الحمد لله رب العالمن. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ރަމަޟާންމަހަކީ އެމަހެއްގައި ކީރިތި ޤުރުއާން ބާވާލެއްވުނު މައްސަރެވެ. އެޤުރުއާން ބާވާލެއްވުނީ ފަހު ދިހައެއްގެ ރޭތަކުގެ ތެރެއިން ރެއެއްގައެވެ. ރަމަޟާން މަސް މާތް ކުރެއްވުމުގެ އެއްސަބަބަކީ މިއެވެ. އެހެންކަމުން އެރޭ އަންނަ ރެޔަކީ ﷲ ވަރަށް މާތްކުރައްވާފައިވާ ރެޔެކެވެ. އެރޭގެ ނަމުން ޤުރުއާނުގައި ސޫރަތެއް ބާވާލެއްވިއެވެ. އެ ރޭ ލެއްވިފައިވަނީ ރަމަޟާންމަހުގެ ރޭތަކުގެ ތެރެއިން ފަހުދިހައެއްގައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(إِنَّا أَنْـزَلْنَاهُ فِي لَيْلَةِ الْقَدْرِ) سورة القدر: 1

މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެޤުރުއާން ބާވައިލެއްވީ ލައިލަތުލް ޤަދުރިވިލޭރޭގައެވެ."

އަދިވެސް އެރެޔާއި ބެހޭގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(إِنَّا أَنْـزَلْنَاهُ فِي لَيْلَةٍ مُبَارَكَةٍ إِنَّا كُنَّا مُنْذِرِينَ) سورة الدخان: 3

މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: ޤުރުއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، އިންޒާރުކުރައްވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ."

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(أنزلت صحف إبراهيم في أول ليلة من رمضان، وأنزلت التوراة لست خلون من رمضان، وأنزل الإنجيل لثلاث عشرة خلت من رمضان، وأنزل الزبور لثمان عشرة خلت من رمضان، وأنزل القرآن لأربع وعشرين خلت من رمضان) اسناده حسن.

މާނައީ: "އިބްރާހިމް އަލައިހިއްސަލާމްގެ ސުޙުފު ބާވާލެއްވުނީ ރޯދަމަހުގެ ފުރަތަމަ ރޭގައެވެ. އަދި ތައުރާތު ބާވާލެއްވުނީ ރޯދަމަހުގެ ހައެއް ނިމުމަށްފަހުގައެވެ. އަދި އިންޖީލު ބާވާލެއްވުނީ ރޯދަމަހުގެ ތޭރަ ނިމުމަށްފަހުގައެވެ. އަދި ޒަބޫރު ބާވާލެއްވުނީ ރޯދަމަހުގެ އަށާރަ ނިމުމަށްފަހުގައެވެ. އަދި ޤުރުއާން ބާވާލެއްވުނީ ރޯދަމަހުގެ ސައުވީސް ނިމުމަށްފަހުގައެވެ."

އަދި އެރޭގެ ހެޔޮކަން އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.

(لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْر) سورة القدر: 3

މާނައީ: "ލައިލަތުލް ޤަދުރިވިލޭރޭ،އެއްހާސްމައްސަރަށްވުރެހެޔޮކަންބޮޑެވެ."

އަދި އެރޭ ރޭއަޅުކަން ކުރާ މީހާގެ ހުރިހާ ފާފައެއް ފުއްސެވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) رواه البخاري ومسلم.

މާނައީ: "ލައިލަތުލް ޤަދުރި ވިލޭރޭ އީމާންކަންމަތީ ސަވާބަށް އުއްމީދުކުރާ ހާލު ރޭއަޅުކަންކޮށްފިމީހާގެ އިސްވެ ދިޔަ ހުރިހާ ފާފައެއް ފުއްސެވޭ ހުއްޓެވެ."

އަދި އެރޭ ކިޔުން ސުންނަތް ވެގެންވާ ދުޢާއަކީ ( اللَّهُمَّ إِنَّكَ عُفُوٌّ تُحِبُّ الْعَفْوَ , فَاعْفُ عَنِّي) މިދުޢާއެވެ. މާނައަކީ އޭ ﷲއެވެ. އިބާ އިލާހަކީ އަފޫކޮށްދެއްވާ އަދި ޢަފޫކޮށްދެއްވުމަށް ލޯބިވެވޮޑިގެންވާ އިލާހެވެ. މިއަޅާއަށް ޢަފޫކޮށްދެއްވާންދޭވެ.

އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ހުރިހާ ވަޤުތެއްގައިވެސް ދުޢާކުރުން ގިނަކުރުން ސުންނަތް ވެގެންވެއެވެ. އަދި ރަމަޟާންމަހު ގިނަކުރުން ސުންނަތްވެގެންވެއެވެ. އަދި ފަހު ދިހައެއްގަޔާއި އަދި ފަހުދިހައެއްގައިވެސް އޮނަހިރި ރޭތަކުގައި އެޔަށްވުރެ ގިނަކުރުން ސުންނަތް ވެގެންވެއެވެ. އަދި މިދުޢާ ގިނަގިނައިން ކުރުން މުސްތަހައްބު ވެގެންވެއެވެ.

اللَّهُمَّ إِنَّكَ عُفُوٌّ تُحِبُّ الْعَفْوَ , فَاعْفُ عَنِّي

އަދި އެދުޢާކުރާ އިރު ކަރީމް މިލަފުޒު ލައިގެން ކިޔުން ސާބިތުވެގެން ނުވެއެވެ. އެއީ ޙަދީޘްފޮތްތައް ކޮޕީ ކުރި މީހުންގެ ފަރާތުން އިތުރަށް ވަދެފައިވާ ލަފުޒެކެވެ. ސުންނަތުގައި އޮންނަ ގޮތަށް ކިޔުން މޮޅު އިތުރުވެގެންވެއެވެ.

މަތީގައި އެވަނީ ރޯދަމަހުގެ ފަހު ދިހައެއް މަތިވެރި ވެގެންދާ ސަބަބެވެ. އެއީ ޚާއްޞަކޮށް ރޭގަނޑެވެ. އެމަތިވެރި ރޭ ޙާޞިލުވޭތޯ އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. ނަމަވެސް ހިތާމައަކީ ހުއްދަނޫން ކަންތައްތައް ކުރުމާއި ޢީދަށް ތައްޔާރުވުމުގެ ނަމުގައި ބޭކާރު ކަންތައްތައް ކުރުން ގިނަކުރެވޭ ދުވަސްތަކަކަށް މިދުވަސްތަކާއި ރޭތައް ހެދިފައިވުމެވެ. އަދި ކާމިޔާބުވާ މީހާއަކީ އެކަންކަމުން ދުރުވެ މިމަތިވެރިކަންކަން ލިބިގަންނަ މީހާއެވެ.

ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށް ރޯދަމަހުގެ ފަހު ދިހައިގެ މާތްކަން ލިބޭ ބައެއްކަމުގައި ލެއްވުމެވެ.

وصلى الله وسلم على محمد وآله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަލީ

    اللَّهُمَّ إِنَّكَ ( عُفُوٌّ ) تُحِبُّ الْعَفْوَ , فَاعْفُ عَنِ

    ނުބައިކޮށް މިހުރީ (އުފުވު) ނޫން
    އަފުވު އިންނާނީ

  2. ޫމ

    جزاك اللهُ خيرًا