ނަމާދަކީ އަހަރެން ދަންނަ އެއްޗެއް ނޫނެވެ. ދުވަހުގެ ހުރިހާ ވަގުތެއް އަހަރެން ވޭތުކުރީ ސަކަރާތާއި މަޖަލުގައެވެ. މުސްލިމެއް ކަމަކު މުސްލިމަކަށްވެހުރެ ކުރަން ޖެހޭ އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ. އަހަރެންގެ ހުރިހާވެސް މަސައްކަތަކީ މަޖަލާއި ސަކަރާތުގައި ވަގުތުތަށް ހޭދަކުރުމާއި ވިޔަފާރިއާއި ގެން މަސްއޫލުވެ އުޅުމެވެ.

އަހަންނަކީ އަހަރެންގެ އަވަށުގެ މުއްސަންޖަކީމެވެ. ތިން ފިހާރަ އަހަރެންގެ މިލްކިއްޔާތުގައި ހުރެއެވެ. އެހެންކަމުން އަހަރެން އުޅުނީ ވަރަށް ފުދިގެންނެވެ. އަހަރެންގެ ވިޔަފާރިއަށް އެތަކެއް އަހަރެއް ވެފައިވާއިރު ދުވަހަކުވެސް ވިޔަފާރީގައި ގެއްލުމެއް ނުވެއެވެ. ދުވަހުން ދުވަހަށް ވިޔަފާރި ދަނީ ފުޅާވަމުންނެވެ.

އަހަންނަކީ އަބަދުވެސް ހަފްތާ ބަންދަށް ކުލަބުތަކަށް ގޮސް އުޅޭ މީހަކީމެވެ. އެހެންކަމުން މިފަހަރުވެސް ހަފްތާ ބަންދާއި ދިމާކޮށް އަހަރެން ކުލަބަށް ދިޔައީމެވެ. މަސްތީ ހާލުގައި އެތަކެއް އިރަކު އުޅެފައި އަހަރެން ކުލަބުން ނުކުތީ ވިޔަފާރިއާއި ބެހޭ ވަރަށް މުހިންމު ލިޔެކިޔުންތަކެއް ކުއްލި ގޮތަކަށް ހޯދަން ޖެހިގެންނެވެ.

އަހަރެން ކުލަބުން ނުކުމެގެން ގެއަށް އައި ވަގުތަކީ މަގުމަތީގެ ޓްރެފިކްވެސް ވަރަށް ބޮޑު އިރެކެވެ. އެހެންކަމުން އަހަންނަށް އަހަރެންގެ އޮފީހާއި ހަމައަށް ވާސިލް ވެވުނީ ވަރަށް ގިނަ އިރުންނެވެ. އޮފީހުގެ ގަރާޖުގައި ކާރު ޕާކް ކޮށްލުމަށް ފަހު އޮފީހަށް ވަނުމަށް އަހަރެން ހިނގައި ގަތީމެވެ. އޮފީހުގެ ދޮރާއަރާ ހަމަވި އިރަށް މީހަކު އަހަންނަށް ގޮވާލިއެވެ. ދަންނަ އަޑެކެވެ. އެހެންކަމުން އަހަރެން ފަސް އެބުރި ބަލާލީއެވެ. މުސްކުޅި ފުރައިގެ މީހެކެވެ. ތުނބުޅި ދިގު ކޮށްފައި ވުމުން މީހާގެ ސިފަ އެހާ ރަނގަޅަށް ސާފެއް ނުވެއެވެ. އެ މީހާ އަހަރެންގެ ކައިރިއަށް އައުމަށް ފަހު ދިނީ ގަނޑުކޮޅެވެ. އަދި އެއީ އަހަންނަށް ރައްދުކޮށްދިނުމަށް މީހަކު ދިން އަމާނާތެއް ކަމުގައި ބުންޏެވެ. ވަގުތުން އަހަރެން އެގަނޑުކޮޅު ހުޅުވާލީމެވެ. އޭގައި ވަނީ އަހަރެންގެ ބައްޕަ ސޮއިކޮށް ލިޔެފައިވާ ލިޔުމެކެވެ.

އެލިޔުމުގައި ވަނީ އެ ގަނޑުކޮޅު ހިފައިގެން އަހަރެން ކައިރިއަށް އަންނަ މީހާގެ ލަފައާއި އެއްގޮތަށް ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދިޔުމަށެވެ. އަދި ނިންމާލަމުން ލިޔެފައި ވަނީ އެއީ ބައްޕަވެސް ކަންތަށް ކުރި ގޮތް ކަމުގައެވެ.

ސިޓީ ކިޔާ ނިންމާލުމަށް ފަހު އަހަރެން އެމީހާގެ މޫނަށް ބަލައިލީމެވެ. އަދި އެތެރެއަށް ވަންނަން ބުނެ އަހަރެން އިޝާރާތް ކޮށްލީމެވެ. އޮފީހުގެ މީޓިންގް ރޫމް އަށް ވަދެ އަހަރެން އެ މުސްކުޅި މީހާއާއި ވާހަކަ ދައްކާ އެކުވެރިވެލީމެވެ. އަދި ވިޔަފާރިއަށް ގެންނަން ޖެހޭ ބަދަލު ތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާލީމެވެ.

އޭނާ އަހަންނަށް ދިނީ ކުޑަވަރެއްގެ ނަސޭހަތެވެ. އޭނާ ބުންޏެވެ.

"ކޮއްކޮ އިސްލާހުވުމުން ވިޔަފާރިވެސް ދާނީ ކުރިއަށް"

އެމީހާ އެބުނި ބަހުގެ މާނަ އަހަންނަށް ފަހުމް ނުވުނުން ތަކުރާރުކޮށް އަހަރެން ސުވާލުކުރީމެވެ.

