الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ނަމާދަކީ އިސްލާމްދީނުގައި ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާފައިވާ އަޅުކަމެކެވެ. ނަމާދަކީ ދީނުގެ ތަނބެވެ. އެދީނަކީ ބިނާއެއްކަމުގައިވާނަމަ އެދީން ނަގަހައްޓާ އެދީން އޭގެ މައްޗަށް ޤާއިމުވެހުންނަ ތަނބަކީ ނަމާދުކުރުމެވެ. އެތަނބު މުރުގާލުމުން ވާނެ ގޮތަކީ މުޅި ބިނާ ފުނޑުފުނޑުވެގެން ބޮލަށް ވެއްޓުމެވެ. ބިނާ ހަލާކުވެގެންދިޔުމެވެ. އެކަން ބަޔާންކުރައްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُودُهُ الصَّلَاةُ) رواه الترمذي وصححه الألباني.

މާނައީ: “ހުރިހާ ކަމެއްގެ އެންމެ އިސްކަމަކީ އިސްލާމްކަމެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ."

އެހެންކަމުން އެތަނބު ދުއްވާލާ ހަލާކުކޮށްލާމީހުންނަށް ﷲ ތަޢާލާވަނީ ވަޢީދުގެ ބަސްފުޅު ވަޙީކުރައްވާފައެވެ. އެބައިމީހުންގެ މަންޒިލަކީ ކޮބައިކަން ބަޔާންކުރައްވައި ﷲ ތަޢާލާ އެއިލާހުގެ ކީރިތި ފޮތުގައި ބަސްވަޙީކުރައްވާފައިވެއެވެ.

(مَا سَلَكَكُمْ فِي سَقَرَ، قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ) سورة المدثر: 42-43

މާނައީ: ” (ބުނެވެއެވެ.)ފަހެ ތިޔަބައިމީހުން ސަޤަރަށް އެއްލުނީ ކީއްވެގެން ހެއްޔެވެ؟ އެބައިމީހުން ބުނެއެވެ. ފަހެ ނަމާދު ނުކުރާ މީހުންކަމުގައި ތިމަންމެން ވީމުއެވެ.”

ތަފުސީރު ޠަބަރީގައި އިމާމު ތަބަރީ ރަޙިމަހުﷲ ބަޔާންކުރައްވައިފައިވެއެވެ. "މުޖްރިމުން އެބައިމީހުންނަށް ދެން ބުނާނެއެވެ. ތިމަންމެން ﷲއަށް ނަމާދުކުރާ ބައެއްކަމުގައި ނުވަމެވެ."

އަދި ސަޤަރަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ﷲ ވަޙީކުރައްވަފައިވެއެވެ.

(سَأُصْلِيهِ سَقَرَ ، وَمَا أَدْرَاكَ مَا سَقَرُ، لَا تُبْقِي وَلَا تَذَرُ، لَوَّاحَةٌ لِّلْبَشَرِ) سورة المدثر: 26-27-28-29

މާނައީ: “އަދި ތިމަން ރަސްކަލާނގެ އޭނާ ސަޤަރަށް (ނަރަކައަށް) ވައްދަވާ ހުށީމެވެ. އަދި ސަޤަރަކީ ކޮންތަނެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ. އެއްވެސް (ފާފަވެރިޔަކު) އެނަރަކަ ދޫނުކޮށްލައެވެ. އަދި (އަންދައިނުލާ އެއްވެސް އެއްޗެއްވެސް) ދޫނުކުރެއެވެ. ހަންގަނޑު އަންދާލައެވެ.”

މިއާޔަތްތަކުގެ ތަފުސީރުގައި ސަޤަރަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެއީ ނަރަކައިގެ ހަވަނަ ދަރަޖައެވެ. އަދި ނަރަކައިގެ ނަމެއްކަމުގައިވެސް ތަފުސީރުތަކުގައި ޒިކުރުވެފައިވެއެވެ.

އަދި ތަފުސީރު ޤުރުތުބީގައި މަރުފޫޢުކޮށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާވެފައިވެއެވެ. މޫސާ ޢަލައިއްސަލާމް ﷲ ޙަޟްރަތުގައި ސުވާލުކުރެއްވިއެވެ. "އިބަ ﷲ އަޅުތަކުންގެ ތެރެއިން އެންމެ ފަޤީރު ނިކަމެތި މީހަކީ ކޮބައި ހެއްޔެވެ؟ ﷲ ވަޙީކުރެއްވިއެވެ. ސަޤަރުގެ އަހުލުވެރިޔާއެވެ."

