لحمد لله رب العالمين. والصلاة و السلام على نبينا محمد و آله صحبه أجمعين. و بعد:

ނަމާދަކީ އިސްލާމްދީނުގައި ފަސްރުކުނުގެ ތެރެއިން ދެވަނަ ރުކުނެވެ. ނަމާދަކީ މުސްލިމުންގެ މައްޗަށް ރެޔަކާއި ދުވާލު ފަސް ފަހަރު ކުރުން ފަރުޟުކުރެވިގެންވާ، ވަރަށް މުހިންމު އަޅުކަމެކެވެ. މިއަޅުކަމަކީ އިންސާނާ ނަޖާވުމާއި އަދި ނަޖާނުވުން އެއަޅުކަމުގެ މައްޗަށް ބިނާވެފައިވާ އެއްއަޅުކަމެވެ. އެމީހެއްގެ ނަމާދަށް ފަރުވާތެރިވި މީހާ ޤިޔާމަތްދުވަހުން ނަޖާވާހުއްޓެވެ. އަދި ނުވެއްޖެމީހާއަށް ހުރި ގެއްލުމާއި ހަލާކެވެ.

އެކަމުގެ މުހިންމުކަން އެނގިގެންދަނީ އަންނަނިވި ޙަދީޘްބަސްފުޅުންނެވެ.

(إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ ، فَإِنْ انْتَقَصَ مِنْ فَرِيضَتِهِ شَيْءٌ قَالَ الرَّبُّ عَزَّ وَجَلَّ : انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنْ الْفَرِيضَةِ ؟ ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى ذَلِكَ) رواه الترمذي وصححه الألباني.

މާނައީ: “ހަމަކަށަވަރުން އަޅާގެ ޢަމަލުތަކުގެ ތެރޭން، ޤިޔާމާތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ އެމީހެއްގެ ނަމާދާއި މެދުގައެވެ. ފަހެ އެކަން ރަނގަޅުވެއްޖެނަމަ، ނަޖާވެ ކާމިޔާބުވެއްޖެއެވެ. އެކަން ފަސާދަވެއްޖެނަމަ ގެއްލި ހަލާކުވެއްޖެއެވެ. ފަހެ އޭނާގެ ނަމާދުން އުނިވެއްޖެނަމަ ﷲ ޢައްޒަ ވަޖައްލަ ވަޙީކުރައްވާނެއެވެ: “ފަހެ ތިމަން އިލާހުގެ އަޅާ އޭނާ ސުންނަތް ނަމާދު (ކޮށްފައި) ހުރިތޯ ބަލާށެވެ. ފަރުޟު ނަމާދުން އުނިވި ތަންތަން އެނަމާދުތައް ލައިގެން ފޫބެއްދުމަށްޓަކައެވެ.” އެޔަށްފަހު އެހެން ޢަމަލުތައް ވާނީ އެކަމުގެ މައްޗަށެވެ.”

ނަމާދަކީ އެކަމުގެ މައްޗަށް މުއުމިނުން ރައްކާތެރިވާނެ ސިފައެކެވެ. އެކަން ބަޔާންކުރައްވައި ﷲ ސުބުޙަނަހޫ ވަތަޢާލާ މުއުމިނުންގެ ސިފަ ބަޔާންކޮށްދެއްވަމުން މުއުމިނޫން ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. ( وَالَّذِينَ هُمْ عَلَىٰ صَلَوَاتِهِمْ يُحَافِظُونَ )

މާނައީ: “އަދި މުއުމިނުންނަކީ އެބައިމީހުންގެ ނަމާދުތަކަށް ރައްކާތެރިވާ މީސްތަކުންނެވެ.”

އަދިވެސް ބަޤަރާ ސޫރަތުގެ 238 ވަނަ އާޔަތުގައި ނަމާދުތަކަށް ރައްކާތެރިވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އަމުރުކުރައްވާފައިވެއެވެ. (حَافِظُوا عَلَى الصَّلَوَاتِ) މާނައީ: “ތިޔަބައިމީހުން ނަމާދުތަކަށް ރައްކާތެރިވާށެވެ.”