އަހަރެން ސުވާލު ކުރުމުން އޭނާ އަހަރެން ގާތު ކައިރިއަށް އައުމަށް ބުންޏެވެ. އަދި އަހަރެން އައުމުން އަހަންނާއި ސުވާލު ކުރަން ފެށިއެވެ.

"އެކޮއި ނަމާދު ކުރަންތަ؟ " އޭނާ އެއްސެވެ. ޖަވާބުގައި ނޫނެކޭ ބުނުމުގެ ގޮތުން އަހަރެން ބޯހޫރާލީމެވެ.

ދެން އެއްސެވެ." ފިހާރަތަށް ނަމާދު ގަނޑީގައި ބަންދު ކުރަންތަ؟ ނޫނެކޭ ބުނުމުގެ ގޮތުން މި ފަހަރުވެސް އަހަރެން ކަންތަށް ކުރީ ކުރިން ފަހަރޭ އެއްގޮތަށެވެ. އެފަދަ ސުވާލުތަކެއް އަހަންނާއި ކުރުމަށް ފަހު އޭނާ ބުންޏެވެ.

"މީގެ ފަހުން އެކޮއި ވާނެ ނަމާދު ކުރަން . ވިޔަފާރި ބަންދުވާނެ ނަމާދު ވަގުތަށް. ގިނައިން ދުޢާ ކުރަންވާނެ ވިޔަފާރި ކުރިއަރާތޯ" މުސްކުޅި މީހާ ބުންޏެވެ.

އެމީހާ އެހެން ބުންޏަސް މި ވިޔަފާރި އަކީ މިހާރު އަހަރެންގެ މިލްކެއް ކަމުން އަހަރެން އޭނާ ބުނި ގޮތް ހަދަން ބޭނުން ނުވިއެވެ. އަދި އަހަރެން ވިޔަފާރި ކުރާނި އަހަރެން ބޭނުން ގޮތަކަށޭ ކިޔާ އޭނާ ފޮނުވާލީމެވެ.

އޭގެ ދުވަސްތަކެއް ފަހެވެ. އަހަރެންގެ ވިޔަފާރި ދަށްވާން ފެށިއެވެ. ތަނަށް ވަންނަ ފައިސާ މަދުވާން ފެށިއެވެ. އެންމެ ފަހުން ފުރަތަމަ ފަހަރަށް އަހަރެންގެ ވިޔަފާރީގައި ގެއްލުން ވެއްޖެއެވެ. މަހަކަށް ފަހު މަހެއް ވިޔަފާރީގައި ގެއްލުން ވަމުން ގޮސް އެންމެ ފަހުން ހަދާނެ ގޮތް އަހަންނަށް ހުސްވިއެވެ. އެތަކެއްކަމެއް ކޮށްގެންވެސް ވިޔަފާރި ކުރިއެއް ނޭރިއެވެ. ވިޔަފާރިއާއި މެދު ވިސްނާ ވިސްނާ އަހަރެންގެ ބޯ ފަޅައިގެން ދާން ކައިރިވެއްޖެއެވެ. ކުއްލިއަކަށް އަހަރެންގެ ވިސްނުމަށް އައީ ބައްޕަގެ އެކުވެރި މުސްކުޅި މީހާ ދިން ނަސޭހަތެވެ.

އެހެންކަމުން އެދުވަހުން ދުވަހަށް އަހަރެންގެ ވިޔަފާރިއަށް ބަދަލު ގެނެއީމެވެ. ނަމާދު ވަގުތުތަކަކީ ވިޔަފާރި ކުރުން މަނާ ގަނޑިތަކެއް ކަމުގައި ކަނޑައެޅީމެވެ. އަދި ނަމާދުކޮށް ހެޔޮކަންތަށް ކުރަން ފެށީމެވެ. ކުލަބުތަކަށް ދިޔުމާއި މަޖާކުރުން ދޫކޮށްލީމެވެ.

މިގޮތުގައި ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. މަޑުމަޑުން އަހަރެންގެ ވިޔަފާރި ކުރިއަރަން ފަށައިފިއެވެ. ކަސްޓަމަރުން ގިނަވެ ވިޔަފާރީގައި ފައިދާވާން ފަށައިފިއެވެ. ކުރިން ނުވާހާ ފައިދާ ވިޔަފާރީގައި ވާން ފަށައިފިއެވެ.

ވިޔަފާރީގައި ފައިދާވާން ފެށުމުން އެދުވަހު މުސްކުޅި މީހާ ބުނި ބަހުގެ މާނަ އަހަންނަށް ފަހުމް ވިއެވެ. މިއަދު އަހަރެން މިހުރީ އިސްލާހުވެގެންނެވެ. ނަތީޖާއަކީ އަހަރެންގެ ވިޔަފާރި ކޮޅަށް ޖެހި ބޮންތި އާއި ހަމައަށް ވާސިލް ވުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސިފާޒު

  އިބުރަތެއް ލިބިއްޖެ

 2. ބޮސް

  ދެން ކޮބާ އެ މުސްކުޅި މީހާ

 3. ރައްޓެއްސާ

  ޙަލާލު ގޮތުގައި ފެއްޓުނު ވިޔަފާރިއެއް ނަމަ ނަމާދު ކޮށްގެން ވާނެ
  އެކަމަކު ހަލާލު ނޫން ގޮތެއްގައި ނަމަ ބާތިލް

 4. ޔUnaސ

  ޥ ސaLި