الحمد لله رب العالمين. والصلاة والسلام على نبينا محمد وآله وصحبه أجمعين. آمين.

ދުޢާކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅާ އަޅުކަމެކެވެ. އަދި މުސްލިމުންގެ ހަތިޔާރަކީ ދުޢާއެވެ. ދުޢާކުރުމަކީ އަޅުކަމުގެ ތެރެއިން އެންމެ މުހިންމު އަޅުކަމެވެ. އެގޮތުން ދުޢާކުރުމުގެ އަދަބުތަކާއި ދުޢާކުރާނެ ގޮތާއި ދުޢާތައް ވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއުއްމަތަށް އަންގަވައިދެއްވާފައެވެ. އެކަލޭގެފާނުގެ އިސްވެދިޔަ ފާފަތަކާއި އަދި ހުރިހާ ފާފައެއް ފުއްސަވާފައިވާއިރުގައިވެސް އެކަލޭގެފާނ ގިނަގިނައިން ދުޢާކޮށް ފާފަފުއްސެވުން އެދި ދަންނަވައެވެ. އެކަމުގެ ބޭނުމަކީ މިއުއްމަތަށް އެޢަމަލުތައް ދަސްކޮށްދިނުމެވެ. އެގޮތުން މި ލިޔުމުގައި މިހުށައަޅާލަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ކުރެއްވި ދުޢާއަށެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَمِنْهُم مَّن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ) سورة البقرة: 201

މާނައީ: "އެމީހުންގެ ތެރޭގައި رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ މިފަދައިން ދުޢާކުރާ ބައެއްވިއެވެ.

ދުޢާގެ މާނައަކީ: "އޭ ﷲއެވެ. މިއަޅާއަށް ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން ދެއްވާށިއެވެ. އަދި ނަރަކައިގެ ޢަޒާބުން މިއަޅާ މުއްތިކުރައްވާށިއެވެ."

ﷲ މިއާޔަތުގައި އެއަންގަވަނީ މުއުމިނުންގެ ތެރޭގައި އެފަދައިން ދުޢާކުރާ މީސްތަކުން ވާކަމަށެވެ. އެގޮތުން އަނަސް ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ރިވާވެފައިވެއެވެ.

(عن أنس رضي الله عنه قَالَ: كَانَ أكثرُ دعاءِ النبيّ صلى الله عليه وسلم :((اللَّهُمَّ آتِنَا في الدُّنْيَا حَسَنَةً، وَفِي الآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ)). متفق عَلَيْهِ.)

މާނައީ: އަނަސް ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ކުރައްވާ ދުޢާއަކީ (اللَّهُمَّ آتِنَا في الدُّنْيَا حَسَنَةً، وَفِي الآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ)އެވެ. މިދުޢާގެ މާނަ މަތީގައި އިސްވެ ހިނގައްޖެއެވެ. އެހެންކަމުން ބަޤަރާ ސޫރަތުގައި އަންގަވާފައިވާ އެދުޢާއަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ކުރާ ދުޢާކަން އެނގިގެން ހިނގައްޖެއެވެ. އަދި މި ޙަދީޘް ރިވާވެފައިވަނީ ޞަޙީޙް ބުޚާރީ އަދި ޞަޙީޙް މުސްލިމްގައެވެ. އެހެންކަމުން މި ޙަދީޘްއަކީ އެންމެ ޞައްޙަ ޙަދީޘްތަކުގެ ތެރެއިން ހިމެނޭ ޙަދީޘެކެވެ. އެހެނީ ޞައްޙަ ކަމުގެ ގޮތުން އެންމެ ޞައްޙަ ޙަދީޘަކީ ޞަޙީޙް ބުޚާރީ އަދި މުސްލިމްގައި އެއް ޞަޙާބީއެއްގެ ކިބައިން އެއްލަފުޒަކުން ނުވަތަ މާނައިން އައިސްފައިވާ ޙަދީޘެވެ. އެފަދަ ޙަދީޘްއަށް ކިޔަނީ މުއްތަފަޤުން ޢަލައިހި (متفق عليه)އެވެ.

މި ދުޢާގެ މާނަ

މިދުޢާގެ މާނަ ބަޔާންކޮށްދެއްވަމުން އިމާމު އިބުނު ޤައްޔިމު އަލްޖައުޒިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މިދުޢާގައި ދުނިޔޭގައިވާ ހެޔޮކަމަކީ ޢިލްމާއި އަޅުކަމެކެވެ. (އެބަހީ ޝަރުޢީ ޢިލްމާއި އަޅުކަމެވެ.) އަދި އާޚިރަތުގެ ހެޔޮކަމަކީ ސުވަރުގެއެވެ.

