الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

(ނަމާދު އެޅުމެއްނެތި) އަބަދު ރޯދަމަހު ނިދާފައި ރޯދަ ހިފާ މީހުންނާއި ބެހޭގޮތުން ސުވާލުކުރެއްވުނީމާ ޝެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ ޖަވާބުދެއްވިއެވެ.

"އެބައިމީހުންގެ ރޯދަ ކަމުދާނެއެވެ. ޒިންމާއަދާވިކަމުގައިވާނެއެވެ. ނަމަވެސް އެބައިމީހުންގެ ރޯދަވަނީ ވަރަށް ބޮޑަށް އުނިވެގެންނެވެ. އަދި ރޯދަ ފަރުޟު ކުރެއްވި މަޤުޞަދާ އެވަނީ ޚިލާފުވެގެންނެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ) سورة البقرة: 183

މާނައީ: "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ."'

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(من لم يدع قول الزور والعمل به والجهل فليس لله حاجة في أن يدع طعامه وشرابه) رواه البخاري.

މާނައީ: "ދޮގުބަސްތަކާއި ފާފަތަކަށް ޢަމަލުކުރުން އަދި ޖާހިލުކަން ދޫނުކުރާ މީހަކަށް، އޭނާ ކެއުމާއި ބުއިން ދޫކޮށްލުމުގައި އެއްވެސް ބޭނުމެއް ﷲއަށް ނުވެއެވެ."

އަދި އެނގިގެންވާ ގޮތުގައި ނަމާދު އަޅައި ނުވަތަ ނަމާދަށް ސަމާލުކަން ނުދިނުމަކީ ﷲ ޢައްޒަ ވަޖައްލައަށް ތަޤުވާވެރިވުމުގެ ތެރޭން ހިމެނޭ ކަމެއްނޫނެވެ. އަދި ދޮގުހެދުމާއި ނުބައި ޢަމަލު ދޫނުކުރުންވެސް މެއެވެ. އެއީ ﷲއާއި އަދި ރަސޫލާ ބޭނުންވާ މަޤްޞަދާއި ޚިލާފުވެގެންވާ ކަމެކެވެ. އަދި އަޖައިބުވެގެންވާ ކަމަކީ އެބައިމީހުން މުޅި ދުވާލު ނިދާފައި އަދި މުޅި ރޭގަނޑު ހޭލާ ތިބެއެވެ. އަދި ބައެއްފަހަރު އެބައިމީހުން ރޭގަނޑު ހޭލާ ތިބެނީ ފައިދާހުރި ކަންކަމެއްގައެއްވެސް ނޫނެވެ. ބޭކާރު ކަންކަމުގައެވެ. ނުވަތަ ޙަރާމްވެގެންވާ ކަންކަމުގައެވެ. އެކަމުން ފާފަލިބޭނެ ކަންކަމެވެ.

އަދި އެބައިމީހުންނަށް އެފަދަ މީސްތަކުންނަށްވާ ތިމަންނާގެ ނަޞީޙަތަކީ ﷲ ޢައްޒަ ވަޖައްލައަށް ތަޤުވާވެރިވުމެވެ. ﷲ ރުއްސަވާ މަގަށް ރޯދަހިފުމަށް މަސައްކަތްކުރާށެވެ. އަދި ޤުރުއާން ކިޔެވުމާއި އަދި ޒިކުރު ކުރުމުގައި ހޭދަކުރާށެވެ. އަދި ނަމާދު ކުރުމާއި އަދި އިޙުސާންތެރިވުމާއި އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ އެނޫންކަންކަންވެސް ކުރެވޭތޯ ބަލާށެވެ.

ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިމެނިވަޑައިގަންނަވަނީ އެންމެ ދީލަތި ބޭކަލުންގެ ތެރެއިންނެވެ. އެކަލޭގެފާނު އެންމެ ދީލަތި ވެ ވަޑައިގަންނަވަނީ ޖިބްރީލު ޢަލައިހިއްސަލާމް ޤުރުއާން މުރާޖަޢާކުރުމަށް ބައްދަލުވެ ވަޑައިގަންނަވާ ހިނދުގައެވެ. އަދި އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވިގެންވާ ވަޔަށްވުރެ ދީލަތިވެގެން ވެއެވެ."

ޝެއިޚުގެ ބަސްކޮޅު ނިމުނީ.

އެހެންކަމުން މިރަމަޟާންމަހަކީ އެކަންކަމުން ދުރުވެގެންވާ އަދި ހެޔޮގޮތުގައި ރޯދަހިފާ އަދި ރޯދައިގެ ހުރިހާ ސަވާބެއް އެންމެ ފުރިހަމަގޮތުގައި ލިބިގަންނަ ބައެއްކަމުގައި އަޅުގަނޑުމެން އެންމެން ލައްވާށިއެވެ.

وصلى الله وسلم على نبينا محمد وآله وصحبه أجمعين. آمين.

މަޞްދަރު: ފަތާވާ ފިއްޒަކާތް ވައްޞިޔާމް.

ކިޔުންތެރިންގެ ހިޔާލު