ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ޒިކުރު ކުރައްވާފައިވެއެވެ.

"ޝެއިޚު ޢަބްދުލް ޤާދިރު ޖީލާނީ ރަޙިމަހުﷲ ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަށް އުޑާ ބިމާ ދެމެދުން ތަހުތެއް ފެނިވަޑައިގަތެވެ. އަދި ތިމަންކަލޭގެފާނަށް ބުނާ އަޑު އިވުނެވެ. އޭ ޢަބްދުލް ޤާދިރެވެ. އަހަންނަކީ ތިބާގެ ވެރިރައްބެވެ. ތިބާގެ މައްޗަށް ހުރިހާ ފަރުޟުތަކެއް މިއަދުން ފެށިގެން ކެންސަލް ކޮށްދީފީމެވެ. (އެބަހީ އަޅުކަންތައް އަދާކުރާކަށް ނުޖެހޭނެއެވެ.) އަދި ހުރިހާ ޙަރާމްކަންކަމެއްވެސް ހުއްދަކޮށްދީފީމެވެ. އަދި ހުރިހާ ވާޖިބުތަކެއްވެސް ކުރަން ނުޖެހޭ ގޮތް ހަދައިދީފީމެވެ.

ދެން ޢަބްދުލް ޤާދިރު ޖީލާނީ ރަޙިމަހުﷲ ވިދާޅުވިއެވެ. އޭ ﷲގެ ޢަދުއްވާއެވެ. އަހަރެން ކިބައިން ފެއްސިގަންނާށެވެ. ދެން އެ ޢަރުޝު (ތަހުތުން) ނޫރު ކެނޑިގެން ހިނގައްޖެއެވެ. އަދި ޝައިތާނާ ބުނާ އަޑު އިވުނެވެ. "އޭ ޢަބްދުލް ޤާދިރެވެ. ތިބާގެ ޢިލްމުވެރިކަމާއި އަދި ހިލްމުވެރިކަމުގެ ސަބަބުން އަހަރެންގެ ކިބައިން ސަލާމާތްވެއްޖައީމުތާއެވެ. މިގޮތަށް އަހަރެން ހަތްދިހަ މީހުންނަށްވުރެ ގިނަ މީހުން މަގުފުރެއްދީމެވެ."

ދެން ޢަބްދުލް ޤާދިރު ޖީލާނީ ރަޙިމަހުﷲއަށް ދެންނެވުނެވެ. "އެއީ ޝައިތާނާކަން އެނގުނީ ކިހިނެއްތޯއެވެ؟" އެކަލޭގެފާނު ދެންނެވިއެވެ. "އެއީ ވާޖިބުތަކާއި ފަރުޟުތަކާއި އަދި ޙަރާމްކަންކަން އަފޫކޮށްދިނުމުގެ ސަބަބުންނެވެ. ސަބަބަކީ ވާޖިބުތައް ބުއްދި ގެއްލިފައިވާ މީހެއްގެ މައްޗަށް މެނުވީ މާފުނުވާ ހުއްޓެވެ. ޝައިތާނާއަށް އޭނާއަކީ ﷲ އެކޭ ނުބުނެވޭ ހުއްޓެވެ. ނަމަވެސް އޭނާ ބުނީ އަހަރެންނަކީ ތިބާގެ ވެރި ރައްބެވެ." ނިމުނީ.

މިވާހަކައިން ލިބޭ ޢިބުރަތްތައް.

ހ. ޢިލްމަކީ މަގުފުރެދުމުން ސަލާމަތްވާ ސަބަބެއްކަން.

ށ. ޝެއިޚު ޢަބްދުލް ޤާދިރު ޖީލާނީ ރަޙިމަހުﷲ އަކީ ޢުމްދަތުލް އަޙުކާމް ޙަދީޘްފޮތް ޖަމާކުރެއްވި އަބްދުލްޣަނީ އަލްމަޤްދިސީގެ އުސްތާޛެކެވެ. އަދި ވަރަށް ތަޤުވާވެރި ގިނައިން އަޅުކަން ކުރައްވާ ޢިލްމުވެރި ބޭކަލެކެވެ. އަދި ސޫފީން އެކަލޭގެފާނު މާތްކޮށް އިލާހެއްގެ ދަރަޖައަށް ގެންގޮސް މައުލޫދުގަޔާއި އަދި ޤަބުރަށްވެސް ސަޖިދަކޮށް އަދި ދުޢާކޮށް ހަދައެވެ. މިއީ އިސްލާމްދީން ހުއްދަކުރާ ކަންކަމެއް ނޫނެވެ. އަދި އަބްދުލްޤާދިރު ޖީލާނީ ރަޙިމަހުﷲ ވަނީ މިކަންކަމުން ބަރީޢަވެގެންނެވެ. އެކަލޭގެފާނަކީ އަހުލުއް ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެއީ ޝީޢާއިންނާއި ރާފިޟީންގެ ކިބައިން އަހުލު ބައިތުން ބަރީޢަވެގެންވާ ފަދައިންނެވެ.

ނ. ޝައިތާނާ މަގުފުރެއްދުމަށް ބޭނުންކުރާ އެކި އުކުޅުތައް. މިޒަމާނުގައިވެސް އަދި ކުރީގައިވެސް ވަރަށް ގިނަ މީހުން ކަލާނގެ ކަމަށް ނުވަތަ ޝިރުކަށް ގޮވާލަނީ މިފަދައިން ކަންކަން ފެނުމަށް ފަހުގައެވެ. އެގޮތުން ނަޞާރާ ދީނަށް ތިންއިލާހުގެ ތިއަރީ ވެއްދި ޔަހޫދީއެއްކަމަށްވާ ޕޯލްއަށްވެސް މިގޮތަށް ފަރާތެއް ބައްދަލުވިކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުން

    މާތް ﷲ އީ އެއްކައު ވަންތަ ކަލާނގެއެވެ. ﷲ އާއި އެއްފަދަ އެހެން އެއްފަރާތެއް ނުވެއެވެ. އިންސާނުންނާއި ޖީންނީން މާތްﷲ ހެއްދެވީ ﷲ އަށް އަޅުކަން ކުރުމަށެވެ.

    12