޭނުން އިސްމުފުޅެއް ބޭނުންކުރެއްވިދާނެއެވެ. يا ألله. يا رحمن. يا رحيم.

ޝީޢީން ފަދައިން ޔާ ހުސައިން ޔާފާތިމާ ޔާ ޢަލީ މިފަދައިން ކިޔައިގެން ދުޢާކޮށްފިނަމަ ވާނީ ޝިރުކުކުރުމަށެވެ. އެހެނީ ދުޢާކުރުމަކީ ﷲއަށް ޚާއްޞަވެގެންވާ އަޅުކަމެކެވެ. އަދި ދުޢާކުރުމުގައި ﷲ ނޫން ފަރާތަކަށް ނުވަތަ މަރުވެފައިވާ ފަރާތަކަށް ދުޢާކުރުން ހުއްދަނުވާނެއެވެ. މިއާޔަތުގެ ފަހުކޮޅުގައި ﷲ އެބަޔާންކުރައްވަނީ އެފަދައިން ﷲގެ އިސްމުފުޅުތައް ދޮގުކޮށް ޝިރުކުކުރިމީހުންނަށް ގަދަފަދަވެގެންވާ ޢަޒާބުވާކަމަށެވެ. އަދި އެބައިމީހުންނާއި ދުރުވުމަށެވެ. އެއީ މައްކާގެ މުޝްރިކުން ބުދުތަކަށް ދުޢާކޮށް ހެދުމުގެ ސަބަބުންނެވެ.

ވީމާ ދުޢާކުރުމުގައި ﷲ އެއްކައުވަންތަކޮށް ދުޢާކުރުމުގެ މިމަތިވެރި އަދަބު ދަސްކޮށް މިއާޔަތަށް ޢަމަލުކުރުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށިއެވެ.

والله أعلم وصلى الله وسلم على محمد وآله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޭނަ

    ވަރަށް ރަނގަޅު އާޓިކަލްއެއް. ޝުކުރިއްޔާ!

    7
    0
  2. ނނ

    ދިވެހިންނަށް ވަރަށް މުހިންމު އާޓިކަލްއެއް. ވީހާވެސް ގިނަ މީހުންނަށް ޝެއާކުރަށްވާ.. ޝުކުރިއްޔާ!