އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

"ﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމް ޢަލައިހިއްސަލާމް އުފެއްދެވުމަށްފަހު އެކަލޭގެފާނުގެ ބުރަކަށީގައި އަތްޕުޅު ހިންގަވާލެއްވިއެވެ. ދެން އެކަލޭގެފާނުގެ ބުރަކަށިން ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނުގެ ދަރިފަސްކޮޅުން އަންނާނެ ހުރިހާ ބައެއް ވެއްޓިގެން ދިޔައެވެ. (އެގޮތް ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.) ދެން ކޮންމެ އިންސާނެއްގެ ދެލޮލުގެ މެދުގައި ނޫރުންވާ ދޯދި ލެއްވެވިއެވެ. އެޔަށްފަހު އާދަމް ޢަލައިހިއްސަލާމަށް ﷲ ދެއްކެވިއެވެ.

ދެން އާދަމު ޢަލައިހިއްސަލާމް ވިދާޅުވިއެވެ. އެބައިމީހުންނަކީ ކޮންބައެއް ހެއްޔެވެ؟

ﷲ ވަޙީކުރެއްވިއެވެ. އެއީ ކަލޭގެފާނުގެ ދަރިފަސްކޮޅެވެ.

ދެން އާދަމް ޢަލައިހިއްސަލާމަށް އެތަނުން ފެނުނު އެކެއްގެ ދެލޮލުގެ މެދުގައިވާ ނޫރަށް އެކަލޭގެފާނު ހިތްޕުޅާވިއެވެ. ދެން ވިދާޅުވިއެވެ. "އޭ ރައްބެވެ. މިއީ ކާކު ހެއްޔެވެ؟"

ދެން ﷲ ވަޙީކުރެއްވިއއެވެ. މިއީ ތިބާގެ ދަރިފަސްކޮޅުންވާ ފަހުން އަންނާނެ އުއްމަތުގެ މީހެކެވެ. ނަމަކީ ދާވޫދެވެ.

އާދަމް ޢަލައިހިއްސަލާމް ވިދާޅުވިއެވެ. އިބަ ﷲ އޭނާގެ އުމުރު ކަމުގައި ލައްވަވާފައިވަނީ ކިހާވަރެއްތޯއެވެ؟

ވަޙީކުރެއްވިއެވެ. "ފަސްދޮޅަސް އަހަރެވެ."

ދެން އާދަމް ޢަލައިހިއްސަލާމް ދެންނެވިއެވެ. "އޭ ރައްބެވެ. މިއަޅާގެ އުމުރުން ސާޅީސް އަހަރު އެކަލޭގެފާނަށް އިތުރުކޮށްދެއްވާށިއެވެ."

އެޔަށްފަހު އާދަމު ޢަލައިހިއްސަލާމްގެ އުމުރު ހަމަވެ މަލަކުލްމައުތު ވަޑައިގަތުމުން އާދަމް ޢަލައިހިއްސަލާމް ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުގެ އުމުރުގައި އަދި ސާޅީސް އަހަރު ބާކީ ނުވޭ ހެއްޔެވެ؟"

ވިދާޅުވިއެވެ. ކަލޭގެފާނުގެ ދަރިކޮޅުން ވާ ދާވޫދު (އަލައިހިއްސަލާމަށް) އެ ސާޅީސް އަހަރު ނުދެއްވަން ހެއްޔެވެ؟

ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އާދަމް ޢަލަހިއްސަލާމް ދެކޮޅު ހެއްދެވިއެވެ. ދެން އެކަލޭގެފާނުގެ ދަރިފަސްކޮޅުވެސް ދެކޮޅު ހަދާބަޔަކަށް ވިއެވެ. އަދި އާދަމް ޢަލައިހިއްސަލާމް ހަނދުމަ ނެއްތެވިގެން ދިޔައެވެ. އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅުވެސް މެއެވެ. އަދި އާދަމް ޢަލައިހިއްސަލާމްއަށް ގޯސްކޮން ކަންކުރެވުނެވެ. އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅުވެސް އެފަދައިން ގޯސްކޮށް ކުރެވޭނެއެވެ."

މިވާހަކައިން ލިބޭ ޢިބުރަތްތައް.

ހ. އާދަމް ޢަލައިހިއްސަލާމަކީ ﷲ އަތްޕުޅުން ހެއްދެވި ފުރަތަމަ އިންސާނާ ކަމާއި އަދި އިންސާނުންގެ ބަފައިކަލުންކަން. މިކަމަކީ މިޒަމާނުގެ މުލްޙިދުން އިންކާރުކުރާ ކަމެކެވެ. އެއީ ސައިންސު ބަހަނާއަކަށް ގެނެސް އެކަމަށް ޙުއްޖަތެއްނުވާހިނދުގައެވެ. އަދި އެބައިމީހުންގެ ބަހުގެ މައްޗަށްވާ ހުއްޖަތަކީ ޤުރުއާނާއި ސުންނަތެވެ.

ށ. ބަނީ އިސްރާއީލުގެ މީހުންގެ އުމުރުތައް ވަނީ މިއުއްމަތް ފަދައިން ޢުމުރުކުރު ބައެއްކަމުގައެވެ

ނ. ބަނީ އިސްރާއީލުއަކީ ފަހުގެ އުއްމަތެއްކަން މިޙަދީޘުން އެނގިގެންދެއެވެ.

ރ. ގިނަ އުއްމަތްތަކުގެ ޚަބަރު ﷲ ސުބުޙާނަހޫ ވަތަޢާލާ ނުދެއްވައެވެ.

ބ. ހަނދާން ނެތުމާއި ފާފަކުރެވުމާއި ދެކޮޅު ހެދުމަކީ އިންސާނާގެ ތަބީޢަތުގައިވާ ކަމެއްކަން އެނގިގެންދެއެވެ.

ޅ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމުގެ ފުރިހަކަމަން އެނގިގެންދެއެވެ.

ކ. އިންސާނާއަކީ ހެއްދެވިފައިވާ ފަރާތެއްކަމާއި ހެއްދެވި ފަރާތަކީ ﷲ ކަމާއި އެއިލާހަށް ކިޔަމަންތެރިވެ އެއިލާހުގެ އަޅުކަންކުރުން ޙައްޤުވެގެންވާކަން މިކަމުން އެނގިގެންދެއެވެ.

މަޞްދަރު: ސުނަނު ތިރްމިޛީ އަދި މުސްނަދު އަޙުމަދު އަދި ޞަޙީޙް އިބްނި ޙިއްބާން.

وصلى الله وسلم على محمد وآله وصحبه أجمعين.