މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

[އިސްވެދިޔަ ޒަމާނުގައި އެއްފަހަރަކު މީހަކު މަގުމަތީގައި ހިނގަމުން ދަނިކޮށް، އޭނާ ވަރަށް ބޮޑަށް ކަރުހިއްކައިގަންފިއެވެ.

ދެން ފަހެ އޭނާއަށް ފެންވަޅެއް ފެނުނެވެ. ދެން އޭނާ އެވަޅަށް ފައިބައި ފެން ބޮއުނެވެ. އެއަށްފަހު އޭނާ އެވަޅުން އެރިއެވެ. އެހިނދު އޭނާއަށް ކަރުހިއްކައިގަނެގެން ބިންމަތީގައި ދޫކާއްތަމުން ދިޔަ ކުއްތާއެއް ފެނުނެވެ. ދެން އެމީހާ(ހިތާ ހިތާ) ބުނެލިއެވެ.

“ ކަރުހިއްކައިގަތުމުގެ ސަބަބުން މި ކުއްތާ މިވަނީ އަހަރެން ކުރިން ހުރި ހާލަތަށް ގޮސްތާއެވެ!“

ދެން ފަހެ އޭނާ އަނެއްކާވެސް އެވަޅަށް ފޭބިއެވެ. ދެން އޭނާގެ ޚުއްފަށް ފެން އަޅައި ފުރާލިއެވެ. އެއަށްފަހު އެޚުއްފު އޭނާގެ އަނގައިން ހިފަހައްޓައިގެން ވަޅުން އެރިއެވެ. ދެން އެކުއްތާއަށް އޭނާ ފެން ދިނެވެ.

ދެން ފަހެ މާތް ﷲ އޭނާއަށް ޝުކުރުވެރިވޮޑިގެންނެވިއެވެ. (އެބަހީ:އޭނާގެ އެ ޢަމަލު ޤަބޫލުކުރައްވައި ހެޔޮ ޖަޒާ ދެއްވިއެވެ. އަދި އޭނާގެ ފާފަ ފުއްސެވިއެެވެ.]

ދެން އަޞްޙާބުބޭކަލުން ސުވާލު ދެންނެވިއެވެ.

“ އޭ ﷲގެ ރަސޫލާއެވެ! މިޖަނަވާރުތަކަށް (އޯގާތެރިވުމުގައި) ތިމަންބޭކަލުންނަށް އަޖުރުވޭހެއްޔެވެ؟“

ދެން ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

[ކޮންމެ ދިރޭއެއްޗަކަށް އޯގާތެރިވުމުގައި އަޖުރުވެއެވެ.]

(ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)

މަސްދަރު: އިލްމް އެމްވީ. އަބްދުﷲ ހާމިދު

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 《》

    މަ ވަރަށް ގެންގުޅޭ ހިތްވޭ ކުއްތާވެސް. އެކަމަކު ގެންގުޅެވޭކަށް ނެތްތާ ދޯ 🙁