الحمد لله رب العالمين. والصلاة والسلام على نبينا محمد وآله وصحبه أجمعين. أما بعد:

މި ސުވާލު ޢިލްމުވެރިންގެ ތެރެއިން ޝެއިޚު މުޙައްމަދު ބިން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲއާއި ކުރެވުމުން ވިދާޅުވިއެވެ.

"އަދި އެކަމުގެ ޖަވާބަކި އެކަމަކީ މަކްރޫހަވެގެންވާ ކަމެކެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ލަޤީޠު ބިން ޞަބިރާ ރަޟިޔަﷲ ޢަންހަށް ޙަދީޘްކުރެއްވި ޙަދީޘްގެ ސަބަބުންނެވެ.

(أَسْبِغْ الْوُضُوءَ وَخَلِّلْ بَيْنَ الْأَصَابِعِ وَبَالِغْ فِي الِاسْتِنْشَاقِ إِلَّا أَنْ تَكُونَ صَائِمًا) رواه الترمذي.

މާނައީ: "ވުޟޫ ފުރިހަމައަށް ކުރާށެވެ. އަދި އިނގިލިތަކުގެ މެދުގައި ރަނގަޅަށް ފެންޖައްސާށެވެ. އަދި ނޭފަތަށް ފެންލުމުގައި ވީހާވެސް ބޮޑަށް ފެންލާށެވެ. ރޯދަވެރިޔަކަށް ނުވާކަމުގައި ވާނަމައެވެ."

މިއީ ރޯދަވެރިޔާ އަނގަޔަށާއި އަދި ނޭފަތަށް ބޮޑަށް ފެންނުލުމަށް ވާ ދަލީލެކެވެ. ސަބަބަަކީ އެކަމުގެ ސަބަބަން އަރަށް ފެންއެޅި ދިރި ރޯދަ ފަސާދަވެދާނެތީއެވެ. ނަމަވެސް މީހަކު އެގޮތަށް ޤަޞްދެއްނެތި ބޮޑަށް ފެންލައިގެން އަރުގެ ތެރެއަށް ފެން ދިޔަކަމުގައި ވިޔަސް އެމީހެއްގެ ރޯދައެއް ނުގެއްލޭނެއެވެ. ސަބަބަކީ ރޯދަ ގެއްލޭ ޝަރުތު ތަކުގެ ތެރޭގައި ރޯދަގެއްލޭކަންތައް، އެކަންކުރިމީހާ ޤަޞްދުގައި ކުރުން ހިމެނެއެވެ."

އަދިވެސް ޝެއިޚު މުޙައްމަދު ބިން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ އާއި ސުވާލުކުރެވުނެވެ.

ހޫނުގަދަވެގެން އަނގަޔަށް ފެންލައި ކޯދޮވެފިނަމަ (ދިރުވާނުލާ) އޭނާގެ ރޯދަގެއްލޭނެ ހެއްޔެވެ؟

ޝެއިޚު ޖަވާބުގައި ވިދާޅުވިއެވެ. "އެކަމުން ރޯދަ ނުގެއްލޭނެއެވެ. ސަބަބަކީ އަނގަވަނީ ބޭރުފުށުގެ (ގުނަވަންތަކުގެ) ޙުކުމުގައެވެ. އެހެންކަމުން ރޯދަވެރިޔާ އަނގަޔަށް ފެންލުމަކުން އޭނާގެ ރޯދަނުގެއްލޭނެއެވެ. އަދި އެޔަށްފަހު ވުޟޫގައި އަނގަޔަށް ފެންލުމަކީ ވާޖިބެކެވެ. އަދި އެޔަށްފަހު ހޫނު ގަދަވެއްޖެނަމަ އަނގަޔަށް ފެންލާ ކޯދޮވުމަކީ ރޯދައަށް ފަސޭހަވެގެންދާނެ ކަމެކެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހޫނު ގަދަވެގެން ކަރުހިއްކައިގަނެގެން ރޯދައަށް ހުރެ އެކަލޭގެފާނުގެ ބޮލަށް ފެންއޮއްސެވިއެވެ..."

މަޞްދަރު: ފަތާވާ ފިއްޒަކާތި ވައްސިޔާމް.

އަދިވެސް ޝެއިޚުއާއި ސުވާލުކުރެވުނެވެ.

"ފަތިސްވާއިރުގައި މީހަކު ޖުނުބުވެރިކަމުގައި ހުރުމުން މައްސަލައަކަށް ވާނެތޯއެވެ؟

ވިދާޅުވިއެވެ. "ފަތިސްވާ އިރު ޖުނުބުވެރިކަމުގައި ހުރުމަކީ މައްސަލައެއްނޫނެވެ. އެއީ ފަތިސްވަން އިރު ހިނައިނުގަނެ ޖުނުބުވެރި ހާލަތުގައި ހުރުމެވެ. ސަބަބަކީ ފަތިސްވަންދެން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަނބިން ހުއްދަކުރައްވާފައެވެ. އަދި އެކަމުގައި ޖުނުބުވެރިކަމުގައި ވަނިކޮށް ފަޖުރުވެއެވެ. ޞަޙީޙައިނި ގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އެކު ޖިމާޢުވުމަށްފަހު ޖުނުބުވެރިކަމުގައި ވަނިކޮށް ފަތިސްވުމުން އެކަލޭގެފާނު ރޯދަ ހިއްޕަވައެވެ."

ނަމަވެސް ފަތިސް ނަމާދު ކުރުމަށް އެމީހަކު އަވަހަށް ހިނައިގަންނަން ޖެހޭނެއެވެ.

وصلى الله وسلم على نبينا محمد وآله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    ދީނީ އިލްމް އުގެނީ ހަދީސްތައް ހިތުންދަތަސް، މެޑިކަލް ފިލްޑްގެ އިލްމް އެއްވެސް ވަރަކަށް ނޭގޭނަމަ ކޮސްވާހަކަ ދެއްކުން ގިނަވާނެ! ފަރުޝު ފަސްނަމާދައް ވުޝޫ ކުރާ ކޮންމެފަހަރަކު އަގަޔަށް ފެންލާނަމަ ދުލުގައިވާ ސެލްތަކަށް ފެނުގެ 5 އެމްއެލް މިންވަރަށް ފެން ދަމައިގަންނާނެ، ފެން ނުބުޔަސް، ހަމަ އެގޮތައް އަތާ މޫނާ ކަންފަތާ ފައިތިލަ ދޮންނަ ކޮންމެފަހަރަކު 5 އެމްއެލް ނުވަތަ 7 އެމްއެލްގެ ފެން ގައިގެ މަސްގަޑުގެ ތެރެއަށް ވަންނާނެ!ފެންވަރާ ކޮންމެ ފަހަރަކު 20-25 އެމްއެލްގެ ފެން ހަމުގެ ތެރެއަށް ވަންނާނެ! އެކަމަކު މިކަމާ ރޯދަޔާ އޮތީ ކޮން ގުޅުމެއް! މިސާލަކައް ގައިގެ ތަނެއް ތަދުވެ ދުޅަވީމަ ބޭސްއުގުޅީމަ ރަގަޅުވަނީ އެބޭސް ހަންގަޑުގެ ތެރެއަށް ގޮސް މަސްގަޑަށް ވަނީމަ!