މިފަދަ ނުބައިވެގެންވާ ތަނަކަށް ދާން ޖެހޭ ސަބަބަކީ އިސްލާމްދީނުގެ ތަނބުކަމުގައިވާ ނަމާދަށް އިންސާނާ ފަރުވާ ކުޑަ ކުރީތީއެވެ. އެހެންކަމުން ނަމާދު އެޅުމަކީ ކިހާވަރެއްގެ ކަމެއްކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ. އެއީ އިންސާނާ އިސްލާމްދީނުގެ ތަރަހަތަކުން ބޭރުކޮށްލާ އެދީނުގެ ބިނާ ނެތިކޮށްލާ ކަމެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަކީ ކިހާވަރެއްގެ ކަމެއްކަން ބަޔާންކޮށްދެއްވައި ޙަދީޘްކުރައްވާފައިވެއެވެ. (الْعَهْدَ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ) رواه الترمذي وصححه الألباني.

މާނައީ: “އަހަރެމެން މުސްލިމުންނާ ކާފަރުވީ މީސްތަކުންނާ ދެމެދުގައިވާ ފަރަޤަކީ ހުރަހަކީ ނަމާދެވެ. ފަހެ އެކަން ދޫކޮށްލައިފިމީހާ ކާފަރުވެއްޖެއެވެ.”

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.

(إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلَاةِ) رواه مسلم.

މާނައީ: “ހަމަކަށަވަރުން ޝިރުކާއި ކުފުރާއި މީހާ ވަކިކޮށްދޭ އިންފާރަކީ ނަމާދުއެޅުމެވެ." މި ދެޙަދީޘުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުފުރާއި ޝިރުކު ކުރުމާއި މުސްލިމުން ވަކިކޮށްދޭ ކަމަކީ، އެބަހީ ކާފަރުވުމުން، ތަފާތުކޮށްދޭ ކަމަކީ ނަމާދުއެޅުންކަމުގައި މިވަނީ ބަޔާންކޮށްދެއްވާފައެވެ. އެހެންކަމުން ނަމާދު އެޅުމުން މި ތަފާތު މި އިންފާރު ލުހިގެން ދެއެވެ. އެހެންކަމުން ކުފުރާއި ޝިރުކަށް އެމީހަކު ވެއްޓިގެންދެއެވެ.

ނަމާދު ކުރުން ދޫކޮށްލައިފިނަމަ، ދޫކޮށްލާ މީހާ ދީނުންބޭރުވާނެކަމަށް ހުރިހާ ޞަޙާބީބޭކަލުން އިޖުމާޢުވެވަޑައިގަންނަވައެވެ. އަދި ޢުމަރު ރަޟިޔަﷲ ޢަންހު ނަމާދު ދޫކޮށްލާ މީހާއަށް އިސްލާމްކަމުގެ އެއްވެސް ނަސީބެއްނުވާކަމަށް ބަޔާންކޮށްދެއްވާފައިވެއެވެ. އެހެންކަމުން އެތަނބު ދޫކޮށްފިނަމަ ނަގަން ޖެހޭ މަންޒިލަކީ ނަރަކައިގެ ވަރަށް ނުރައްކާ މަންޒިލެއްކަމާއި އިސްލާމްކަން އެމީހެއްގެ ކިބައިން ނިގުޅައިގަނެވިގެން ދާކަން މިކަންކަމުން އެނގިގެން ހިނގައްޖެއެވެ. ދުޢާއަކީ ﷲ އަޅުގަނޑުމެން މި ޢަމަލަށް ރައްކާތެރިވާ ބައެއްކަމުގައި ލެއްވުމެވެ.

وصلى الله وسلم على محمد وآله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންބެ

    ނަމާދު އެޅުމަކީ ކިހާ ނުބައި ކަމެއްކަން ދިވެހިންގެ ވަރަށް ގިނަ މީހުންނަށް އެނގެއެވެ. ނަމަވެސް ނަމާދު އެޅުމަކީ ކޮބައިކަން އެނގެނީ ވަރަށް މަދުބަޔަކަށެވެ. މިސާލަކަށް ފަތިސްނަމާދު އާދަވެ އިރުއަރާފަހުން ނުވަތަ އޮފީހަށް ދާން ހޭލާފަ ކުރުމުން ނަމާދު އެޅީ ކަމުގައި ގަބޫލުނުކުރާ މީހުން އެބައުޅެއެވެ. މަދުފަހަރެއްގަ ހޭނުލެވުމާ، އާދަވެ "ހޭލަން ބޭނުން ނުވުމާ' އެއީ ވަރަށް ތަފާތު ދެކަމެކެވެ. ނަމާދު ކުރުމަކީ ކޮބައިކަން މި މަޢުލޫއަށް ލިޔުމެއް ލިޔެދެއްވުން އެދެމެވެ.