الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ފާޙިޝް ނުބައިކަންކަމަށް އަރައިގަނެވޭ ސަބަބުތަކުގެ ތެރޭގައި ނަމާދަށް ފަރުވާ ކުޑަކުރުން ހިމެނެއެވެ. މިކަން އެނގިގެންދަނީ ﷲ ތަޢާލާގެ މިވަޙީބަސްފުޅުންނެވެ. ވަޙީކުރައްވާފައވެއެވެ.

(فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا) سورة مريم: 59

މާނައީ: "ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދިހަވާ ނަފުސުގެ އެދުންތަކަށް ތަބާވިއެވެ. ފަހެ،ނިކަންހުރެ އެއުރެންހަލާކާ ކުރިމަތިލާހުއްޓެވެ."

މިއާޔަތުގެ ތަފުސީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ބަކު ނަމާދަށް ފަރުވާކުޑަކޮށްފިނަމަ އެނޫން ހުރިހާ ވާޖިބުތަކަށް ފަރުވާކުޑަކުރާނެވެ. ސަބަބަކީ އެއީ ދީނުގެ ތަނބެވެ. އަދި ދަމަހައްޓާ ހިފަހައްޓާ އެއްޗެވެ. އަދި އަޅުތަކުންގެ އެންމެ ހެޔޮވެގެންވާ ޢަމަލެވެ. (އެކަންދޫކޮށްފިނަމަ) ދުނިޔޭގެ ޝަހުވަތްތަކާއި އަދި ލައްޒަތްތަކަށް ކުރިމަތިލާނެވެ. އަދި ދުނިޔޭގެ ހަޔާތަށް ރުހި އަދި އެއިން ހިތްހަމަޖެހުން ލިބޭނެއެވެ. އެބައިމީހުން ޣައްޔަށް ކުރިމަތިލާހުއްޓެވެ. އެބަހީ ޤިޔާމަތް ދުވަހުން ހަލާކާއި ކުރިމަތިލާހުއްޓެވެ."

މިތަނުގައި ނަމާދަށް ފަރުވާ ކުޑަ ކުރުމުގެ ވާހަކަ އައިސްފައިވަނީ ދެމުރާދެއްގައި ކަމުގައި ތަފުސީރު އިބުނު ކަޘީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ބަޔާންކުރައްވާފައިވެއެވެ. އެއީ (ފުރަތަމަ ބަހަކީ) އެއްކޮށް ނަމާދުއެޅުމެވެ. (ދެވަނަ ބަހަކީ) ނަމާދުގެ ވަޤުތަށް ފަރުވާކުޑަކުރުމެވެ.

ފުރަތަމަ ބަސް ޒިކުރުކޮށްފައިވަނީ ސަލަފުންގެ ބޭކަލުންނާއި ޞަޙާބީންނާއި އަދި އިމާމު އިބުނު ޖަރީރު އައްޠަބަރީއެވެ. އަދި އިމާމު އަޙުމަދު އިމާމު ޝާފިޢީގެ ބަހަކީ ނަމާދު އަޅާ މީހާ ދީނުން ބޭރުވުން ކަމުގައި މިބަސް ޒިކުރުކޮށްފައި އިމާމު އިބުނު ކަޘީރު ބަޔާންކުރައްވާފައިވެއެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިޙަދީޘް ބަސްފުޅުގެ ދަށުންނެވެ. (بين العبد وبين الشرك ترك الصلاة)

މާނައީ: "އަޅާއާއި އަދި ޝިރުކާއި މެދުގައި ވާ ހުރަހަކީ ނަމާދުއެޅުމެވެ."

އަދި ޢުމަރު ބިން ޢަބްދުލް ޢަޒީޒް އަދި ޤާސިމް ބުން މުޚައިމިރު އަދިވެސް އެނޫން ބޭފުޅުންގެ ފަރާތުން މިއާޔަތުގައިވާ ފަރުވާކުޑަ ކުރުމުގެ މާނައަކި ވަޤުތަށް ފަރުވާކުޑަކުރުން ކަމުގައި ތަފުސީރު އިބުނު ކަޘީރުގައި ރިވާވެފައިވެއެވެ. އެއީ އޭގެ ވަޤުތުގައި އަދާނުކޮށް ރައްކާތެރިނުވުމެވެ.

ޢުމަރު ބިން ޢަބްދުލްޢަޒީޒް މަތީގައިވާ އާޔަތް ކިޔަވާ ވިދާޅުވުމަށްފަހު ވިދާޅުވިއެވެ. "އެމީހުންގެ ފަރުވާކުޑަކުރުން ނަމާދު ދޫކޮށްލުން ކަމުގައި ނުވެއެވެ. ނަމަވެސް އެބައިމީހުންގެ ފަރުވާކުޑަކުރުން ވަނީ ނަމާދު ވަޤުތާއި މެދުގައެވެ." އެބަހީ ކުރީކޮޅުގައި ނުކުރުމެވެ.

އަދި މުޖާހިދު މިއާޔަތުގެ ތަފުސީރުގައި ވިދާޅުވިކަމަށް އިމާމު އިބުނު ކަޘީރު ރިވާކުރައްވާފައިވެއެވެ. "އެބައިމީހުން ވަނީ މިއުއްމަތުގައެވެ. އެބައިމީހުން ނަޢަމް ސޫފިތަކުގެ ޢަމަލުތައް މަގުމަތީގައި ކޮށް އުޅޭނެއެވެ. އަދި އުޑުގައި ވޮޑިގެންވާ ﷲއަށް ބިރުވެތިނުވާނެއެވެ. އަދި ބިންމަތީގައިވާ މީސްތަކުންނަށް އެބައިމީހުން ލަދުވެތިނުވާނެއެވެ."

އެހެންކަމުން ނަމާދަށް ރައްކާތެރިނުވުމަކީ ހުރިހާ ބާވަތެއްގެ ނުބައިކަންކަމަށް އަރައިގަނެވޭ ސަބަބެއްކަމުގައި އެބައެނގެއެވެ. އަދި ނަމާދަކީ ފާހިޝް މުންކަރާތްތައް ދުރުކޮށް ދޭ ކަމެއްކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައެވެ. ވަޙީކުރައްވާފައިވެއެވެ.

(إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ) سورة العنكبوت: 45

މާނައީ: "ހަމަކަށަވަރުން،ނަމާދަކީހުތުރުކަންބޮޑުފާފަތަކާއި،މުންކަރާތްތައްނަހީކުރާކަމެކެވެ."

އެހެންކަމުން ޢިލްމުވެރިން ބަޔާންކުރައްވަނީ ފާޙިޝްކަންކަމަށް އަރައިގަނެވޭ ނަމަ އެބައިމީހުންގެ ނަމާދުގައި މައްސަލައުޅެނީއެވެ. އެހެނީ ނަމާދަކީ އެހުރިހާ ކަންކަމުން ދުރުކޮށްދޭ ވަޞީލަތެކެވެ. އެނަމާދަށް ރައްކާތެރިވާނަމަ އެއީ އިންސާނާއަށް ލިބިގެންދާ ރައްކާތެރިކަމެކެވެ. އަދި ﷲގެ ރުހުން ލިބި ކާމިޔާބުވާ މީހުންގެ ތެރޭގައި ވެގެންދާނެ ސަބަބެކެވެ. ނަމާދަށް ފަރުވާތެރިވެ ފުރިހަމަ ގޮތުގައި ކުރާ ބައެއްކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ.

وصلى الله وسلم على محمد وآله وصحبه أجمعين. آمين

ކިޔުންތެރިންގެ ހިޔާލު