الحمد لله رب العالمين.والصلاة والسلام على نبينا محمد وآله وصحبه أجمعين. أما بعد:

ސުންނަތޭ ބުނީމާ އަޅުގަނޑުމެން ހިތަށް އަރަނީ އެއީ ކުރުމުން ސަވާބު ލިބޭ ނުކޮށް ދޫކޮށްލުމުން މައްސަލައެއް ނެތްކަންކަން ކަމުގައެވެ. ނަމަވެސް އެއި ފިޤުހު

ގެ މުސްތަހައްބުގެ މާނައިގައި ކިޔާ ސުންނަތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވަނީ އެހެން މާނައެކެވެ. ތިރީގައި މިވަނީ އެސުންނަތުގެ ބަހުގެ މާނައާއި އަދި އިޞްތިލާޙީ މާނަ އަދި އޭގެ އިދިކޮޅު ކަމުގައިވާ ބިދުޢައިގެ މާނަ ބަޔާންކޮށްދެއްވިފައެވެ.

ބަހުގެގޮތުންސުންނަތް:

ޢަރަބި ބަހުގައި ލުޣަވީގޮތުން (ބަހުގެގޮތުން) ސުންނަތަކީ ކަމެއް އޮންނަގޮތެވެ. އަދި ސީރަތް އަދި އެއްޗެއް ރަނގަޅަށް ބެލެހެއްޓުމަށްވެސް ސުންނަތޭ ކިޔެއެވެ.

އިޞްތިލާޙީގޮތުން ސުންނަތް:

އިޞްތިލާޙީގޮތުން ސުންނަތަކީ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ވިދާޅުވެފައިވާ (ޙަދީޘް ކުރައްވާފައިވާ) ބަސްފުޅުތަކާއި އެކަލޭގެފާނު ކުރައްވާފައިވާ ކަންތައްތަކާއި އެކަލޭގެފާނު އިޤުރާރުވެފައިވާ ކަންކަމާއި އަދި އެކަލޭގެފާނުގެ ސިފަފުޅުތަކެވެ. އެއީ އަޚުލާޤީ ސިފަފުޅުތަކާއި އަދި ޖިސްމާނީ ސިފަފުޅުތަކެވެ.

އެކަލޭގެފާނަށް ތަބާވުމަށްޓަކައި ސުންނަތް ދެނެގަތުމަކީ ވަރަށް މުހިންމުކަމެކެވެ. ވީމާ އަޅުގަނޑުމެން ސުންނަތް ދެނެގަނެ އެކަލޭގެފާނަށް ތަބާވުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. އެހެނީ ސުންނަތަކީ ޤުރުއާނަށް ތަބާވާނެގޮތް ބަޔާންކޮށްދީފައިވާ ޤުރުއާނުގެ ޝަރަހައެވެ. ތަފްސީރެވެ. އަދި ސުވަރުގެ ދިޔުމަށް އޮތް ހަމައެކަނި މަގެވެ. އެމަގު ދޫކޮށްފިމީހާ މަގުފުރެދިއްޖެއެވެ. ނާކާމިޔާބުވެއްޖެއެވެ.

މީހަކު ހިތަށް އަރާފާނެއެވެ. އެކަލޭގެފާނުގެ ޖިސްމާނީ ސިފަފުޅުތައް ދެނެގަންނަންޖެހެނީ ކީއްވެއްހެއްޔެވެ؟

ސަބަބަކީ އަޅުގަނޑުމެން ލޯބިވާ މީހެއްކަމުގައި ވާނަމަ އެމީހެއްގެ ސިފަތައްވެސް ދެނެގަންނާނެއެވެ. އަދި ފެނުމަށް ލޯބިކުރާނެއެވެ. އެކަލޭގެފާނުގެ ސިފަފުޅުތައް އުނގެނުުމުން އެކަލޭގެފާނު ހުންނަގޮތް އަޅުގަނޑުމެންނަށް ތަޞައްވަރު ކޮށްލެވޭނެއެވެ. އަދި ހުވަފެނުން ފެނުމުންވެސް އަޅުގަނޑުމެންނަށް އެކަލޭގެފާނުގެ ސިފަފުޅުތަކުން އެކަލޭގެފާނުކަން އެނގިގެންދާނެއެވެ. (މިފަދަ އިބާރާތަކުން ކުއްލިއްޔަތުލްޙަދީޘްގައި މުޞްތަލަޙް ކިޔަވައިދެއްވާ އުސްތާޛެއްކަމަށްވާ ޞާލިޙު އަލް ޣާމިދީއާއި މިސުވާލު ކުރެވުމުން ޖަވާބު ދެއްވިއަޑު އެހީމެވެ.)

