الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ޒިނޭކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ﷲ ނަހީކުރައްވާފައިވާ ކަމެކެވެ. އެކަމުގެ ބޮޑުކަމުގެ ސަބަބުން ﷲ ވަނީ ކީރިތި ޤުރުއާނުގައި އެކަމާއި ގާތްނުވުމަށް އިރުޝާދުދެއްވާފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَلَا تَقْرَبُوا الزِّنَىٰ، إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا) سورة الإسراء: 32

މާނައީ: "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ. ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ."

މިކަމަކީ އިޖުތިމާޢީގޮތުންނާއި އަދިވެސް އެނޫން ގޮތްގޮތުން މުޖުތަމަޢެއް ހަލާކުވެ އެތައް ފަސާދައެއް ފެތުރޭ ކަމެކެވެ. އެކަމުގެ ސަބަބުން އިސްލާމްދީނުގައި ވަނީ ޒިނޭއަށް މަގުފަހިވާ ފަދަ ހުރިހާކަމެއްވެސް މަނާކުރައްވާފައެވެ. އެގޮތުން ޒިނޭއާއި ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އަންނަނިވި ކަންކަން އަންގަވައި ދެއްވާފައެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(لاَ يَزْنِي الزَّانِي حِينَ يَزْنِي وَهُوَ مُؤْمِنٌ وَلاَ يَسْرِقُ السَّارِقُ حِينَ يَسْرِقُ وَهُوَ مُؤْمِنٌ وَلَكِنِ التَّوْبَةُ مَعْرُوضَةٌ) رواه الترمذي.

މާނައީ: ޒިނޭކުރާ މީހާ މުއުމިނެއްގެ ގޮތުގައި ހުރެ ޒިނޭނުކުރެއެވެ. އަދި ވައްކަންކުރާ މީހަކު މުއުމިނެއްގެ ގޮތުގައި ހުރެ ވައްކަން ނުކުރެއެވެ. އަދި އެބައިމީހުންނަށް ވަނީ ތައުބާ ހުޅުވިފައެވެ."

އެހެންކަމުން މިކަމަކީ އީމާންކަން އެއްކޮށް ނުދިޔަކަމުގައިވިޔަސް އީމާންކަން ދައްވާ ޢަމަލެކެވެ.

ށ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަހާބީންނަށް އެކަން ނުކުރުމަށް ބައިޢަތު ހިއްޕެވިއެވެ.

ރިވާވެގެންވެއެވެ.

(بايعوني على أن لا تشركوا بالله شيئًا، ولا تسرقوا، ولا تزنوا)

މާނައީ: "ﷲއަށް އެއްވެސް އެއްޗެއް ޝަރީކުނުކުރުމަށާއި އަދި ވައްކަން ނުކުރުމަށާއި އަދި ޒިނޭނުކުރުމަށް ތިމަންކަލޭގެފާނަށް ބައިއަތު ހިއްޕަވާށެވެ."

 

ނ. އަދި ކައިވެނި ކުރުމަށްފަހު ޒިނޭކުރުމަކީ ވަރަށް ބޮޑުވެގެންވާ ކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(لا يحل دم امرئ مسلم يشهد أن لا إله إلا الله وأني رسول الله إلا بإحدى ثلاث: الثيب الزاني، والنفس بالنفس، والتارك لدينه المفارق للجماعة) متفق عليه.

މާނައީ: "ﷲއެއްކައުވަންތަ ކަމަށް ހެކިވާ އަދި ތިމަންކަލޭގެފާނަކީ ﷲގެ ރަސޫލާކަމަށްވާ ހެކިވާ މީހެއްގެ ލޭ ތިންކަމަކުން މެނުވީ ހުއްދަނުވާހުއްޓެވެ. އެއީ ކައިވެންޏަށްފަހު ޒިނޭކުރާ މީހާއާ އަދި ނަފުސެއް ޤަތުލުކުރުމުންނާއި އަދި ޖަމާޢަތްދޫކޮށް ދީންދޫކޮށްލާ މީހާއެވެ."

