ﷲ ތަޢާލާވަނީ އިސްލާމްދީން ފުރިހަމަކުރައްވާފައެވެ. ނަބިއްޔާ صلى الله عليه وسلم ގެންނަވާފައި ނުވާކަމެއް ދީނީ ކަމެއްގެ ގޮތުގައި ކުރުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. އެފަދަ ކަންކަމަކީ އެއީ ބިދުޢައެވެ.

ބަހުގެ ގޮތުން ބިދުޢަ

ޢަރަބި ބަހުގައި بدعة އަކީ: ދީނުގައި ވިޔަސް އަދި އެހެންކަންކަމުގައި ވިޔަސް އަލަށް އުފައްދާ ކަންކަމެވެ.

މީސްތަކުން އާދަކާދައިގެ ގޮތުގައި ކުރާ ކަންތައްތައް ޝަރުޢީ ގޮތުން ބިދުޢައިގެ ތެރޭގައި ނުހިމެނޭނެއެވެ. ޢަރަބި ބަހުގައި އެފަދަ ކަންކަން ބިދުޢައިގެ ތެރޭގައި ހިމެނުނަސް ދީނީ ގޮތުން ބަލާއިރު އެއީ ބިދުޢައެއް ނޫނެވެ.

ޝަރުޢީ އިޞްޠިލާޙުގައި ބިދުޢަ

ޝަރުޢީ އިޞްޠިލާޙުގައި بدعة އަކީ:

ޝަރީޢަތުގައިވާ ކަންކަމާ ވައްތަރުގޮތަކަށް ދީނުގައި އަލަށް އުފައްދާ ކަންކަމެވެ. އެކަންކުރާ މީހުންގެ މަޤްޞަދަކީ އެކަންކުރުމުގެ ސަބަބުން ﷲ އަށް ބޮޑަށް އަޅުވެތިވުމެވެ.

މިއީ އައްޝާޠިބީ رحمه الله ގެންނަވާފައިވާ ތަޢުރީފެކެވެ.

އަދި އައްސުޔޫޠީ رحمه الله ވިދާޅުވިއެވެ.

“ބިދުޢައަކީ އިސްލާމީ ޝަރީޢަތާ ޚިލާފު ޢަމަލުތަކެވެ. ނުވަތަ އެކަންކުރުމުން ޝަރީޢަތުގައިވާކަމެއް އުނިވާ ނުވަތަ ޝަރީޢަތަށް އިތުރުކުރެވޭ ކުރުމެވެ.” [4]

އަދި ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީނު رحمه الله ވިދާޅުވިއެވެ.

“ޝަރުޢީ ގޮތުން ބިދުޢައެއްކަމުގައި ބަލާ މިންގަނޑަކީ: ‘ﷲ ތަޢާލާ ޝަރުޢުކުރައްވާފައި ނުވާކަމެއް އަޅުކަމެއްގެ ގޮތުގައި ކުރުމެވެ.’ އަދި އެހެން ޢިބާރާތަކުން ދަންނަވާނަމަ: ‘ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި ނަބިއްޔާ صلى الله عليه وسلم އާއި ހަތަރު ޚަލީފާއިން ގެންނަވާފައި ނުވާކަމެއް ކުރުމެވެ.’ ” [5]

ޞަޙާބީ ބޭކަލުން ބިދުޢަތަކާމެދު ދެކެވަޑައިގެންނެވި ގޮތް

ޞަޙާބީ ބޭކަލުން ބިދުޢަތަކާމެދު ދެކެވަޑައިގެންނެވި ގޮތް އަންނަނިވި ޙާދިޘާއިން އެނގިގެން ދާނެއެވެ.

ޢަމްރު ބުން ސަލަމާ رحمه الله ވިދާޅުވިއެވެ.

“ފަތިސް ނަމާދުގެ ކުރިން ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ގެ ގޭގެ ދޮރުކޮޅުގެ ކައިރީގައި ތިމަންބޭކަލުން ތިއްބަވަމެވެ. އެކަލޭގެފާނު ނުކުމެވަޑައިގެންނެވުމުން އެކަލޭގެފާނާއެކު ތިމަންބޭކަލުން މިސްކިތަށް ވަޑައިގަންނަވަމެވެ. ފަހެ، އެހެން ތިއްބަވަނިކޮށް އަބޫ މޫސާ އަލްއަޝްޢަރީ رضي الله عنه ވަޑައިގެންފިއެވެ. އަދި ވިދާޅުވިއެވެ.

