الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما عبد:

މީހަކަށް ކަމެއްކޮށްދީފައި އެކަމެއްގެ ވާހަކަ ދެއްކުމަކީ ކަލަގޮވުމެވެ. މިއީ އިސްލާމްދީނުގައި އެކަމަކާއި ބެހޭގޮތުން ވަރަށް ބޮޑަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ނަހީކުރައްވާފައިވާ ކަމެކެވެ. އަދި އެފަދައިން އެކަންތައް ކުރުމުގެ ސަބަބުން އެކަމުގެ ސަވާބާއި އަޖުރު ގެއްލިގެން ދާ ކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ كَالَّذِي يُنفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّـهِ وَالْيَوْمِ الْآخِرِ ۖ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْدًا ۖ لَّا يَقْدِرُونَ عَلَىٰ شَيْءٍ مِّمَّا كَسَبُوا ۗ وَاللَّـهُ لَا يَهْدِي الْقَوْمَ الْكَافِرِينَ ) سورة البقرة: 264

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތް ތައް ބާޠިލު ނުކުރާ ހުށިކަމެވެ. މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ މިޘާލު ފަދައިންނެވެ. اللَّه އަށާއި އާޚިރަތްދުވަހަށް އޭނާ އީމާނެއް ނުވެތެވެ. ފަހެ، އޭނާގެ މިސާލީ، އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުއްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލަޔެއްގެ މިސާލެވެ. އެއުރެން ކުޅަ މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެއުރެންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެތެވެ. (އެބަހީ: އެއުރެން ކުޅަ ޢަމަލަށް އާޚިރަތް ދުވަހުން އެއުރެންނަކަށް އެއްވެސް ސަވާބެއް ނުލިބޭ ހުއްޓެވެ.) ކާފަރު ވެގެންވާ ޤައުމަކަށް اللَّه ތެދުމަގެއް ނުދައްކަވައެވެ."

މިއާޔަތުގެ ތަފުސީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "މިއާޔަތުގައި ﷲ ތަޢާލާ ވަނީ ކަލަގޮވުމާއި އަދި އުނދަގޫ ދިނުމުން ހަމަކަށަވަރުން ޞަދަޤާތް ބާޠިލުވާނެ ކަމަށް ބަޔާންކުރައްވާފައެއެވެ. އަދި ފާފަކަމުގައިވާ ކަލަގޮވުމާއި އުނދަގޫ ދިނުމުގެ ސަބަބުން ޞަދަޤާތުގެ ސަވާބު ލިބިގެން ނުދާނެކަމަށް އަންގަވާފައިވެއެވެ."

އަދި އެޔަށްފަހު ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްކުންތެރިކަމަށްޓަކައި ކުރާ މީހުންނާއި އެއްގޮތްކަމަށް ސިފަކުރައްވާފައިވެއެވެ. ސަބަބަކީ އެބައިމީހުން އެކަންކުރީ މހުންނަށް ދައްކައި މީހުންގެ ސަނާއާ ބަސްތައް ހޯދުމަށެވެ. ކަލަގޮވުމުންވެސް އޭނާކުރި ކަންތައް އެހެން މީހުންނަށް އެނގިގެން ދެއެވެ. އަދި އެދެވުނު މީހާއަށް އެކަމުން އުނދަގޫ ލިބިގެންދެއެވެ. އަދި އެބައިމީހުންގެ މިސާލު އެއިލާހު ސުބުޙާނަހޫ ވަތަޢާލާ ޖައްސަވަނީ އެއީ ހިލަގަނޑެއްގެ މަތީގައި ވެލިތަކެއް ހުއްޓައި އޭގެ މައްޗަށް ވާރޭ ވެހި ހުރިހާ ވެލިތަކެއްދާ ފަދަ މިސާލުންނެވެ. އެމީހުން ކުރި ޢަމަލުގެ ސަބަބުން ހެޔޮކަންތައް ފިލައިގެންދެއެވެ. އޭނާ ކުރި ޢަމަލުން އެއްވެސް ފައިދާއެއްނުކުރެއެވެ.

އަދި އެފަދައިން ދެއްކުމަށް ކަންތައް ކުރާ މީހުންނަކީ ﷲއަށް އަދި އާޚިރަތް ދުވަހަށް އީމާންނުވާ މީހުންކަމުގައި އެއިލާހު އަންގަވާފައިވެއެވެ.

އަދި މިއާޔަތުގެ ތަފުސީރުގައި އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "އެބައިމީހުންގެ މައްޗަކަށް އެއްވެސް (ސަވާބެއް)ނުވެއެވެ. ހަމައެފަދައިން މުނާފިޤުން ވެއެވެ. އެބައިމީހުން ހޭދަކުރި ކަންކަމުގެ މައްޗަށް އެއްވެސް ކަމެއް ޤިޔާމަތްދުވަހުން ކުޅަދާނަވެގެންނުވެއެވެ."

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(لَا يَدْخُلُ الْجَنَّةَ خِبٌّ وَلَا مَنَّانٌ وَلَا بَخِيلٌ) رواه الترمذي.

މާނައީ: "މީސްތަކުންނަށް މަކަރުހަދާ މީހާއާ އަދި ކަލަގޮވާމީހާޔާ އަދި ދަހި މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(ثَلاثةٌ لا يُكلِّمُهُم اللَّه يوْمَ القيامةِ، وَلا يَنْظُرُ إلَيْهِمْ، وَلا يُزَكِّيهِمْ، وَلهُمْ عذابٌ أليمٌ، قَالَ: فَقرأها رسولُ اللَّه ﷺ ثَلاثَ مَرَّاتٍ. قَالَ أَبُو ذرٍّ: ....مَنْ هُمْ يَا رسولَ اللَّه؟ قَالَ: المُسْبِلُ، والمَنَّانُ، والمُنَفِّقُ سلعتَهُ بالحَلِفِ الكَاذبِ)رواه مسلم.

މާނައީ: "ޤިޔާމަތް ދުވަހު ތިން މީހަކާއި ﷲ ބަސްވަޙީނުކުރައްވާނެއެވެ. އަދި އެބައިމީހުންނަށް ނުބައްލަވާނެއެވެ. އަދި ހެޔޮބަސްވެސް ވަޙީނުކުރައްވާނެއެވެ. އަދި އެބައިމީހުންނަށް ގަދަފަދަ ވެގެންވާ ޢަޒާބުވެއެވެ. ދެން އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެއީ ކޮންބައެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެމީހެއްގެ އިޒާރު ތަނބިކައްޓަށްވުރެ ތިރިކުރާމީހާއާ އަދި ކަލަގޮވާމީހާޔާ އަދި ދޮގުހުވާކޮށްގެން އޭނާގެ މުދާ ވިއްކާމީހާއެވެ.

ވީމާ މިކަމަކީ އެކަމުގައި ވަރަށް ނުބައިކަމެއް އެކުލެވިގެންވާ ކަމެއްކަން ސާފުވެގެން ހިނގައްޖެއެވެ. އަދި ދޭދޭމީހުންގެ މެދުގައި ފިތުނަ ފަސާދައާއި ނަފުރަތު އެކަމެއްގެ ސަބަބުން އުފެދޭ ކަމެކެވެ. އެހެންކަމުން މިފަދަ ނުބައި ސިފަތަކުން ދުރުވާން ޖެހެއެވެ. އެކަމުގެ މައްޗަށް އަޅުގަނޑުމެންނަށް ތައުފީޤު ދެއްވާށިއެވެ.

وصلى الله وسلم على محمد وآله وصحبه أجمعين.

ކިޔުންތެރިންގެ ހިޔާލު