އަބޫ ހުރައިރާ ރަޟިޔަﷲ އަންހު ރިވާކުރެއްވިއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

މަރުގެ މަލާއިކަތާ މޫސާ ޢަލައިހިއްސަލާމްގެ ކައިރިއަށް (އިންސާނެއްގެ ސޫރަގައިގައި) ވަޑައިގަތެވެ. ދެންނެވިއެވެ. "ކަލޭގެފާނުގެ ވެރިރައްބުގެ އަރިހަށް އިޖާބަ ދެއްވާށެވެ." ދެން މޫސާ ޢަލައިހިއްސަލާމް މަރުގެ މަލާއިކަތާގެ މޫނާއި ލޮލުގެ މަތީގައި ވަރަށް ބާރަށް ޖެއްސެވި ޖެއްސެވީނުން ލޯބޭރަށް ނެރެލައިފިއެވެ. ދެން މަރުގެ މަލާއިކަތާ ﷲގެ ޙަޟްރަތަށް ވަޑައިގެން ވިދާޅުވިއެވެ. "އިބަ ﷲ މިއަޅާ ފޮނުވީ އިބަ ﷲގެ އަޅުންގެ ތެރެއިން މަރު ބޭނުންނުވާ އަޅެއްގެ ކައިރިއަށެވެ." އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ލޯ ނެރެލައިފިއެވެ.

ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

"ދެން ﷲ މަރުގެ މަލާއިކަތާގެ ލޯ އަނބުރާ ރައްދުކުރައްވައިފިއެވެ. އަދި ވަޙީކުރެއްވިއެވެ. "ތިމަން ﷲގެ އަޅާގެ ކައިރިއަށް ރުޖޫޢަވާށެވެ. އަދި ވިދާޅުވާށެވެ. ދިރިހުންނަން ބޭނުން ހެއްޔެވެ؟ ދިރިހުންނަން ބޭނުން ނަމަ ކަލޭގެފާނުގެ އަތް ފިރިހެން ގެރިޔެއްގެ ބުރަކަށިމަތީގައި އަތްއަޅާށެވެ. އަދި ކަލޭގެފާނު އަތްޖެހޭ ކޮންމެ ކެހެރިކޮޅަކަށް އަހަރެއް ކަލޭގެފާނު ދިރިއުޅުއްވާ ހުއްޓެވެ."

ދެން މޫސާ ޢަލައިހިއްސަލާމް (އަށް ދެންނުވުމުން) އެކަލޭގެފާނު ވިދާޅުވިއެވެ. ދެން ކޮންކަމެއް ހެއްޔެވެ؟ ވިދާޅުވިއެވެ. "ދެން ކަލޭގެފާނު އަވަހާރަވާނީއެވެ." ދެން މޫސާ ޢަލައިހިއް ސަލާމް ވިދާޅުވިއެވެ. "(އެހެންވިއްޔާ) އަވަހަށް މިހާރުއެވެ. އޭ ރައްބެވެ. މިއަޅާ މާތްވެގެންވާ (ބައިތުލް މަޤުދިސް)އާ ހިލަކޮޅެއް އެއްލާ މިންވަރަށް ކައިރިކޮށްދެއްވާށިއެވެ."

އެޔަށްފަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "ﷲ ގަންދީފައި ބުނަމެވެ. އެތަނުގައި ތިމަންކަލޭގެފާނު ހުރިނަމަ މަގުގެ އެއްފަރާތުގައިވާ ރަތްކުލައިގެ ވެލީ ފުނިތައް ކައިރިން އެކަލޭގެފާނުގެ މަހާނަ ތިޔަބައިމީހުންނަށް ދެއްކީމުހެވެ."

މަޞްދަރު: ޞަޙީހް ބުޚާރީ.

މިވާހަކައިން ލިބޭ ޢިބުރަތްތައް.

ހ. ނަބީ ބޭކަލުންނަށް އަވަހާރަވުމުގެ ކުރިން އެކަން އެންގެވޭކަން.

ށ. މަލާއިކަތް ބޭކަލުން އާދަމުގެ ދަރިންގެ ސިފައަށް ބަދަލުވާކަން.

ނ. ﷲގެ ރަޙުމަތުގެ ތަނަވަސްކަން އަދި ޚާއްޞަކޮށް ﷲއާއި ކުއްތަންވެ ވޮޑިގެންވާ އެއިލާހުގެ ގާތްއަޅުންނަށް އެކަން ބޮޑުވެގެންވާކަން.

ރ. މީހެއްގެ ގެޔަށް ހުއްދަނެތި ވަންނަ މީހާގެ މައްޗަށް ކަމެއްކޮށްފިނަމަ ޤިޞާޞު ނުހިފޭނެކަން.

ބ. މަރަކީ ކޮންމެ ނަފުސެއްވެސް ދެކޭނެ ކަމެއްކަމާއި އަދި މަރަކީ ޙައްޤުވެގެންވާ ކަމެއްކަމެވެ. އެކަމުން ނަޖާވާނެ ނަމަ ﷲ ރުއްސަވާ ނަބީބޭކަލުން ނަޖާވީހެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޯކަ!

    މިފަދަ ވާހަކަތައް ލިޔާއިރު އެމައުލޫމާތެއް ދެއްވި ޝައިޚްގެ ނަން ލިޔަން ޖެހޭނެ!

    8
    2