الحمد لله رب العالمين. والصلاة و السلام على أشرف الأنبياء و المرسلين. أما بعد:

އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެދީން ބާވާލެއްވީ ހުރިހާ އިންސާނުންނަށް ހުރިހާ އިރަކަށްވެސް ކަމުދާނެ ގޮތުގެ މަތިން ޤިޔާމަތާއި ހަމައަށް އޮންނާނެ ޝަރީޢަތުގެ ގޮތުގައެވެ. އެހެންކަމުން އެދީނުގައި އެއްވެސް ކަމެއް ދޫކޮށްލެވިފައެއްނުވެއެވެ. ދިރިއުޅުމުގެ އެންމެ ބޮޑެތި ކަންކަމުންގޮސް އެންމެ ކުޑަ ކަންކަމަށްވެސް އެދީނުގެ ރިޢާޔަތްކުރެވިފައިވެއެވެ. މިޒަމާނުގައި ދުނިޔަވީ ހުރިހާ ފުދުންތެރިކަމެއް ހުރުމާއެކުގައިވެސް އިސްލާމްދީން ބަލައިގަންނަ އެއްސަބަބަކީ އެއީއެވެ. އެދީނުގެ ޝާމިލުކަމާއި ރިވެތި އަޚުލާޤާއި އަދިވެސް އިންސާނަކަށް ބޭނުންވާނެ ހުރިހާ ދިމާޔަކުން އެދީން މަގުދައްކާތީއެވެ.

އެގޮތުން މިއުއްމަތުގެ ނަމޫނާ ދައްކަވަން ވަޑައިގެންނެވި މިއުއްމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ހިނިތުންވެލުމަށްވެސް އަމުރުކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.

(تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ) رواه الترمذي في سننه (1956) وصححه الألباني.

މާނައީ: "ތިބާގެ އަޚާގެ ކުރިމަތީގައި ތިބާގެ އަޚާއަށް ވެލާ ހިނިތުންވުމަކީވެސް ތިބާއަށްވާ ޞަދަޤާތެކެވެ

."އަދި ޢަމަލުން އެކަލޭގެފާނު ވަނީ އެކަން އުއްމަތަށް މަގުދައްކަވާ ރިވެތިވެގެންވާ ނަމޫނާ ދައްކަވާފައެވެ. އެހެންކަމުން އަޅުގަނޑުމެންވެސް މިރިވެތި ވެގެންވާ ސިފަ ދިރުވައި ނަބިއްޔާގެ ސުންނަތަށް ޢަމަލުކުރަމާތޯއެވެ. އެއްކޮޅުން ﷲ ގެ ޘަވާބެވެ. އަނެއްކޮޅުން މީސްތަކުންނަށް ދެއްކޭ ރިވެތި އަޚުލާޤާއި ހިތްހެޔޮކަމެވެ. މުޖުތަމަޢު އިޞްލާޙުވެ ގުޅިލާމެހިގެން ދާނީ މިފަދައިން ޢަމަލުކުރެވިގެން އިސްލާމްދީނަށް އެންމެ ފުރިހަމައަށް ބޯލެނބިގެން ކަމާއި މެދު ޝައްކެއްނެތެވެ.

އެހެނީ ކޮންމެ ހެޔޮކަމަކީ ވެސް އިސްލާމްދީނުގައި ޞަދަޤާތެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(كُلُّ مَعْرُوفٍ صَدَقَةٌ) رواه البخاري و مسلم.

މާނައީ: "ކޮންމެ ހެޔޮކަމަކީވެސް ޞަދަޤާތެކެވެ."

ޞަދަޤާތް ކުރުމަށް ލާރިއަކަށް ބޭނުން ޖެހިގެން ނުވެއެވެ. ކޮށްލާ ކޮންމެ ހެޔޮކަމެއްވެސް ހެޔޮ ފޯރުކޮށްދިނުމެއްވެސް ވަނީ ޞަދަޤާތުގެ ތެރެއިންނެވެ. އެހެންކަމުން އިސްލާމްދީނުގެ މިފަދަ ރިވެތި އާދަތައް ދަސްކޮށް އެއާދަތަކަށް ހޭނެން މަސައްކަތްކަތް ކުރުމަކީ އަޅުގަނޑުމެން އެންމެހާ މުސްލިމުންގެ މައްޗަށް އޮތް ދީނީ އަދި ދުނިޔަވީ ވާޖިބެކެވެ. މިފަދަ ހެޔޮކަންކަމުގެ މައްޗަށް ތައުފީޤު ދެއްވައި އަދި ނުބައިވެގެންވާ ކަންކަމުން ސަލާމަތްކޮށްދެއްވާށިއެވެ. އާމީން.

وصلى الله وسلم على محمد و آله صحبه أجمعين. آمين.