الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ކީރިތި ޤުރުއާނުގައި ތިން ފަހަރު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކޮންމެ ނަފުސެއްވެސް މަރުގެ ރަހަ ދެކޭނެ ކަމަށް އަންގަވާފައެވެ. ސަބަބަކީ އެއީ ކޮންމެ ނަފުސަކަށްވެސް ދުނިޔޭގައިވެސް ކޮންމެ އެއްޗަކަށްވެސް ލިޔުއްވިގެންވާ ދުނިޔަވީ ޙަޤީޤަތެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ) سورة آل عمران: 185

މާނައީ: "ކޮންމެ ނަފުސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ) ފަހެ، އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."

މިއާޔަތުގެ ތަފުސީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ބަޔާންކުރައްވާފައިވެއެވެ. "ﷲ ސުބުޙާނަހޫ ވަތަޢާލާ މިއާޔަތުގައި ހުރިހާ މަޚުލޫޤުންނަށް ޢާންމުވާނޭގޮތުން އެއަންގަވަނީ ކޮންމެ ނަފުސެއްވެސް މަރުގެ ރަހަ ދެކޭނެ ކަމުގެ ވާހަކައެވެ. އެއީ ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅުގައިވާ ފަދައިންނެވެ.

(كُلُّ مَنْ عَلَيْهَا فَانٍ، وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ) سورة الرحمن: 26 -27

މާނައީ: "އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ވަޖުހު ފުޅު ދެމިވޮޑިގެންވެއެވެ."

އަދި ހަމައެކަނި ދިރިދެމިވޮޑިގެންވާ އިލާހަކީ ﷲ ތަޢާލާ އެކަންޏެވެ. ހުރިހާ ޖިންނީންނާއި އަދި އިންސާނުން މަރުވާނެއެވެ. އަދި ހަމައެފަދައިން މަލާއިކަތުން ޢަރުޝި އުފުއްލަވާ މަލާއިކަތުންވެސް މަރުވާނެއެވެ. އަދި ހަމައެކަނި އަބަދުގެ އަބަދަށް ވޮޑިގެންވާނީ އަލްވާހިދު އަލްއަޙަދު އަލްޤައްހާރު ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އަދި އެއިލާހު ވޮޑިގެންވާނީ އެންމެ ފަހު ފަރާތަށެވެ. އެއީ އެންމެ ފުރަތަމަ އެއިލާހު ވޮޑިގެންވީ ފަދައިންނެވެ.

މިއާޔަތުގައި މިވަނީ ހުރިހާ މީސްތަކުންނަށް ތަޢުޒިޔާއެވެ. ފަހެ ދުނިޔެ މަތީގައި މަރުނުވާނޭ އެއްވެސް މީހެއްނުވެއެވެ. ފަހެ އެމީހުންގެ މައްޗަށް ވަޤުތު ކަނޑައެޅުއްވި، އާދަމުގެ ދަރިންގެ ބުރަކަށިން ނެރުއްވި ލޭކޮޅެއްގެ ގޮތުގައި ގަރުބަ ގަތުމަށް ﷲ ތަޤްދީރުކުރެއްވި ޚަލްޤު ފުރިހަމަވެއެވެ. (ފަހެ ދެން އެމީހުން މަރުވުމުން) އެބައިމީހުންގެ މައްޗަށް ޤިޔާމަތް ޤާއިމުވެއެވެ. އަދި ޚަލްޤުތަކުން އެބައިމީހުންގެ މާތް ޢަމަލުތަކާއި ނުބައި ޢަމަލުތަަކާއި އަދި ގިނަ ޢަމަލުތަކާއި އަދި މަދު ޢަމަލުތަކާއި އަދި ބޮޑެތި ޢަމަލުތަކާއި އދި ކުދި ޢަމަލުތަކުގެ މައްޗަށް ޖަޒާ ދެއްވެއެވެ. އަދި ޒައްރެއްގެ މިންވަރުވެސް އެއްވެސް ފަރާތަކަށް އަނިޔާވެރި ނުވެވޭ ހުއްޓެވެ." އިމާމު އިބުނު ކަޘީރުގެ ބަސްކޮޅު ނިމުނީ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(أكثروا ذكر هاذم اللذات ـ الموت، فإنه لم يذكره أحد في ضيق من العيش إلا وسعه عليه) رواه البيهقي وحسنه الألباني.

މާނައީ: "ލައްޒަތްތައް ހަލާކުކޮށްލާ މަރުގެ މަތިން ހަނދާންކުރުން ތިޔަބައިމީހުން ގިނަކުރާށެވެ. ފަހެ ތިޔަބައިމހުންގެ ތެރެއިން އެކަމުގެ މަތިން ހަނދުމަ ކުރާ މީހަކު ދަތި ދިރިއުޅުން ތަނަވަސް ވެގެންވާދާނެއެވެ."

އިމާމު ޤުރުތުބީ ރަޙިމަހުﷲ ޢިލްމުވެރިޔެއްގެ ބަސްފުޅު ޒިކުރު ކުރައްވަމުން ތަޒްކިރާގައި ވިދާޅުވެފައިވެއެވެ. "މަރުގެ މަތިން ގިނަގިނައިން ހަނދުމަކުރާ މީހާއަށް ތިން މާތް ކަމެއް ދެއްވޭ ހުއްޓެވެ. އެއީ ތައުބާވުން އަވަސްކުރުމެވެ. އަދި ހިތް ތަނަވަސް ވެގެންވުމެވެ. އަދި އަޅުކަމުގައި ހީވާގިވުމެވެ. އަދި މަރުގެ މަތިން ހަނދާން ނެތޭ މީހާއަށް ތިންކަމެއްވެއެވެ. ތައުބާވުން ލަސްކުރުމެވެ. އަދި ފުދޭމިންވަރަށް ރުހިގެން ނުވުމެވެ. އަދި އަޅުކަމުގައި ކަންނެތް ވުމެވެ."

އަދި މަރު ﷲ ތަޢާލާ ލައްވާފައިވަނީ އިމްތިޙާން ކުރެއްވުމުގެ ގޮތުންނެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.

(الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ) سورة الملك: 2.

މާނައީ: " އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާން ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒު ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ."

ވީމާ މަރާމެދުގައި ވިސްނާ ފިކުރުކުރަން އެބަޖެހެއެވެ. އެއީ އިންސާނާގެ ޙަޤީޤަތް ނުވަތަ ނިކަމެތިކަން އޭނާއަށް ތަސައްވަރުކޮށްދޭނެ ކަމެކެވެ. އެހެނީ އެކަމަށްވުރެ ޔަޤީންކަމެއް އިންސާނާއަކަށް ނުވެއެވެ. އެހެންކަމުން އާޚިރަތުގެ ގޮވައްޗަށް ރައްކާތެރިވުމަށްޓަކައި އެކަމާއި މެދު ހެޔޮ ޢަމަލުކުރުން ގިނަކުރަން ޖެހެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މަރުވުމުގެ ކުރިން އަޅުގަނޑުމެންގެ ޙަޔާތް ޣަނީމާކުރުމަށް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައެވެ. ދުޢާއަކީ މިޙަޔާތް ހެޔޮ ޢަމަލުން ޣަނީމާ ކުރާ މީސްތަކުންގެ ތެރޭގައި ލައްވައި އަޅުގަނޑުމެންގެ ކަންކަން އިޞްލާޙްކޮށްދެއްވުމެވެ.

وصلى الله وسلم على محمد وآله وصحبه أجمعين. آمين.