ޢަބްދުލްޢަޒީޒު އަބީމަރްޙޫމު ރިވާކުރެއްވިކަމަށް މައުސޫޢަތުލް އިބުނު އަބިއްދުންޔާ (ރަޙިމަހުﷲ)ގައި އައިސްފައި ވެއެވެ. ބަލި މީހަކަށް ޒިޔާރަތްކުރުމަށްޓަކައި އަލްޙަސަނުލް (ބަޞަރީ) ރަޙިމަހުﷲ އާއިއެކު ބަލިމީހެއްގެ ކައިރިއަށް އަޅުގަނޑުމެން ވަދެއްޖައީމެވެ. އަދި ބަލިމީހާ ކައިރީގައިއި ށީންދެ ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ސުވާލުކުރެއްވިއެވެ. ބަލިހާލު ކިހިނަކުން ހެއްޔެވެ؟ ބަލިމީހާ ޖަވާބުދިނެވެ. އަހަރެން ކާހިތްވެއެވެ. ނަމަވެސް އަރުން ދިރޭގޮތެއް ނުވެއެވެ. އަދި ބޯހިތް ވެއެވެ. ނަމަވެސް ކަރުން ފަސޭހައިން ދިރުވާލެވޭ ގޮތެއް ނުވެއެވެ. ދެން ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ކީރިތި ކުރައްވަންފަށައި ފިއެވެ.

ދެން ވިދާޅުވާން ފަށައިފިއެވެ. ފަހެ މިދުނިޔޭގެ ދާރުބިނާވެގެންވަނީ ބަލިކަމާއި ބަލިމަޑުކަމުގެ މައްޗަށެވެ. ބަލިތަކާއި ބަލި މަޑުކަމުން ސަލާމަތްވެ ތިބުމަށް އަހަރެމެން ގަދައަޅައި މަސައްކަތްކޮށް ބަލިތަކުން ތިބާ ސަލާމަތްވެއެވެ. ނަމަވެސް މަރުންފަހެ ސަލާމަތްވެވޭނީ ތިޔައިގެތެރޭން ކާކަށް ހެއްޔެވެ؟ދެންފަހެ މުޅި ގޭތެރެ ރުއިމުގެ އަޑުން ގުގުމާލައިފިއެވެ. (1)

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ سورة آل عمران 185

މާނައިގެ ތަރުޖަމާއީ: ފަހެ ކޮންމެ ނަފުސެއްވެސް މަރުގެ ރަހަދެކޭނެއެވެ.

އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

أَيْنَمَا تَكُونُوا يُدْرِ‌ككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُ‌وجٍ مُّشَيَّدَةٍ ۗ سورة النساء 78

މާނައިގެތަރުޖަމާއީ: ފަހެ ތިޔަބައިމީހުން ކޮންމެ ތަނެއްގައި ވީކަމުގައިވިޔަސް މަރު ތިޔަބައިމީހުންނާ ބައްދަލުކުރާހުއްޓެވެ. އެއީ ތިޔަބައިމީހުން އުސްވެގެންވާ ގަދަފަދަ ކިއްލާއެއްގައި ވީކަމުގައިވިޔަސްމެއެވެ.

މަރަށް ތައްޔާރުވެ ތައުބާވެގެންވާ ހާލު މަރުވުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެނަށް ދެއްވާށިއެވެ.

އާމީން

و صلى الله وسلم على سيدنا محمد و آله و صحبه.

ނިމުނީ.

 

މިވާހަކައިން ލިބެން ޖެހޭ ޢިބުރަތްތަކާއި ފިލާވަޅުތައް.

  1. ބަލިމީހުންނަށް ޒިޔާރަތްކުރުމަކީ މާތް ނަބިއްޔާގެ ސުންނަތެއްކަން. އަދި މިއުއްމަތަށް އެކަލޭގެފާނު ވަނީ ބަލިމީހުންނަށް ޒިޔާރަތްކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޙައްޤެއްކަމަށް ބަޔާންކުރައްވާފައެވެ.
  2. 2 .ކޮންމެ އިންސާނަކީވެސް މަރުވެގެންދާނެ މީހެއްކަން.
  3. ޙަސަނުލް ބަޞަރީ ރަޙިމަހު ﷲ: މަދީނާގައި ހިޖުރީ ސަނަތުން 21 ވަނަ އަހަރު ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި އުފަންވެވަޑައިގެންނެވި ބޭކަލެއް. ޙަދީޘް ޢިލްމުގައި އަދި ދަރުސްދެއްވުމުގައި ފުންނާބު އުސް ބޭކަލެއް. ޢުޘްމާނު ރަޟިޔަﷲ ޢަންހު އަދި ޢަލީ ރަޟިޔަﷲ ޢަންހު އާއިއެކު އުޅުއްވި ބޭކަލެކެވެ. ހަޔާތުގެ ފަހުކޮޅު ދިރިއުޅުއްވީ ބަޞަރާގައެވެ.
  4. އިބުނު އަބިއްދުންޔާ ރަޙިމަހުﷲ: (208ހ-281ހ) އިމާމު ޢަހުމަދު ބިން ޙަންބަލު (164ހ-261ހ)ގެ ޒަމާނުގައި އުޅުއްވި ޢިލްމުވެރިޔެއް. ވަރަށް ގިނަ ފޮތްތައް ލިޔުއްވާފައިވޭ. އެފޮތްތައް ޖަމާކޮށް ނެރިފައިވާ ފޮތަށް ކިޔަނީ މައުސޫޢަތުލް އިބުނު އަބިއްދުންޔާ. (އިބުނު އަބިއްދުންޔާގެ އެންސައިކުލޮޕީޑިޔާ)އެވެ. އިމާމު ބުޚާރީ، އިމާމު އިބުނު އަބީޚާތިމް އަދި އިމާމު ތިރިމިޛީ ރަޙިމަހުމުﷲ ޖަމީޢަން ވަނީ މިކަލޭގެފާނުގެ އަރިހުން ޙަދީޘް ރިވާކުރައްވާފައެވެ. ދިރިއުޅުއްވީ ބަޣުދާދުގައެވެ.

_____________________

(1) ވާހަކައިގެ މަޞްދަރު: حياة السلف بين القول والعمل, دار ابن الجوزي، ص: 433

ކިޔުންތެރިންގެ ހިޔާލު