މާތް ނަބިއްޔާﷺ ޙަދީޘްކުރައްވާފައި ވެއެވެ.

(أُوصِيكُمْ بِتَقْوَى اللَّهِ، وَالسَّمْعِ وَالطَّاعَةِ وَإِنْ كَانَ عَبْدًا حَبَشِيًّا ؛ فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ، فَتَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلالَةٌ) روا أبو دواد وصححه الألباني.

ތަރުޖަމާއީ: “ތިޔަބައިމީހުންގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަޤުވާވެރިވުމަށް ވަޞިއްޔަތްކުރަމެވެ. އަދި (ތިޔަބައިމީހުންގެ ވެރިއެއްގެ ގޮތުގައި) ޙަބަޝާގެ އަޅެއްކަމުގައިވިޔަސް އަޑުއަހައި ކިޔަމަންގަންނަހުށިކަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ފަހުން އުޅޭ މީސްތަކުންނަށް ތަފާތު ޚިލާފުތައް ފެންނާނެއެވެ. ފަހެ އޭރުން ތިޔަބައިމީހުންގެ މައްޗަށް އޮތީ ތިމަންކަލޭގެފާނުގެ ސުންނަތާއި އަދި ތެދުމަގު ލިބިގެންވާ ޚުލަފާއުއްރާޝިދީންނަށް ތަބާވުމެވެ. ފަހެ ސުންނަތުގައި ތިޔަބައިމީހުން ބާރަށް ހިފަހައްޓާހުށިކަމެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ދަތްއަޅާފަދައިން ހިފާހުށިކަމެވެ. އަދި ތިޔަބައިމީހުން (ދީނުގެ ނަމުގައި) އަލަށް އުފެދޭ ކަންކަމާމެދުގައި ސަމާލުވާހުށިކަމެވެ. ފަހެ ހަމަކަށަވަރުން ދީނުގެ ނަމުގައި އަލަށް އުފެދޭ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“

އާދެ ބިދުޢައަކީ އެކަލޭގެފާނުގެ ސުންނަތުން ސާބިތުނުވާގޮތަށް ދީނުގެ ނަމުގައި އަލަށް އިތުރުކުރެވޭ ކަންކަމެވެ. އެކަލޭގެފާނަށް ތަބާވުމުގައި މިކަމަށް ސަމާލުވާން ޖެހެއެވެ. ފުރިހަމަ ނަމޫނާ ލިބިގަނެވޭނީ އެގޮތުންނެވެ. އެއީ ސުންނަތުގެ އިދިކޮޅެވެ. އަދި ކިއެއްތަ އެއީ ސުންނަތުގެ ދުޝްމަނެކެވެ. އަދި އޭގެ އަހުލުވެރިންނަކީ ނުރައްކާތެރި ފަސާދައިގެ އަހުލުވެރިންތަކެކެވެ. އަދި ޢިލްމުވެރިން ބަޔާންކުރައްވާ ފަދައިން ކޮންމެ އެއްޗެއްވެސް އެންމެ ރަނގަޅަށް ދެނެގަނެވޭނީ އޭގެ އިދިކޮޅު ދެނެގަނެގެންނެވެ. ވީމާ ބިދުޢައަކީ ކޮބައިކަމާއި އޭގެ އަހުލުވެރިން ދެނެގަތުމަކީ މުހިންމު ކަމެކެވެ.

ނިމުނީ.

ކިޔުންތެރިންގެ ހިޔާލު