الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ރޯދަމަހުގެ ކަލަންޑަރުގައި ނަމާދު ވަޤުތު ތަކުގެ ތެރޭގައި އިމްސާކުގެ ވަޤުތުގެ ނަމުގައި ވަޤުތެއްވެއެވެ. އިމްސާކުގެ މާނައަކީ ހިފެހެއްޓުން ނުވަތަ ހުއްޓުމެވެ. އެވަޤުތު ބައެއް ފަރާތްތަކުން ބުނަނީ އެއީ ރޯދަމަހު ފަތިސްވުމުގެ ކުރިން ރައްކާތެރިވުމުގެ ގޮތުނ ކެއުން ހުއްޓާ ވަޤުތު ކަމަށެވެ. ނަމަވެސް މީ ޝަރުޢީ ދަލީލުތަކާއި ފުށުއަރާ އަދި ޢިލްމުވެރިން އެކަމާ އިންކާރުކުރައްވާ ކަމެކެވެ. އެގޮތުން އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ އެކަމަކީ ނުބައި ކަމެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ. އެގޮތުން ތިރީގައި މިވަނީ ޝެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲޢާއި އެމައްސަލާގައި ކުރެވުނު ސުވާލަކާއި އަދި ޖަވާބެވެ.

ސުވާލު. ރޯދަމަހުގެ ބައެއް ކަލަންޑަރުތަކުގައި އިމްސާކުގެ ނަމުގައި ޤިސްމެއްކަނޑައެޅިފައިވާތީ ފެނެއެވެ. އެކަނޑައެޅިފައިވަނީ ފަތިހުގެ ކުރިން ދިހަ މިނިޓް ނުވަތަ ފަނަރަ މިނިޓެވެ. މިކަމުގައި ސުންނަތުން އެއްވެސް އަސްލެއް ވޭހެއްޔެވެ؟ ނުވަތަ މިކަމަކީ ބިދުޢައެއް ހެއްޔެވެ؟ މިކަން ބަޔާންކޮށްދެއްވުން އެދެމެވެ. ހެޔޮ ޖަޒާ ދެއްވާށިއެވެ.

ޖަވާބު: "އެކަމަކީ ބިދުޢައިގެ ތެރެއިން ހިމެނޭ ކަމެކެވެ. އެކަމުގައި ސުންނަތުން އެއްވެސް އަސްލެއްނުވެއެވެ. ނަމަވެސް ސުންނަތް ވަނީ އެޔާ ޚިލާފަށެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ޢިއްޒަތްތެރިފޮތުގައި ވަޙީކުރައްވާފައިވެއެވެ.

(وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ) سورة البقرة: 187

މާނައީ: "އަދިތިޔަބައިމީހުންކައިބޮއިއުޅޭށެވެ.ފަޖުރުގެސަބަބުންރޭގަނޑުގެއަނދިރިކަމުގެތެރެއިންފަތިހުގެއަލިކަންފާޅުވެއެނގިއްޖައުމަށްދާނދެނެވެ."

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(إن بلالا يؤذن بليل، فكلوا واشربوا حتى تسمعوا أذان ابن مكتوم فإنه لا يؤذن حتى يطلع الفجر) متفق عليه.

މާނައީ: "ރޭގަނޑު ހަމަކަށަވަރުން ބިލާލު ބަންގިދެއެވެ. ތިޔަބައިމީހުން އިބުނު އުއްމު މަކްތޫމުގެ ބަންގި އިވެންދެން ކައިބޮއިއުޅޭށެވެ. ފަހެ ހަމަކަށަވަރުން އެކަލޭގެފާނު ފަތިސްވުމުން މެނުވީ ބަންގިނުދެއެވެ."

ބައެއް މީހުން ކެއުން ހުއްޓާލާ މިހުއްޓާލުމަކީ ﷲ ފަރުޟުކުރެއްވި ކަންތައްތަކުގެ މައްޗަށް އިތުރަށް ކުރާ ކަމެކެވެ. ފަހެ އެހެންކަމުން އެކަން ބާޠިލުވެގެންދެއެވެ. އަދި އެކަމަކީ ﷲގެ ދީނުގެ ތެރެއަށް އަންނަ ހައްދު ފަހަނަ އެޅުމެކެވެ. އަދި ހަމަކށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވެފައިވެއެވެ.

(هَلَكَ الْمُتَنَطِّعُونَهَلَكَ الْمُتَنَطِّعُونَهَلَكَ الْمُتَنَطِّعُونَ) رواه مسلم.

މާނައީ: "ހައްދުފަހަނަ އެޅިމީހުން ހަލާކުވެއްޖެއެވެ. ހައްދުފަހަނަ އެޅިމީހުން ހަލާކުވެއްޖެއެވެ. ހައްދުފަހަނައެޅިމީހުން ހަލާކުވެއްޖެއެވެ."

ޝެއިޚު އިބުނު ޢުޘައިމީންގެ ބަސްކޮޅު ނިމުނީ.

އެހެންކަމުން މިކަމަކީ ޝަރީޢަތުގައި ސާބިތުނުވާ އަދި ނައްޞުތަކާއި ޚިލާފުވެގެންވާ އަދި އުނދަގޫވެސް ގޮތެއްމެއެވެ. އަދި ޙަދީޘްގައި ފެންބޮނިކޮށް ބަންގިގޮވަން ފަށައިފިނަމަ ބޮއެފައި ނޫނީ ހުއްޓާނުލުމަށް ނަބިއްޔާ އިރުޝާދުދެއްވާފައިވެއެވެ. އެހެންކަމުން ރޯދަމަހު މިފަދަ ކަންކަމުން ދުރުވާން ޖެހެއެވެ. އެހެނީ އެންމެ ހެޔޮ ހިދާޔަތަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިދާޔަތެވެ.

والله أعلم وصلى الله وسلم على محمد وآله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު