ޞަޙީޙް ބުޚާރީއާ ޞަޙީޙް މުސްލިމްގައި އަދި އެނޫންވެސް ފޮތްތަކުގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން އައިސްފައިވާ ޙަދީޘްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ:

"މީހަކު އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް އިސްރާފުކުރިއެވެ. އޭނާގެ އަރިހަށް މަރު ޙާޒިރުވުމުން އޭނާގެ ދަރިންގެ މައްޗަށް ވަޞިއްޔަތްކުރިއެވެ. އަހަރެން މަރުވުމުން އަންދާލާށެވެ. އަދި (އަޅިތައް) ހިމުންކުރުމަށްފަހު ކަނޑުގައި ވަޔަށް ބުރުވާލާށެވެ. އަދި ﷲ ގަންދީފައި ބުނަމެވެ. އަހަރެންގެ ވެރި ރައްބު އަހަރެން އިޢާދަކުރައްވައިފިނަމަ އެއްވެސް މީހަކަށް ނުދެއްވާ ފަދަ ޢަޛާބު އަހަރެންނަށް ދެއްވާނެއެވެ"

އެޔަށްފަހު ޙަދީޘްކުރެއްވިއެވެ. " އެބައިމީހުން އެފަދައިން ކަންތައް ކޮށްފިއެވެ. އަދި ބިމަށް ﷲ ވަޙީކުރެއްވިއެވެ. ތިބާނެގި ތަކެތި ޖަމާކުރާށެވެ. އަދި އެހިނދު އޭނާ ޤާއިމުވެ ހުރެއްޖެއެވެ. އޭނާއަށް ވަޙީކުރެއްވިއެވެ. ތިބާ ތިޔަކުރި ކަންތައް ކުރަން ދިމާވީ ކޮންކަމަކާ ހުރެ ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އޭ ރައްބެވެ. އިބަ ﷲއަށް ބިރުންނެވެ. (ނުވަތަ ބުންޏެވެ. އިބަ ﷲއަށް ބިރުންނެވެ. -އެހެން ޢަރަބި ލަފުޒަކުން-) އަދި އޭނާއަށް އެކަމުގެ މައްޗަށް ﷲ ފާފަފުއްސަވައިދެއްވިއެވެ."

މިވާހަކައިން ލިބޭ ޢިބުރަތްތައް.

ހ. ﷲގެ ރަޙުމަތުގެ ތަނަވަސްކަން.

ށ. ޝެއިޚުލް އިސްލާމް އިބުނު ތައިމިޔާ ރަޙިމަހުﷲ އަލްފަތާވާ (3/231) ގައި ވިދާޅުވެފައިވެއެވެ: " މިމީހާ ﷲގެ ޤުދުރަތާއި މެދުއާއި އަދި ﷲ އޭނާ ފުނޑުކޮށްލާ ވަޔަށް ބުރުވާލެވުމުން އަލުން އިޢާދަކުރެވޭނެ ކަމާމެދު ޝައްކުކުރިއެވެ. އަދި އަލުން ނުދިރުއްވޭނެ ކަމަށް އޭނާ އިޢުތިޤާދުކުރިއެވެ. މިއީ ހުރިހާ މުސްލިމުންގެ އިއްތިފާޤުން ކުފުރެކެވެ. އޭނާވަނީ އެކަން ނޭންގޭ ޖާހިލެއްކަމުގައެވެ. އަދި އޭނާވަނީ ﷲ ޢަޒާބު ދެއްވަފާނެތީ ބިރުވެތިވާ މުއުމިނެއްކަމުގައެވެ. އެޔާއެކުގައިވެސް އޭނާއަށް ﷲ ފާފަ ފުއްސެވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމަށް ސަމާލުކަންދޭ ތައުވީލުކުރާ އިޖްތިހާދުގެ އަހުލުވެރިންގެ ތެރެއިން ހިމެނޭ މީހަކަށް މިފަދަ މީހަކަށްވުރެ ފާފަ ފުއްސެވުން އައުލާވެގެންވެއެވެ.".

ނ. ނަމަވެސް ދީނުން ބޭރުވާފަދަ ޢަމަލެއް ކުރުމަށް ނޭނގުން އެއީ ހުއްޖަތެއްނޫނެވެ. އެފަދަ ކަމަކީ މީހުންނަށް ނުފޯރާ ނުވަތަ ފޮރުވިފައިވާ ޚަފިއްޔު މައްސަލަތަކުގައި ނޫނީ ޢުޒުރުނުލިބޭނެއެވެ. މިމައްސަލައަކީ ޚަފިއްޔު މައްސަލައެއްކަމަށް ޝެއިޚު ބިންބާޒު ސުބުލުއް ސަލާމްގައި ވިދާޅުވެފައިވެއެވެ. އެއީ ކަމާލުލް ޤުދުރަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ޝެއިޚު ލިޔުއްވާފައިވެއެވެ.

ރ. ﷲއާއި މެދު ހެޔޮކޮށް ވިސްނާ ހެޔޮ ޢަމަލު ގިނަކުރުމުގެ މާތްކަން.

ކިޔުންތެރިންގެ ހިޔާލު