الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ފަހެ އެންމެ ހެޔޮވެގެންވާ މުއުމިނަކީ އެންމެ ހެޔޮ އަޚުލާޤެއްގެ ވެރި މުއުމިނާކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ސުނަނު އިބުނު މާޖާގައި ރިވާވެފައިވާ ޙަދީޘެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ކަމަށް ރިވާވެގެންވެއެވެ.

(أفضل المؤمنين أحسنهم أخلاقا) رواه أحمد و صححه الألباني.

މާނައީ: "މުއުމިނުންގެ ތެރެއިން އެންމެ މާތްވެގެންވާ މުއުމިނަކީ އެބައިމީހުންގެ އެންމެ އަޚުލާޤު ރަނގަޅު މީހާއެވެ." އެހެންކަމުން މިޙަދީޘުން އަޅުގަނޑުމެންނަށް ލިބިގެންދާ ޢިބުރަތަކީ ފިލާވަޅަކީ އިސްލާމްދީނުގައި ރިވެތި ހެޔޮވެގެންވާ އަޚުލާޤަށް ދޭ އަހައްމިއްޔަތުކަމާއި އިސްލާމްދީނަކީ އަޚުލާޤުގެ ދީންކަމެވެ. މިއަދު އިސްލާމްދީނުގެ އަހުލުވެރިން ނިކަމެތިވެފައިވާ ސަބަބަކީ މި މަތިވެރިވެގެންވާ އަޚުލާޤު ދޫކޮށްލުމުގެ ސަބަބުންކަމާއި މެދުގައި އެއްވެސް ޝައްކެއްނެތެވެ. އެހެންކަމުން އިސްލާމްދީނުގެ މިމަތިވެރި އަޚުލާޤު ދެނެގަނެ އެއަޚުލާޤުން ޖަރީވާން އެބަޖެހެއެވެ. މިކަން ކުރެވޭނެ ގޮތަކީ ޢިލްމު ލިބިގަތުމެވެ. ރިވެތި އަދަބުތައް އުނގެނިގަތުމެވެ. ދީން އުނގެނިގަތުމެވެ. އެހެނީ އިމާމު ބުޚާރީ އަދަބުލް މުފްރަދުގައި ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.

(خيركم إسلاما أحاسنكم أخلاقا إذا فقهوا) رواه البخاري في الأدب المفرد و صححه الألباني.

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އިސްލާމްކަމުގެ ގޮތުން އެންމެ ހެޔޮވެގެންވާ މީހާއަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚުލާޤު ރަނގަޅު މީހާއެވެ. އެއީ ފިޤުހުވެރިވެއްޖެކަމުގައިވާނަމައެވެ." އެބަހީ ޢިލްމު އުގެނި ދީން އުގެނިފިކަމުގައިވާނަމައެވެ. އެބަހީ ޢިލްމާއި އެކީގައި އެކަމުގެ ދަރަޖަ މަތިވެރިވެގެންދެއެވެ.

އަދި ޤިޔާމަތް ދުވަހު މީޒާނުގައި އެންމެ ބަރު ހެޔޮ ޢަމަލެއްކަމުގައިވަނީވެސް ރިވެތިވެގެންވާ އަޚުލާޤެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(أفضل الشيئ في الميزان الخلق الحسن) رواه ابن حبان و صححه الألباني.

މާނައީ: "މީޒާނުގައި އެންމެ ބަރުއެއްޗެއްކަމުގައިވަނީ ރިވެތިވެގެންވާ އަޚުލާޤެވެ."

އެހެންކަމުން މާ ބުރަ މަސައްކަތަކާއި ނުލާ އެންމެ މަތިވެރިވެގެންވާ ޢަމަލުން ޢަމަލުކުރާ މީހަކަށް ތިބާއަށް ވެވިދާނެއެވެ. ލާރިތަކެއް ނުވަތަ ބުރަމަސައްކަތްތަކެއް ބޭނުމެއްނުވެއެވެ. އަދި އިސްލާމްދީނުގެ އެންމެ މާތްވެގެންވާ ޢަމަލުތަކުގެ ސަވާބު ރިވެތި އަޚުލާޤުން ޙާޞިލުވާ ކަމުގައި އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މިއުއްމަތަށް ބަޔާންކޮށްދެއްވާފައެވެ.

ޙަދީޘްކުރައްވާފައިވެއެވެ.

(إن الرجل ليدرك بحسن خلقه درجات قائم الليل صائم النهار) صححه الألباني في صحيح الجامع.

