الحمد لله رب العالمين. والصلاة والسلام على نبينا محمد وآله وصحبه أجمعين. آمين.

ކާމިޔާބުލިބޭ މުއުމިނުންގެ ސިފަތައް ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި މުއުމިނުންގެ ސޫރަތުގައި ބަޔާންކޮށްދެއްވާފައިވެއެވެ. އަދި އެބައިމީހުންނަށް ލިބޭ ޖަޒާވެސް ބަޔާންކޮށްދެއްވައިފިއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(قَدْ أَفْلَحَ الْمُؤْمِنُونَ ) سورة المؤمنون: 1

މާނައީ: "މުއުމިނުން ކާމިޔާބު ވެއްޖެކަން ކަށަވަރެވެ."

ތަފުސީރު އިބުނު ކަޘީރުގައި މިއާޔަތުގެ ތަފުސީރުގައި އިމާމު ނަސާއީގެ ކިބައިން ރިވާވެގެންވެއެވެ. ޔަޒީދް ބިން ބާބަނޫސް ރިވާކުރެއްވިއެވެ."ތިމަންބޭކަލުން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޚުލާޤާއި ބެހޭގޮތުން ސުވާލުކުރެއްވީމެވެ. އެކަމަނާ ވިދާޅުވިއެވެ. "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޚުލާޤަކީ ޤުރުއާނެވެ. އެޔަށްފަހު އެކަމަނާ ކިޔަވާ ވިދާޅުވިއެވެ.

(قَدْ أَفْلَحَ الْمُؤْمِنُونَ ﴿١﴾ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ﴿٢﴾ وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ ﴿٣﴾ وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ ﴿٤﴾ وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ ﴿٥﴾ إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴿٦﴾ فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَـٰئِكَ هُمُ الْعَادُونَ ﴿٧﴾ وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ ﴿٨﴾ وَالَّذِينَ هُمْ عَلَىٰ صَلَوَاتِهِمْ يُحَافِظُونَ ﴿٩﴾) (އެއީ މުއުމިނޫން ސޫރަތުގެ 1ވަނަ އާޔަތުން 9 ވަނަ އާޔަތަށެވެ.)

މާނައީ: "މުއުމިނުން ކާމިޔާބު ވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭމީހުންނެވެ. އަދިއެއުރެންނީ، ބޭކާރުވާހަކަތަކާއި، ކަންތަކުންދުރުހެލިވެ ތިބޭ މީހުންނެވެ. އަދި އެއުރެންނީ، ޒަކާތްދޭމީހުންނެވެ. އަދި އެއުރެންނީ، އެއުރެންގެ ފަރުޖުތަކަށް ރައްކާތެރިވާމީހުންނެވެ. އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެމައްޗަށްމެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެން ނުވާމީހުންނެވެ.ފަހެ، އެއިންބޭރުގައިވާ ކަމަކަށްއެދިއްޖެމީހާ (ދަންނާށެވެ) ފަހެ، އެއުރެންނީ (ހުއްދަވެގެންވާމިންގަނޑުން) ފަހަނަޅައިދާމީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ އަމާނާތްތަކަށާއި އެއުރެންގެ ޢަހުދުތަކަށް ރައްކާތެރިވާމީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ ނަމާދުތަކުގެ މައްޗަށްރައްކާތެރިވާމީހުންނެވެ."

ދެން އެޔަށްފަހު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޚުލާޤުވަނީ އެފަދައިންނެވެ."

އަދި ތަފުސީރު އިބުނު ކަޘީރުގައި އިބުނު ޢައްބާސް ރަޟިޔަﷲގެ ކިބައިން މަރްފޫޢުކޮށް ރިވާވެގެންވެއެވެ. "ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ އަތްޕުޅުން ޢަދަންގެ ސުވަރުގެ ހެއްދެވުމަށްފަހު އެތަން މޭވާތަކާއި (ގަސްގަހާގެހިން) ފުރުއްވައި، ކޯރުތައް ފަޅުއްވައި އެތަނަށް ބައްލަވައި ވޮޑިގެން ބަސްވަހީކުރެއްވިއެވެ. (قَدْ أَفْلَحَ الْمُؤْمِنُونَ) މާނައީ: "ހަމަކަށަވަރުން މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ." އަދި ބަސްވަޙީކުރެއްވިއެވެ. "ތިމަންއިލާހުގެ ޢިއްޒަތް ގަންދީފައި ބުނަމެވެ. ތިމަންއިލާހުގެ އަވައްޓެރިކަމުގައި ސުވަރުގޭގައި ދަހިމީހުން ނުވާހުއްޓެވެ."

އެޔަށްފަހު މި ބައި ކިޔަވާ ވިދާޅުވުމަށްފަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންނަނިވި އާޔަތް ކިޔަވައި ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. (وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ) سورة الحشر: 9

މާނައީ: "އެމީހެއްގެއަމިއްލަނަފުސުގެދަހިވެތިކަމުންމިންޖުވެއްޖެމީހާ (ދަންނާށެވެ) ފަހެ،އެއުރެންނީހަމަދިންނަވާނެމީހުންނެވެ."