ނަމާދަކީ ވަރަށް މުހިންމު އަޅުކަމެކެވެ. އެއަޅުކަމުގެ މާތްކަން އެނގިގެން ދަނީ އެހެން އަޅުކަންތައް އަޅުގަނޑުމެންނަށް ފަރުޟުކުރައްވާ އަމުރުކުރެވިފަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބިންމަތީގައި ހުންނަވަނިކޮށެވެ. ނަމަވެސް ނަމާދު ފަރުޟުކުރެއްވުމަށްޓަކައި ﷲ ސުބުޙަނަހޫ ވަތަޢާލާ އެއިލާހުގެ އަޅާ ނަބިއްޔާ ހަތްއުޑުމައްޗަށް އުފުއްލަވައި އެ އަޅުކަން ފަރުޟުކުރެއްވުން އެކަމުގެ މުހިންމުކަން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ.

ފަސްވަޤުތު ނަމާދުކުރާ މީހެއްގެ މިޘާލު ޖައްސަވަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. «أرَأيْتُمْ لَوْ أنَّ نَهْراً بِبَابِ أحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ، هَلْ يَبْقَى مِنْ دَرَنِهِ شَيْءٌ؟». قَالُوا: لا يَبْقَى مِنْ دَرَنِهِ شَيْءٌ. قال: «فَذَلِكَ مَثَلُ الصَّلَوَاتِ الخَمْسِ، يَمْحُو اللهُ بِهِنَّ الخَطَايَا». متفق عليه.

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ގޭގެ ދޮރުމަތީގައި ފެންއާރެއް އޮވެފައި، އެއިން ދުވާލަކު ފަސްފަހަރު ފެންވަރާ މީހެއްގެ ގައިގައި، އެއްވެސް މިލަކަމެއް ހުންނާނެކަމަށް ތިޔަބޭފުޅުންނަށް ފެނިވަޑައިގަނޭތޯއެވެ؟ ޞަޙާބީ ބޭކަލުން ދެންނެވިއެވެ. އޭނާގެ ގައިގައިވެސް އެއްވެސް މިލައެއް ނުހުންނާނެއެވެ. ޙަދީޘްކުރެއްވިއެވެ. “ފަހެ ފަސްނަމާދުގެ މިސާލަކީ އެއީއެވެ. އެފަސްނަމާދުގެ ސަބަބުން ﷲ ފާފަތައް ފުއްސަވައިދެއްވައެވެ.” (މުއްތަފަޤުން ޢަލައިހި)

އަދިވެސް އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ.

سَألْتُ النَّبِيَّ صلى الله عليه وسلم أيُّ العَمَلِ أحَبُّ إلَى الله؟ قال: «الصَّلاةُ عَلَى وَقْتِهَا». قال: ثُمَّ أيٌّ؟ قال: «ثُمَّ بِرُّ الوَالِدَيْنِ». قال: ثُمَّ أيٌّ؟ قال: «الجِهَادُ فِي سَبِيلِ الله». متفق عليه.

މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަންކަލޭގެފާނު ސުވާލުދެންނެވީމެވެ. “ﷲއަށް އެންމެ ލޮބުވެތިވެގެންވަނީ ކޮން ޢަމަލެއްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ.” ދެންނެވިއެވެ. އެޔަށްފަހު ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އެޔަށްފަހު މައިންބަފައިންނަށް އޯގާތެރިކޮށް ހިތުމެވެ.” ދެންނެވިއެވެ. އެޔަށްފަހު ކޮންކަމެއްތޯއެވެ؟. ޙަދީޘްކުރެއްވިއެވެ. “ﷲގެ މަގުގައި ޖިހާދުކުރުމެވެ.”

އަދިވެސް ނަމާދާއި ބެހޭގޮތުން އެކަމުގެ މުހިންމުކަމާއި ބެހޭގޮތުން އެތައްއެތައް އާޔަތްތަކާއި ޙަދީޘްތައް ނައްޞުތައް ބަޔާންވެފައިވެއެވެ. މިމުހިންމު އަޅުކަމަށް ރައްކާތެރިވުމަށް އެންމެހާ އަޚުންނާއި އުޚުތުންނަށް ވަޞިއްޔަތްކޮށް ނަޞީޙަތްތެރިވަމެވެ. ދުޢާއަކީ މިކަމުގެ މުހިންމުކަން ދަނެ އަޅުގަނޑުމެން ނަމާދަށް ރައްކާތެރިވާ ބަޔެއްކަމުގައި ލެއްވުމެވެ. އަދި ނަމާދަކީ އަޅުގަނޑުމެންގެ ލޮލުގެ ފިނިކަން ކަމުގައި ލެއްވުމެވެ. އާމީން.

وصلى الله وسلم على محمد و آله و صحبه. آمين.

ކިޔުންތެރިންގެ ހިޔާލު