މިފަދަ ބޮޑު އަދަބެއް އިސްލާމްދީނުގައި މިކަމަށް ދެވިފައިވަނީ އެފާފައިގެ ބޮޑުކަމުގެ ސަބަބުންނެވެ. އަދި މުޖުތަމަޢަށް ލިބޭ ގެއްލުމުގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން ކައިވެނި ކުރުން މަދުވެ އިޖުތިމާޢީ ފޭރާން ވީދިގެން ދެއެވެ. އިސްލާމްދީނަކީ ޢިއްފަތްތެރިކަމަށް ގޮވާލާ އިއްފަތްތެރިކަން ރައްކާތެރިކޮށްދޭ ދީނެވެ. އަދި ފިތުރަތުގެ މަތީގައި ތިބުމަށް އަމުރުކުރާ ދީނެކެވެ.

ރ. ޒިނޭކުރުމަކީ ދުނިޔެ މަތީގައި ޢަޒާބު އަވަސްވާ ކަމެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَا مِنْ ذَنْبٍ أَجْدَرُ أَنْ يُعَجِّلَ اللَّهُ تَعَالَى لِصَاحِبِهِ الْعُقُوبَةَ فِي الدُّنْيَا مِثْلُ الْبَغْىِ وَقَطِيعَةِ الرَّحِمِ) رواه أبو داود و صححه الألباني.

މާނައީ: "އެފާފައެއް ކުރާ މީހަކަށް ﷲ ތަޢާލާ ފާފަ ދުނިޔެމަތީގައި އަވަސްކުރައްވަން އެންމެ ބޮޑަށް އެކަށީގެންވާ (ދެ)ފާފައަކީ ޒިނޭކުރުމާއި އަދި ރަޙިމުގެ ގުޅުން ކެނޑުމެވެ."

އެހެންކަމުން މިއީ ދުނިޔެ މަތީގައިވެސް އެފާފައަކަށް ﷲ ޢަޒާބުދެއްވާ ފާފައެކެވެ.

އަދި އެކަމުގެ ބޮޑުކަން ބަޔާންކޮށްދެއްވާ އިމާމު އަޙުމަދު ބިން ޙަންބަލް ވިދާޅުވެފައިވެއެވެ.

"މީހަކު ޤަތުލުކުރުމުގެ ފާފައަށް ފަހު ޒިނޭކުރުމުގެ ފާފައަށްވުރެ ބޮޑު ފާފައެއް ނޭނގެއެވެ."

އެކަމުން ސަލާމަތްކުރެވޭނެ ކަންކަން.

އެކަމުން ސަލާމަތްވުމަށްޓަކައި ކުރެވޭނެ ކަންކަމަކީ ރޯދަހިފުމާއި އަދި ބެލުންތިރިކުރުމާއި އަދި އިސްލާމްދީނުގައި މަނާކުރައްވާފައިވާ އެކަމުގެ ސަބަބުތަކުން ދުރުވުމާއި އަވަހަށް ކައިވެނިކުރުމާއި ޢިއްފަތްތެރިވުމެވެ. އޭރުން މިނުބައި ފާފައިން ސަލާމަތްވެވި ﷲ ގެ ރުޙުންލިބޭ މީސްތަކުންގެ ތެރެއިން އަޅުގަނޑުމެން ވެގެން ހިނގައިދާނެއެވެ. ދުޢާއަކީ ޢިއްފަތްތެރިވާ ޞާލިޙު ޢަމަލުކުރާ ބައެއްކަމުގައި އަޅުގަނޑުމެން އެންމެން ލައްވާ ﷲގެ ރައްކާތެރިކަމުގައި ލެއްވުމެވެ. وصلى الله وسلم على محمد وآله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޅުގަނޑު

    ޔާﷲ އާމީން. އިންޝާﷲ އަޅުގަނޑު ތި ބޮޑު ޒިނޭގެ ފާފައިން މުޅި ހަޔާތުގައިވެސް ރައްކާތެރިވާނަން..