އެހެންކަމުން މިސިފަތަކުން ޖަރީވާ ކާމިޔާބުވާ މުއުމިނު މީހާގެ އެއްސިފައަކީ ދަހިވެތިކަމުން ސަލާމަތްވުމެވެ.

އެގޮތުން މިސޫރަތުގައި އަންގަވާފައިވާ ކާމިޔާބުވާ މުއުމިނުންގެ ސިފަތައް ޙާޞިލުވެފައިވާ ބޭކަލަކީ ނަބިއްޔާކަމުގައި ތަފުސީރުން އެނގުމުގެ ޙިކުމަތަކީ ނަބިއްޔާއަކީ މިއުއްމަތުގެ ނަމޫނާކަމެވެ. ކާމިޔާބުވާ މުއުމިނުން ލިބިގަންނަން ޖެހޭ ނަމޫނާއަކީ އެކަލޭގެފާނު ކަމެވެ. ކީރިތި ޤުރުއާނުގައި މިކަން އަންގަވާފައިވެއެވެ.

(لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ) سورة الأحزاب: 21
މާނައީ: " ހަމަކަށަވަރުން،اللَّه ގެރަސޫލާގެކިބައިގައި،ތިޔަބައިމީހުންނަށްރިވެތިވެގެންވާނަމޫނާއެއްވެއެވެ." އަދި ސިފަތައް ކުރުކޮށް ތިރީގައި މިވަނީއެވެ.

ހ. ނަމާދުގައި ޚުޝޫޢަތްތެރިވުން.

ށ. ބޭކާރުވާހަކަތައް ނުދެއްކުމާއި ބޭކާރު ކަންކަންނުކުރުން. ހުއްދަނޫން ވާހަކަތަކާއި ދޮގާއި އަދިވެސް ދޫރައްކާތެރިކުރަން ޖެހޭ ހުރިހާ ވާހަކަތައް އަދި ހުއްދަނޫން ހުރިހާކަމެއް މިތަނުގައި ހިމެނެއެވެ.

ނ. ޒަކާތްދިނުން.

ރ. ޢިއްފަތްތެރިވާ މީހުން. އެއީ ޒިނޭކުރުންފަދަ ޙަރާމްހުރިހާ ކަމެއް ދޫކޮށްލާމީހުންނެވެ. އެކަންކަމުން ރައްކާތެރިވާ މީހުންނެވެ.

ބ. އަމާނާތްތަކަށް ރައްކާތެރިވުން.

ޅ. ނަމާދަށް ރައްކާތެރިވާ މީހުންނެވެ. އެބަހީ ނަމާދުތައް ނަމާދުގެ ކުރީކޮޅު އަދާކުރުމެވެ.

އަދި މިސިފަތައް ލިބޭ މީހުންގެ ޖަޒާއަކީ ކުރިން ބަޔާންވެ ދިޔަފަދައިން ސުވަރުގެއެވެ. އެސިފަތައް ބަޔާންކޮށްދެއްވުމަށްފަހު ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(أُولَـٰئِكَ هُمُ الْوَارِثُونَ، الَّذِينَ يَرِثُونَ الْفِرْدَوْسَ هُمْ فِيهَا خَالِدُونَ) سورة المؤمنين: 10-11

މާނައީ: " ވާރުތަވާމީހުންނީ،ހަމައެއުރެންނެވެ.އެއުރެންނީ،ފިރުދައުސްއޭކިޔުނުސުވަރުގެވާރުތަވާމީހުންނެވެ. އެއުރެންއެތާނގައިދެމިތިބޭހުއްޓެވެ."

މިއާޔަތުގެ ތަފުސީރުގައި އިމާމު އިބުނު ކަޘީރު އިމާމު އިބުނު އަބީ ޙާތިމް ރިވާކުރައްވާފައިވާ އަންނަނިވި ނަބިއްޔާގެ ބަސްފުޅު ގެންނަވާފައިވެއެވެ.

(ما منكم من أحد إلا وله منزلان : منزل في الجنة ومنزل في النار ، فإن مات فدخل النار ورث أهل الجنة منزله ، فذلك قوله : ( أولئك هم الوارثون )

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށްވެސް ދެމަންޒިލެއްވެއެވެ. އެއީ ސުވަރުގޭގައި ވާ މަންޒިލަކާއި އަދި ނަރަކައިގައިވާ މަންޒިލެވެ. އަދި އެމީހަކު މަރުވުމަށްފަހު ނަރަކައަށް ވަދެއްޖެނަމަ ސުވަރުގޭގެ އަހުލުވެރިންނަށް އޭނާގެ މަންޒިލު ވާރުތަވެއެވެ. ﷲގެ އަންނަނިވި ބަސްފުޅުގައި ވަނީ އެވާހަކައެވެ. (أُولَـٰئِكَ هُمُ الْوَارِثُونَ) ވާރުތަވާ މީހުންނަކީ ހަމައެއުރެންނެވެ."

ވީމާ މިސިފަތައް ލިބި ސުވަރުގެތައް ވާރުތާ މީސްތަކުންގެ ތެރޭގައި އަޅުގަނޑުމެން ވޭތޯ ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ. އަދި އެކަންކަން ޙާޞިލުވާ މީހުންކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ.

وصلى الله وسلم على محمد وآله وصحبه أجمعين. آمين.