“ތިޔަބޭކަލުންގެ އަރިހަށް އަބޫ ޢަބްދުރަޙްމާނު (ޢަބްދުﷲ ބުން މަސްޢޫދު) ނުކުމެވަޑައިގެންފި ހެއްޔެވެ.”

ތިމަންބޭކަލުން ދެންނެވީމެވެ.

“އަދި ނުކުމެވަޑައި ނުގަންނަވައެވެ.”

ފަހެ ނުކުމެވަޑައިގަންނަ ވަންދެން އެކަލޭގެފާނުވެސް މަޑުކުރެއްވިއެވެ. (އިބްނު މަސްޢޫދު) ނުކުމެވަޑައިގެންނެވުމުން ތިމަންބޭކަލުން ތެދުވެވަޑައިގެންނެވީމެވެ. އަދި އަބޫ މޫސާ رضي الله عنه ވިދާޅުވެއްޖެއެވެ.

“އޭ އަބޫ ޢަބްދުއްރަޙްމާނެވެ! ހަމަކަށަވަރުން ކުޑައިރުކޮޅެއް ކުރިން މިސްކިތުގައި ތިމަންކަލޭގެފާނަށް މުންކަރާތެއްކަމަށް ބެލެވޭފަދަކަމެއް ފެނިވަޑައިގެންފިއެވެ. އެކަމަކު ﷲ އަށް ޙަމްދުކުރަމެވެ. (ބޭރުފުށުން) އެއީ ހެޔޮކަމެކެވެ.”

އިބްނު މަސްޢޫދު ވިދާޅުވިއެވެ.

“އެއީ ކޮންކަމެއް ހެއްޔެވެ.”

އެކަލޭގެފާނު ވިދާޅުވިއެވެ.

“ދިރިހުންނެވިއްޔާ ކަލޭގެފާނަށްވެސް އެކަން ފެނިވަޑައިގަންނަވާނެއެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ މިސްކިތުގައި ނަމާދަށް އިންތިޡާރުކުރަން ޙަލަޤާތަކެއްގައި އިށީނދެގެން ތިބި ބައެކެވެ. އެބައިމީހުންގެ އަތުގައި ކުދި ހިލަކޮޅުތަކެއް ހުއްޓެވެ. އަދި ކޮންމެ ޙަލަޤާއެއްގައިވެސް އެކަކު އިސްކޮށް ހުރެގެން ކިޔައެވެ. ސަތޭކަ ފަހަރު ތަކުބީރު (الله أكبر) ކިޔާށެވެ. އެހެން ބުނުމުން އެއެންމެން ސަތޭކަ ފަހަރު ތަކުބީރު ކިޔައެވެ. ދެން އެމީހަކު ބުނެއެވެ. ސަތޭކަ ފަހަރު ތަހުލީލު (لا إله إلا الله) ކިޔާށެވެ. ދެން އެމީހުން ސަތޭކަ ފަހަރު ތަހުލީލު ކިޔައެވެ. ދެން އެމީހަކު ބުނެއެވެ. ސަތޭކަ ފަހަރު ތަސްބީޙަ (سبحان الله) ކިޔާށެވެ. ދެން އެމީހުން ސަތޭކަ ފަހަރު ތަސްބީޙަ ކިޔައެވެ.”

އިބްނު މަސްޢޫދު ވިދާޅުވިއެވެ.

“ކަލޭގެފާނު އެމީހުންނަށް އެއްޗެކޭ ވިދާޅުވިން ހެއްޔެވެ؟”

އަބޫ މޫސާ ވިދާޅުވިއެވެ.

“ކަލޭގެފާނުގެ ރައުޔަށް ނުވަތަ އަމުރަށް އިންތިޒާރުކޮށްފައި ތިމަންކަލޭގެފާނު އެބައިމީހުންނަށް އެއްޗެއް ވިދާޅުނުވަމެވެ.”

އިބްނު މަސްޢޫދު ވިދާޅުވިއެވެ.

“އެބައިމީހުންގެ ފާފަތައް ގުނާށޭ އެބައިމީހުން ގާތު ކަލޭގެފާނު ވިދާޅުވެފައި، އެބައިމީހުންގެ ހެޔޮކަމުން އެއްވެސް މިންވަރެއް ނުގެއްލޭނެކަމުގެ ޔަޤީންކަން އެބައިމީހުންނަށް ދެއްވިނަމަ މާ ރަނގަޅުވީހެވެ.”

