الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

އަވައްޓެރިންނަކީ އަހަރެމެންގެ ގެތަކުގެ ވަށައިގެން ދިރިއުޅޭ މީސްތަކުންނެވެ. އެހެނީ މުޖުތަމަޢެއް އަމާން އޮމާންކޮށް އޮތުމަށް ކޮންމެ މީހަކުވެސް އެމީހެއްގެ ގޭގެ ކައިރީގައިވާ މީހުންނާއި ރަނގަޅު ގުޅުމެއް އޮތުމަކީ އެމުޖުތަމަޢެއް ބަދަހިވެ އިޖުތިމާޢީ މައްސަލަތައް ނެތިގެން ދާނެކަމެކެވެ. އިސްލާމްދީނަކީ އިޖުތިމާޢީ ހުރިހާ މައްސަލަތަކެއްގެ ހައްލު އެދީނުގައި ކަނޑައަޅުއްވާފައިވާ މުޖުތަމަޢެއް އެންމެ ރަނގަޅަށް ބައްޓަން ކުރުމަށް ބާރުއަޅާ ދީނެކެވެ. އެހެންކަމުން އަވައްޓެރިންނާއި މެދުގައިވެސް އިސްލާމްދީން ގޮވާލަނީ ހެޔޮކޮށް ހިތުމަށެވެ. އެބައިމީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށެވެ. އެހެނީ ކޮންމެ މީހަކީވެސް އެހެން މީހެއްގެ އަވައްޓެރިއެކެވެ. އެގޮތުގެ މަތިން އެކުވެރިކަމާއި ބަދަހިކަން ގުޅި އުފާވެރިކަމާއި ލޯބި އާލާވެގެންދެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައިވަނީ އަވައްޓެރިންނަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.

(وَاعْبُدُوا اللَّـهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ ۗ إِنَّ اللَّـهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا) سورة النساء: 36

މާނައީ: "ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ. އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ. އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ. ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ."

މިއާޔަތުގެ ތަފުސީރުގައި އިބުނު ޢައްބާސް ވިދާޅުވަނީ ގާތްއަވައްޓެރިޔާއަކީ ގާތްތިމާގެ ކަމުގެ ގޮތުން ގުޅުން އޮންނަ އަވައްޓެރިޔާކަމުގައެވެ. އަދި ދުރުއަވައްޓެރިޔާއަކީ ގާތްތިމާގެ ކަމުގެ ގުޅުން ނެތް އަވައްޓެރިޔާއެވެ.

އަދި އިބުނު ޖަރީރު އަދި އިބުނު އަބީ ޙާތިމް ވިދާޅުވަނީ ގާތް އަވައްޓެރިންނަކީ މުސްލިމުން ކަމުގައެވެ. ދުރު އަވައްޓެރިންނަކީ މުސްލިމު ނޫން މީހުންކަމުގައެވެ. އެހެންކަމުން މިއާޔަތުން މުސްލިމުންނާއި މުސްލިމު ނޫން މީހުންނާއި އަދި ގާތްތިމާގެ މީހުންނާއި އަދި ގާތްތިމާގެ ނުވިކަމުގައި ވިޔަސް އަވައްޓެރިންކަމުގައިވާނަމަ އެބައިމީހުންގެ ޙައްޤުތައް އަދާކޮށްދޭން ޖެހޭކަން އެނގިގެންދެއެވެ.

އަދި ގާތްތިމާގެ މީހަކު އަވައްޓެރިއެއް ކަމުގައިވެއްޖެނަމަ އޭނާގެ މައްޗަށް އެތައް ޙައްޤެއްވެއެވެ. އެއީ ގާތްތިމާގެ ކަމުގެ ޙައްޤާއި އަދި އަވައްޓެރިކަމުގެ ޙައްޤެވެ. އެގޮތުން ޢިލްމުވެރިން ބަޔާންކުރައްވަނީ އަވައްޓެރިން ތިން ބަޔަކަށް ބެހިގެންދާކަމަށެވެ.

ފުރަތަމައީ: ގާތްތިމާގެ މުސްލިމު އަވައްޓެރިން. އެބައިމީހުންނަށް ތިންޙައްޤެއްވެއެވެ. އެއީ އިސްލާމްކަމާއި ގާތްތިމާގެ ކަމާއި އަދި އަވައްޓެރިކަމުގެ ޙައްޤެވެ.

ދެވަނައީ: މުސްލިމު އަވައްޓެރިންނެވެ. އެބައިމީހުންނަށް ދެޙައްޤެއްވެއެވެ. އެއީ އިސްލާމްކަމުގެ ޙައްޤާއި އަދި އަވައްޓެރިކަމުގެ ޙައްޤެވެ.

