الحمدلله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين وبعد:

އިސްލާމްދީނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ ފަހުން އެއިލާހުގެ އަޅާ އަދި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވާލެއްވި ޤިޔަމާތާއި ޖެހެންދެން އޮންނާނެ ޝަރީޢަތެވެ. އިސްލާމްދީނުގެ އެންމެ ފުރިހަމަކަމަކީ އެދީނަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަދީނެކެވެ. އިޖުތިމާޢީ ގޮތުންނާއި އަޚުލާޤުގެ ގޮތުންނާއި ސިޔާސީ ގޮތުންނާއި މިލިޓަރީ ގޮތުންނާއި އަދި ދިރިއުޅުމަށް އުއްމަތަކަށް ބޭނުންވާނެ ހުރިހާ ދިމާއަކުން އިސްލާމްދީން ވަނީ ބާރުއަޅާފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއްކަމަކީ އިސްލާމްދީނުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް ބާރުއަޅުއްވާ މިންވަރެވެ.

އެކަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ މި ޙަދީޘްބަސްފުޅުން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ.

"وَمَنْ نَفَّسَ عَنْ أَخِيهِ كُرْبَةً مِنْ كُرَبِ الدُّنْيَا ، نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَإِنَّ اللَّهَ فِي عَوْنِ الْعَبْدِ مَادَامَ الْعَبْدُ فِي عَوْنِ أَخِيهِ" روا مسلم

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އިސްލާމްދީނުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަކީ އެދީނުގެ އެންމެ ރިވެތި އެއްސިފައެވެ. އެބައިމީހުންނަކީ އެއްހަށިގަނޑެއްފަދަ ބަޔެކެވެ. އެންމެ ދިމާއަކަށް ވޭން އެޅިކަމުގައިވިޔަސް މުޅި ހަށިގަނޑު އެކަމުގައި ހޭލާ ހުރެއެވެ. އަދި އެކަމުގެ ތަދު އިހުސާސްކުރެއެވެ. އެހެންކަމުން ހުރިހާ މީސްތަކުން ގުޅިގެން އެއްބަޔަކު އަނެއްބަޔަކު އެހީވުމަށް އިސްލާމްދީން ބާރުއަޅައެވެ.

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللهِ تَعَالَى أَنْفَعُهُمْ لِلنَّاسِ) رواه الطبراني و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ."

އަދިވެސް އެތައް އެތައް ނައްޞުތަކެއްގައި މިކަމުގެ މައްޗަށް ބާރުއަޅުއްވާފައިވެއެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަމުންދާ ރިވެތި ސިފައެއްކަމުގައި ފާހަގަކޮށްލަން ޖެހެއެވެ. އަދިވެސް މިސިފަ އަޅުގަނޑުމެން އިތުރުކޮށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ އިސްލާމްދީނުގެ ހެޔޮ މަގު ހިޔާރު ކުރާ ބަޔެއްކަމުގައި ވާން އެބަޖެހެއެވެ. އެހެނީ މިހުރިހާ ކަމެއްގެ ސަބަބުން މުޖުތަމަޢުގެ އުފާވެރިކަން އިތުރުވެ އެއްބަޔަކު އަނެއްބަޔަކަށް ލޯތްބާ އިޙުތިރާމް އިތުރުވެގެން ދަނެ ކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. އިސްލާމްދީނުގައި މިފަދަ ރިވެތި ޢަދަބުތައް ލައްވަވާފައިވަނީ އަޅުކަމެއްގެ ގޮތުގައެވެ. އެފަދަ ކަންކަން ކުރާ މީހުންނަށް ހެޔޮވެގެންވާ މަތިވެރި ސަވާބު ލިބިގެންވެއެވެ. ވީމާ މިފަދަ މަތިވެރި ރިވެތި ސިފަތަކުން ސިފަލިބިގަތުން ކީއްތޯއެވެ. މިކަމުގެ މައްޗަށް އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ.

وصلى الله وسلم على محمد و آله صحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު