الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ﷲ ސުބުޙާނަހޫ ވަތަޢާލާ ހެޔޮ ޢަމަލުކުރާ މީސްތަކުން ސުވަރުގެ ވައްދަވައެވެ. އަދި ނުބައި ޢަމަލުކުރާ މީސްތަކުން ނަރަކައަށް ވައްދަވައެވެ. ސުވަރުގެއަށް ވެއްދެވުމަށްފަހު އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ޙާއްޞަ ނިޢުމަތެއްވެއެވެ. އެނިޢުމަތަކީ ރިވެތި ވެގެންވާ މަތިވެރިވެގެންވާ ހުރިހާ އުނިކަމަކުން ބަރީއަވެގެންވާ އެއިލާހު ސުބުޙާނަހޫ ވަތަޢާލާ ފެނުމުގެ ނިޢުމަތެވެ. އެކަން ބަޔާން ކުރައްވައި ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރެއްވިއެވެ.

(لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ،وَلَا يَرْهَقُ وُجُوهَهُمْ قَتَرٌ وَلَا ذِلَّةٌ ، أُولَـٰئِكَ أَصْحَابُ الْجَنَّةِ ، هُمْ فِيهَا خَالِدُونَ) سورة يونس: 26

މާނައީ: "ހެޔޮ ޢަމަލު ކުޅަމީހުންނަށް، އެންމެހެޔޮ ޖަޒާ ހުއްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުއްޓެވެ. (އެއީ اللَّه ގެ ވަޖުހުފުޅު ދެއްކެވުމެވެ.) އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާރާނެތެވެ. އެއުރެންނަކީ، ސުވަރުގޭގެ އަހުލުވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭ ހުއްޓެވެ."

މިއާޔަތުގެ ތަފުސީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

" (وزيادة) މާނައީ: "އަދި އިތުރުވެސް މެއެވެ." އޭގެ މުރާދަކީ ހެޔޮކަމުގެ ސަވާބު ދިހަ ގުނައިން ހަތްސަތޭކަ ގުނައަށް އިތުރުކޮށްދެއްވުމެވެ. އަދިވެސް އެކަމުގެ އިތުރަށް ﷲ ދެއްވާ ސުވަރުގޭގައި ދެއްވާ ގަނޑުވަރުތަކާއި ތަކާއި ޙޫރުންނާއި އަދި އެބައިމީހުންގެ މައްޗަށް ދެއްވާ ރުއްސެވުން ހިމެނެއެވެ. އަދި ފޮރުވިފައިވާ އެމީހުންގެ ލޮލަށް ފިނިކަން ގެނެސްދޭ އެހެންހުރިހާ ކަމެއް ހިމެނެއެވެ. އަދި އެކަމުގައި ހިމެނޭ އެންމެ މާތްވެގެންވާ ކަމަކީ ﷲގެ މާތްވެގެންވާ ވަޖުހު(މޫނު)ފުޅަށް ބެލުމަށް ދެއްވޭ ނިޢުމަތެވެ. އެއީ ﷲ ދެއްވި ހުރިހާ ކަމެއްގެ މައްޗަށްވާ އިތުރުވުމެކެވެ. އެއީ އެމީހުންގެ ޢަމަލަށް ޙައްޤުވެގެންވާ ނިޢުމަތެއްނޫނެވެ. ނަމަވެސް (އެނިޢުމަތްދެއްވެވެނީ) ﷲ ގެ ރަޙުމަތާއި އަދި ހެޔޮކަމުގެ ސަބަބުންނެވެ. އަދި (މިއާޔަތުގައިވާ) އިތުރުވުމުގެ މާނައިގައި އެއީ ﷲގެ ވަޖުހުފުޅަށް ބެލުންކަން އަބޫ ބަކުރު އައްޞިއްދީޤު، އަދި ޙުޒައިފާ ބިން އަލްޔަމާން އަދި ޢަބްދުﷲ ބިން ޢައްބާސް އަދި ސައީދު ބިން މުސައްޔިބު އަދި އަބްދުއްރަޙްމާން ބިން އަބީ ލައިލާ އަދި އަބްދުއްރަޙުމާން ބިން ސާބިތު އަދި މުޖާހިދު އަދި ޢިކްރިމާ އަދި ޢާމިރް ބިން ސަޢުދު އަދި ޢަތާ އަދި ޟައްހާކު އަދި އަލްޙަސަން އަދި ޤަތާދާ އަދި ސިއްދީ އަދި މުޙައްމަދު ބިން އިސްޙާޤު އަދިވެސް ސަލަފުންނާއި ޚަލަފުންގެ އެތައްބަޔަކު އެފަދައިން ރިވާކޮށްފައިވެއެވެ."