ދެން އެކަލޭގެފާނާއެކު ތިމަންބޭކަލުންވެސް އެތަނުން ޙަލަޤާއެއްގެ ކައިރިއަށް ދިޔައީމެވެ. ފަހެ އެބައިމީހުންގެ ގާތުގައި އެކަލޭގެފާނު ހުއްޓިވަޑައިގެން ވިދާޅުވިއެވެ.

“ތިޔަބައިމީހުން ތިޔަ ކުރަނީ ކޮންކަމެއް ހެއްޔެވެ؟”

އެބައިމީހުން ބުންޏެވެ.

“އޭ އަބޫ ޢަބްދުއްރަޙްމާނެވެ! ގާތަކެއް އެއްކޮށްގެން ތަކުބީރާއި ތަހުލީލާއި ތަސްބީޙަ ކިޔަވާފައި އަހަރެމެން އެގުނަނީނެވެ.”

އެކަލޭގެފާނު ވިދާޅުވިއެވެ.

“ފަހެ ތިޔަބައިމީހުންގެ ފާފަތައް ގުނާށެވެ. ތިޔަބައިމީހުންގެ ހެޔޮކަމުން އެއްވެސް މިންވަރެއް ނުގެއްލޭނެކަމުގެ ޔަޤީންކަން ތިމަންކަލޭގެފާނު ދެއްވަމެވެ. ތިޔަބައިމީހުންނާމެދު އަޖައިބު ވެއްޖައީމެވެ! އޭ މުޙައްމަދުގެފާނުގެ އުންމަތުގެ މީހުންނޭވެ! ތިޔަބައިމީހުން ތިޔަ ހަލާކުވަނީ ހާދަ އަވަހަށެވެ. ނަބިއްޔާ صلى الله عليه وسلم ގެ އެތައް އަޞްޙާބު ބޭކަލުންނެއް މިތިއްބެވީއެވެ. އެކަލޭގެފާނުގެ ހެދުންކޮޅު އަދި ފަނާ ނުވެއެވެ. އަދި ކަންވާރުތައް ހަލާކު ނުވެއެވެ. އެއިލާހެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުވާ އިލާހު ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަވަނީ މުޙައްމަދު صلى الله عليه وسلم ގެ މިއްލަތަށްވުރެ ހެޔޮ މިއްލަތެއްގެ މަތީގައެވެ. ނުވަތަ މަގުފުރެދުމުގެ ދޮރެއް ހުޅުވައިގެންނެވެ.”

އެބައިމީހުން ދަންނަވައިފިއެވެ.

“އޭ އަބޫ ޢަބްދުއްރަޙްމާނެވެ! ﷲ ގަންދީ ބުނަމެވެ. އަހަރުމެން ހެޔޮކަމެއް މެނުވީ ނޭދެމެވެ.”

އެކަލޭގެފާނު ވިދާޅުވިއެވެ.

“ހެޔޮކަން އެދޭ ކިތައް މީހުން އެކަމާ ހިސާބަށް ވާސިލުނުވޭ ހެއްޔެވެ! ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم ތިމަންބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ.

“ހަމަކަށަވަރުން ޤުރުއާން ކިޔަވާ ބައެއްގެ ކަރުތެރެއިން ލާފައި އެޤުރުއާން ނުދާނެއެވެ. (އެބަހީ: އޭގައިވާ އެއްޗެއް އެބައިމީހުންގެ ހިތްތަކަށް ވާސިލެއް ނުވާނެއެވެ. އަދި އެބައިމީހުން އެއަށް ޢަމަލެއް ނުކުރާނެއެވެ.)”

ﷲ ގަންދީ ވިދާޅުވަމެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ތިޔަބައިމީހުންގެ ތެރެއިންވާ ބައެއްކަމުގައި ވެދާނެކަމަށް ތިމަންކަލޭގެފާނަށް ބިރުހީވެއެވެ.

ދެން އެއަށްފަހުގައި އެކަލޭގެފާނު ވަޑައިގެންނެވިއެވެ.

ޢަމްރު ބުން ސަލަމާ ވިދާޅުވިއެވެ. “އެ ޙަލަޤާތަކުގައި ތިބި ގިނަ މީހުން ނަހްރަވާނުގެ ދުވަހުގައި ޚަވާރިޖުންނާއެކު ތިމަން ބޭކަލުންނާ ދެކޮޅަށް ހަނގުރާމައަށް ނުކުތް މަންޒަރު ދެކެވަޑައިގެންނެވީމެވެ.”

މަސްދަރު: ދި ސަލަފިއްޔާ

ކިޔުންތެރިންގެ ހިޔާލު