ހައްޖުގެ މަތިވެރި އަޅުކަމަކީ ކާމިޔާބާއި ހުރިހާ އުފަލަކަށް އޮތް ފުރިހަމަ މަގެއް ކަމަށް މިއަދުގެ ހައްޖު ޚުތުބާގައި ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ހައްޖު ދުވަހުގެ ހައްޖު ހުތުބާ ދެއްވާފައިވަނީ ޝައިހު މުހައްމަދު ބިން އަލް ޝައިހް އެވެ.

މިއަހަރުގެ ހައްޖު ހުތުބާގައި ވަނީ މާތްﷲގެ އެއްކައުވަންތަކަން ގަބޫލުކޮށް އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ނިއުމަތާއި ރަހުމަތުގެ ބޮޑުކަން ފާހަގަ ކުރައްވާފައެވެ.

ހައްޖަކީ އިސްލާމް ދީނުގެ އެއް ރުކުން ކަމަށާއި ކުޅަދާނަ ވެގެންވާ މީހާ ހައްޖުގެ އަޅުކަން އަދާ ކުރުމަށް މިއަދުގެ ހުތުބާގައިވަނީ ބާރުއަޅުއްވާފަ އެވެ.

"ޙައްޖަކީ ކާމިޔާބާއި ހުރިހާ އުފައްލެއްގެ މަގެވެ. އީމާންވެ މާތްﷲ ގެ އެކައުވަންތަކަން ގަބޫލު ކޮށް ހައްޖަށް އައިސް ހައްޖުގެ އަޅުކަމުގައި ބައިވެރި ވެއްޖެ ނަމަ, ﷲ ސުބުހާނަހޫ ވަތައާލާ އެ އަޅެއްގެ ހުރިހާ ފާފައެއް ފުއްސަވާނެ ކަން ވަނީ ވަހީކުރައްވާފައި" ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

މިއުންމަތުގެ މާތް ނަބިޔާ މުހައްމަދުގެ ފާނު ފޮނުއްވީ އާލަމް ތަކަށް ރަހުމަތެއް ކަމުގައި ކަމަށާއި ރަސޫލާ މުހައްމަދުގެ ފާނަކީ މީސްތަކުންނަށް ކުލުނުވެރި ބޭފުޅެއް ކަން މާތް ﷲ ވަނީ ބަޔާން ކުރައްވާފައި ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

"މާތް ﷲ ވަހީކުރައްވަނީ މީސްތަކުންނަށް އޯގާތެރިވާށޭ މީސްތަކުންނަށް މާފުކޮށް އެހީތެރިވާށޭ, ދުނިޔެވީ ކަންތަތަކުގައި މީސްތަކުންނާއި މަޝްވަރާކޮށްގެން ހައްލު ހޯއްދަވާށޭ" ހުތުބާގައި ބާރުއަޅުވާފައިވެއެވެ

އިސްލާމީ އުންމަތުގެ ވެރިންނަށް މާތްﷲ އަމާނާތެއް ހަވާލުކޮށްފައިވާކަން އެ މީހުން ދެނެގަންނަން ޖެހޭ ކަމަށާއި އެއްވެސް މީހަކަށް އަނިޔާވެރި ނުވެ، މަޝްވަރާކޮށްގެން ކަންތައްތައް ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

"އެއްވެސް މީހަކަށް އަނިޔާވެރި ނުވެ، މަޝްވަރާކޮށް ކަންތައްތައް ކުރުމަށް. އެ ގައުމުތަކުގައި އަދުލުވެރިކަން ގާއިމު ކުރުމަށް ވަނީ އުންމަތުގެ ވެރިންނަށް ވާޖިބު ކުރައްވާފައި" ހައްޖު ހުތުބާގައި ބުނެފައިވެ އެވެ.

ކިތަންމެ ބޮޑު ފާފައެއް ކުރެވުނަސް ﷲ ގެ ރަހުމަތުން ނާއުންމީދު ނުވުމަށް މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް އެއްބައިވުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.

ހުތުބާ ނިންމާލަމުން ވަނީ ނިކަމެތި ހާލަތަކަށް ގޮސްފައިވާ އިސްލާމީ ގައުމުތަކަށާއި މުސްލިމް އުންމަތަށް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި ދުއާކޮށްފަ އެވެ. އަދި ﷲގެ ދީނަށް އެކަލާންގެ ނަސްރު ދެއްވާނެ ކަން ޔަގީންކުރައްވާ ކަމަށްވެސް ހުތުބާ ނިންމާލަމުން ބުނެފައިވެ އެވެ.

ހައްޖުގެ އެންމެ މުހިއްމު ފަރުޟު ކަމަށްވާ އަރަފާތު ދުވަހު އަރަފާތު ބިމަށް މިއަދު ދެ މިލިއަނެއްހާ ހައްޖުވެރިން ޖަމާވެފައިވެ އެވެ.