އަދި މިއާޔަތުގެ ތަފުސީރުގައި އަންނަނިވި ޙަދީޘް އިމާމު އިބުނު ކަޘީރު ޒިކުރުކުރައްވާފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(" إن الله يبعث يوم القيامة مناديا ينادي : يا أهل الجنة - بصوت يسمع أولهم وآخرهم - : إن الله وعدكم الحسنى وزيادة ، الحسنى : الجنة . وزيادة : النظر إلى وجه الرحمن عز وجل ")

މާނައީ: "ޤިޔާމަތްދުވަހު ގޮވާލާ ފަރާތެއް ﷲ ފޮނުއްވާ ހުއްޓެވެ. ގޮވާލާނެއެވެ. އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ. –އެއަޑު ފުރަތަމަމީހާއާ އަދި ފަހުމީހާއަށްވެސް އަޑުއިވޭހުއްޓެވެ- ހަމަކަށަވަރުން ﷲވަނީ ޙުސްނާ (ހެޔޮކަމާއި) އަދި ޒިޔާދާ (އިތުރުވުން) ތިޔަބައިމީހުންނަށް ވަޢުދުކުރައްވާފައެވެ. ޙުސްނާ (ހެޔޮކަމަކީ) ސުވަރުގެއެވެ. އަދި ޒިޔާދާ (އިތުރުވުމަކީ) ﷲ ޢައްޒަ ވަޖައްލަގެ މޫނުފުޅަށް ބެލުމެވެ."

އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވަނީ މިއާޔަތް ތަފްސީރުކޮށްދެއްވާފައެވެ.

އެހެންކަމުން މިމަތިވެރި ނިޢުމަތް ލިބޭނެގޮތެއްކަމަށް ﷲ އަންގަވަނީ ހެޔޮ ޢަމަލުކުރުމެވެ. އެހެޔޮ ޢަމަލުތަކަކީ ﷲ އެއްކައުވަންތަކޮށް ﷲ ރުއްސަވާ ގޮތަށް ކުރާ ކޮންމެ ހެޔޮޢަމަލެކެވެ. މިމަތިވެރި ދަރަޖަ ނުވަތަ ނިޢުމަތްތައް ﷲ ދެއްވަވަނީ އެހެޔޮ ޢަމަލު ކުރި މީސްތަކުންނަށެވެ.

އެބައިމީހުން ހެޔޮ ޢަމަލުކުރުމުން މިމަތިވެރިވެގެންވާ ދެނިޢުމަތުގެ އިތުރުން އެބައިމީހުންނަށް އެއްވެސް ނިކަމެތި ކަމެއް ދެރަކަމެއް ނުވަތަ އުނދަގުލެއް ނުޖެހޭހުއްޓެވެ. އެބައިމީހުން ވާހުށީ ސުވަރުގެތަކުގައި އަބަދުގެ އަބަދަށެވެ. އަދި ﷲގެ ވަޢުދުފުޅަކީ އެނުވެ ނުދާނެކަމެކެވެ. ސަބަބަކީ އެހުރިހާ ކަމަކީ ޙައްޤެވެ. ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ހެޔޮ ޢަމަލުކޮށް މިމަތިވެރިވެގެންވާ ދެނިޢުމަތް ދެއްވާ މީސްތަކުންގެ ތެރޭގައި އަޅުގަނޑުމެން އެންމެން ލެއްވުމެވެ. އަދި އަޅުގަނޑުމެން އެންމެންގެ ފާފަ ފުއްސަވާ ހެޔޮކަމުގެ އަހުލުވެރިންގެ ތެރޭގައި ލެއްވުމެވެ. އަދި ޤިޔާމަތްދުވަހު ﷲގެ ވަޖުހުފުޅު ފެނުމުގެ ނިޢުމަތް ލިބޭ މީހުންގެ ތެރޭގައިލެއްވުމެވެ.

لاحول ولا قوة إلا بالله.

وصلى الله وسلم على محمد وآله وصحبه أجمعين. آمين.