އަރަފާތަށް ބޯކޮށް ވާރޭ ވެހެން ފަށައި، އެތައް މިލިއަން މުސްލިމުން ތަކެއްގެ ހިތްތަކަށް ފިނިކަމެއް ގެނުވައިފިއެވެ.

އަރަފާތު ބިމުގައި ހައްޖުގެ އަޅުކަން އަދާ ކުރަން ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ދަތުރު ކުރާ އިރު، ގިނަ ފަހަރަށް ހައްޖުވެރިން މި އަޅުކަން އަދާ ކުރަނީ ގަދަ އަވީގައެވެ.

އެ ސަރަހައްދުގައި ވާރޭ އަކީ ވަރަށް މަދުން ވެހޭ އެއްޗެއް ކަމުން, އެތައް ބަޔަކު އަންނަނީ މި ނިއުމަތަށްޓަކައި މާތް ﷲ އަށް ހަމްދު ކޮށް ޝުކުރު އަދާ ކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

އަރަފާތު ބިމަކީ މުސްލިމުންގެ މުގައްދިސް ބިމަކަށް ވާއިރު، މާތް ނަބިއްޔާ އެކަލޭގެފާނުގެ އެންމެ ފަހު ޚުތުބާ ވެސް ދެއްވީ ހަމަ އެ ފަސް ގަނޑުގެ މަތީއެވެ.

ހައްޖަކީ އެ އަޅުކަން އަދާ ކުރުމުގެ ކުޅަދާނަ ކަމާއި ތަނަވަސްކަން ލިބިގެންވާ ހަމަ ކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަމަކަށް ވާއިރު، އެފަދަ ތަނަވަސް ކަމަކާއި ކުޅަދާނަ ކަމެއް ނެތް ނަމަ، އެފަދަ ގޮތެއް މެދުވެރި ކޮށްދެއްވުން އެދި މާތް ﷲގެ ހަޟްރަތަށް ދުއާ ދަންނަވާށެވެ.

އަދި ހައްޖުގެ އަޅުކަން އަދާ ކުރަން މިހާރު މައްކާއަށް ގޮސްފައިވާ އަހަރެމެންގެ މުސްލިމް އަޚުންނާއި އުޚްތުން ވެސް މި ދުއާގައި ޝާމިލް ކޮށް، އެމީހުންގެ ފާފަތައްވެސް ފުއްސެވުމަށް އެދޭށެވެ.