އަދި އެންމެ ރަނގަޅު އެއްތަފުސީރަކީ ނުވަތަ މާނައަކީ މިއީ ކަމުގައި އިމާމު އިބުނު ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މިއީ މިދުޢާގެ ޚާއްޞަވެގެންވާ މާނައެވެ.

އަދި އިބުނު ކަޘީރު ރަޙިމަހުﷲ އެކަލޭގެފާނުގެ ތަފުސީރުގައި މިދުޢާގެ ޢާންމު މާނަ އަންނަނިވި އިބާރާތުން ބަޔާންކޮށް ދެއްވާފަވެއެވެ.

"މިދުޢާގައި ދުނިޔޭގައިވާ ހުރިހާ ހެޔޮކަމެއް ހިމެނިގެންވެއެވެ. އަދި ހުރިހާ ނުބައިކަމަކުން ދުރުވުން ހިމެނިގެންވެއެވެ. އަދި ދުނިޔޭގެ ހެޔޮކަމުގެ ތެރޭގައި ދުނިޔޭގައިވާ ހުރިހާ ހެޔޮކަންތައްތަކެއް ހިމެނިގެންދެއެވެ."

އަދި ތަވާފު ކުރާއިރު ރުކުނުލް ޔަމާނީއާ އަދި ހަޖަރުލް އަސްވަދާ ދެމެދު މިދުޢާ ކިޔުން ސާބިތުވެގެންވާ ކަމަށް އިމާމު ޝާފިޢީގެ ކިބައިން ތަފުސީރު އިބުނު ކަޘީރުގައި ރިވާވެފައިވެއެވެ.

އަދި މިއާޔަތުގެ ތަފުސީރުގައި ޤާސިމް ބިން ޢަބްދުއްރަޙުމާން ރަޙިމަހުﷲ ވިދާޅުވެފައިވާ ކަމަށް ތަފުސީރު އިބުނު ކަޘީރުގައި ބަޔާންވެފައިވެއެވެ. "ޝުކުރު ކުރާނެ ހިތަކާއި އަދި ޒިކުރު ކުރާނެ ދުލަކާއި އަދި ކެތްތެރިވާނެ ހަށިގަނޑެއް ދެއްވިއްޖެ މީހަކަށް ފަހެ ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން އެވަނީ ދެއްވިފައެވެ. އަދި ނަރަކައިން އެމީހަކު މިންޖުވާނެއެވެ."

މިދުޢާގައި ހުރިހާ ކަމެއް ޝާމިލުވެގެންވެއެވެ. އެއީ ދުނިޔެއާއި އާޚިރަތެވެ. އެދެ ގޮވަތީގައި ސަލާމަތްކޮށްދެއްވުން އެދި ކުރެވޭ ދުޢާއެކެވެ. ބަހުގެ ގޮތުން އެހާމެ ކުރު މާނައިގެ ގޮތުން އެހާމެ ތަނަވަސްވެގެންވާ ކުރުދުޢާއެކެވެ.

ޚުލާޞާއަކީ

މިދުޢާއަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ކުރައްވާ ދުޢާއެވެ. އަދި މިދުޢާގައި ދުނިޔޭގައި ވާހާ ހުރިހާ ހެޔޮކަމެއް ހިމެނެއެވެ. އަދި އޭގެ ތެރެއިން ދުނިޔޭގެ ހެޔޮކަމަކީ ފައިދާ ހުރި ޢިލްމާއި އަދި އަޅުކަމާއި ހުރިހާ ހެޔޮކަމެއް ކަން އެނގިގެން ހިނގައްޖެއެވެ. އަދި އާޚިރަތުގެ ހެޔޮކަމަކީ ސުވަރުގެ ކަން އެނގިއްޖެއެވެ. އަދި އާޚިރަތުގެ ނުބައިކަމަކީ ނަރަކަކަމާއި އެކަމުން ސަލާމަތްވުން ދުރުކޮށްދެއްވުން އެދި ދުޢާކުރުން ހިމެނެއެވެ.

ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار. آمين.
وصلى الله وسلم على نبينا محمد وآله وصحبه أجمعين.