ތިންވަނައީ: މުސްލިމުނޫން އަވައްޓެރިންނެވެ. އެބައިމީހުންނަށް އަވައްޓެރިކަމުގެ ޙައްޤުވެއެވެ. އެހެނީ މަސައްކަތްކުރުމަށް ރާއްޖޭގައިވެސް މިފަދަ މީސްތަކުންވެއެވެ.

ފަތުޙުލްބާރީގައި އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ." އަވައްޓެރިންގެގެ ތެރޭގައި މުސްލިމުންނާއި ކާފަރުން އަދި އަޅުވެރިންނާއި ފާފަވެރިން އަދި އެކުވެރިންނާއި ޢަދުއްވުން އަދި ބީރައްޓެރިންނާއި ރަށުމީހުން އަދި ފައިދާކޮށްދޭމީހާޔާ އަދި ގެއްލުންދޭމީހާ އަދި ގާތްތިމާގެ މީހުންނާއި ދުރުހިލޭމީހުން އަދި ގެޔާ ކައިރިމީހުންނާއި ގެޔާދުރު މީހުންވެސް ހިމެނެއެވެ. އެތަނުގައި ތަރުތީބުގެ ގޮތުން އެއްބަޔަކު އަނެއްބަޔަކަށްވުރެ އިސްވެގެންވެއެވެ. އެންމެ އަޢުލާވެގެންވަނީ ފުރަތަމަ ހުރިހާ ސިފަތަކެއް އެކުވެފައިވާ މީސްތަކުންނެވެ. އެޔަށްފަހު އެސިފަތައް އެންމެ ގިނަމީހުންނެވެ. އަދި ގެޔާ އެންމެ ގާތުގައިވާ މީހުންނެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޖިބުރީލު ޢަލައިހިއްސަލާމް ވަރަށް ގިނައިން އަވައްޓެރިންނަށް ހެޔޮކޮށް ހިތުމަށް ބާރުއަޅައެވެ. އެއީ އެބައިމީހުންނަކީ ގާތްތިމާގެ ކަމުގެ ގޮތުން ވާރުތަވާ މިންވަރަށް ގާތްބައެއްކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހީފުޅުވާ މިންވަރަށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (من كان يؤمن بالله واليوم الآخر فليكرم جاره)رواه البخاري ومسلم.

މާނައީ: "ﷲއާއި އާޚިރަތް ދުވަހަށް އީމާންވާ މީހުން އެބައިމީހުންގެ އަވައްޓެރިންނަށް ހެޔޮކޮށް ހިތާށެވެ."

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޢާއިޝާ ރަޟިޔަﷲ ޢަންހާ ދެ އަވައްޓެރިން ތެރޭން ހަދިޔާ ދޭނީ ކޮން އަވައްޓެރިއަކަށްތޯ ދެންނެވުމުން ގެޔާ ދޮރުގެ ގޮތުން އެންމެ ކައިރި އަވައްޓެރިޔާއަށް ދިނުމަށް ނަބިއްޔާ އެންގެވިއެވެ.

އެގޮތުން އަވައްޓެރިންނަށް އަދާކުރަން ޖެހޭ ޙައްޤުތަކުގެ ތެރޭގައި އެމީހުންނަށް އުނދަގޫ ލިބޭފަދަ އެއްވެސް ކަމެއް ނުކުރުމާއި ބާރަށް އަޑުގަދަ ނުކުރުމާއި އަދި ކުނި ނޭޅުމާއި އަދި އެބައިމީހުންނަށް އެއްޗެހި ނުކިޔުމާއި އެމީހުންގެ ފަރާތުން ފެންނަ ގޯސްކަންކަން ފޮރުވައިދިނުމާއި އަދި އެބައިމީހުންނަށް ހަދިޔާ ދިނުން ހިމެނެއެވެ. ރަމަޟާން މަހު ކާއެއްޗެހި ޞަދަޤާތްކުރުމާއި އަދި އެބައިމީހުންނަށް ޖެހޭ ބޮޑެތި ކަންކަމުގައި ބައިވެރިވުމާއި ހުރިހާ ބާވަތެއްގެ ހެޔޮކަންކަން ހިމެނެއެވެ.

އެހެންކަމުން އިސްލާމްދީނުގައިވާ މިރިވެތި ސިފަތަތަކުން ޖަރީވެ އިސްލާމީ މުޖުތަމައެއް ބިނާކުރުމުގައި ކުރިޔަށްދާ ބައެއްކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ.

وصلى الله وسلم على محمد وآله وصحبه أجمعين. آمين.