މާނައީ: "ހަމަކަށަވަރުން މީހަކު އޭނާގެ މާތް އަޚުލާޤުގެ ސަބަބުން ރޭއަޅުކަމާއި އަދި ދުވާލު ރޯދަ ހިފިމީހާގެ ދަރަޖައަށް ވާޞިލުވެއެވެ."

އަދި ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަ ފޮނުއްވުނީ މިރިވެތި ވެގެންވާ އަޚުލާޤު ފުރިހަމަކޮށްދެއްވުމަށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(إنما بعثت لأتمم مكارم الأخلاق) رواه البخاري في الأدب المفرد وصححه الألباني.

މާނައީ: "ތިމަންކަލޭގެފާނު ފޮނުއްވުނީ ރިވެތިވެގެންވާ އަޚުލާޤު ފުރިހަމަކޮށްދެއްވުމަށެވެ." މިކަމުން އެނގެނީ އިސްލާމްދީނަކީ ހަމައެކަނި އަޅުކަމުގެ ދީނެއްނޫންކަމެވެ. އަޚުލާޤާއި ހުރިހާ ކަމެއް އެދީނުގައި ބަޔާންވެފައިވާ ދީނެއްކަމެވެ. އެދީނުގެ ކޮންމެ ކަމަކީވެސް ރިވެތިވެގެންވާ އަޚުލާޤުގެ ތެރެއިން ވާ ކަންކަމެވެ.

އިމާމު އިބުނު ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ރިވެތިވެގެންވާ އަޚުލާޤު ބެހެނީ ދެބަޔަކަށެވެ. ފުރަތަމައީ ﷲއާއި މެދުގައި އޮންނަންވީ އަޚުލާޤެވެ. ދެވަނައީ މީސްތަކުންނާއި މެދު އޮންނަ އޮންނަންވީ އަޚުލާޤެވެ."

މީސްތަކުންނާއި މެދު ކިތަންމެ ރަނގަޅު އަޚުލާޤެއް އޮތްކަމުގައި ވިޔަސް ﷲ ސުބުޙާނަހޫ ވަތަޢާލާ މެދުގައި އޮންނަންވީ އަޚުލާޤު ނެތިއްޖެނަމަ އޭނާއަށް ޤިޔާމަތްދުވަހުން ކުރާނެ އެއްވެސް ފައިދާއެއްނޯންނާނެއެވެ. ﷲ އާ މެދު އޮންނަންވީ އަޚުލާޤަކީ އެއިލާހަށް ޝުކުރުވެރިވުމާއި އެއިލާހަށް ލޯބިކުރުމާއި ޝަރީކުނުކުރުމާއި އަޅުކަންކުރުމާއި އެއިލާހު އެންގެވި އަމުރުތަކަށް ބޯލަނބައި ނަހީތަކުން ދުރުވުމެވެ. އަދި މީސްތަކުންނާއި މެދު އޮންނަންވީ އަޚުލާޤަކީ ހެޔޮކަމުގެ ހުރިހާ ރިވެތި ސިފަތަކެއް މީހުންނާއި މެދު އިސްކުރުމެވެ. ތެދުވެރިވުމެވެ. ދޮގުނުހެދުމެވެ. މަޑުމައިތިރިނުވުމެވެ. މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމެވެ. އެހެންގޮސް ރިވެތިކަމުގެ ހުރިހާ ސިފަތަކުން ޒީނަތްތެރިވުމެވެ.

އަޚުލާޤު ރިވެތިކޮށްދެއްވުން އެދި ދުޢާކުރަންވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އިރުޝާދުދެއްވާފައެވެ. އެކަލޭގެފާނު ކުރައްވާ ދުޢާއެއްގައި ވެއެވެ.

(اللّهُمَّ حَسَّنْتَ خَلْقِيْ فَحَسِّنْ خُلْقِيْ) رواه الترمذي وصححه الألباني.

މާނައީ: "އޭ ﷲއެވެ. މިއަޅާގެ ސޫރަ ރިވެތިކޮށްދެއްވީމުއެވެ. މިއަޅާގެ އަޚުލާޤުވެސް ރިވެތިކޮށްދެއްވާށިއެވެ."

ދުޢާއަކީ ރިވެތި އަޚުލާޤުގެ ވެރިބައެއްކަމުގައި އަޅުގަނޑުމެން ލައްވާ ހެޔޮލަފާ އެންމެ ރަނގަޅު މުއުމިނުންގެ ތެރޭގައި ލެއްވުމެވެ.

وصلى الله وسلم على محمد وآله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު