ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މަދުން ހޭ ބަޔަކު ކަމުގައި އަދި ގިނަގިނައިން ރޯބަޔަކު ކަމުގައި ވާށެވެ. ޤިޔާމަތް ދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހިޔާވަހިކަން ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ހިޔާވަހިކަން ނުވާދުވަހު އެކަލާނގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާ ހަތް ބައެއްގެ ތެރެއިން އެއްބަޔަކީ އެކަނި ހުރެ ﷲ ހަދުމަކުރުމުގެ ސަބަބުން އެމީހެއްގެ ލޯ ކަރުނައިން ފުރާލެވޭމީހާއެވެ. (ބުޚާރީ އާއި މުސްލިމް)

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާ ކުރައްވާފައިވެއެވެ. ރަސޫލުއްﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ.

“ ދެލޮލެއް ވަނީ ނަރަކައިގެ އަލިފާނަށް މަނާވެގެންނެވެ. އެއީ ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ރޮއެފައިވާ ލޮލަކާއި އަދި އިސްލާމް ދީން ޙިމާޔަތް ކޮށް އެމީހެއްގެ ޢާއިލާ ކުފުރުން ސަލާމަތް ކުރުމަށްޓަކައި ރޭގަނޑު ނުނިދާ ހޭދަކޮށްފައި ވާލޮލެކެވެ. (އަލް ޙާކިމް)

އަނަސް ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

”އޭމީސްތަކުންނޭވެ ތިޔަބައިމީހުން ރޯށެވެ. ތިޔަބައިމީހުންނަށް ނުރޮވޭނަމަ ގަދަކަމުން ވެސް ރޯށެވެ. ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިން އެމީހުންގެ ކޯތާފަތް މަތީގައި ކަރުނައިގެ ކޯރުތަކެއް ވާފަދައިން ރޯނެއެވެ. އަދި އެމީހުންގެ ލޮލުން ކަރުނަ ހުސްވެ ލޭ އޮހެރެންދެން ނެވެ. އަދި އެބައިމީހުންގެ ލޯތައް ވާނީ ފާރުވެގެން ނެވެ. (އައް ތަރްޣީބް ވައްތަރުޙީބް)

ވީމާ ރަސޫލުއް ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ރުއިމަށް އަމުރު ކުރައްވާ ފައި ވާ ގޮތާއި މެދު ވިސްނާށެވެ. މިޙަދީޘް އަޑުއިވުމުން ވެސް އަޅުގަނޑުމެންގެ ހިތްތަކަށް އަސަރު ނުކުރާނަމަ އަޅުގަނޑުމެންގެ އީމާންކަން ވަރަށް ބަލިކަށްޓެވެ. އަދި ދުނިޔެ ވަނީ އަޅުގަނޑުމެންގެ ހިތްތަކަށް ވެރިވެފައިކަން ކަށަވަރެވެ. އަދި ނަފްސު ވަނީ ނުރައްކަލަށް ހުށެހެޅިފައެވެ.

އިސްވެދިޔަ ޙަދީޘްގައިވާ ޢަޒާބުން އަޅުގަނޑުމެން ސަލާމަތްވެގެން ވާކަމުގެ އެއްވެސް ޔަޤީން ކަމެއް އަޅުގަނޑުމެންނަށް އެބައޮތްތޯއެވެ. އަޅުގަނޑުމެންނަށް ސުވަރުގެ ލިބޭނެ ކަމުގެ ޔަޤީން ކަން އެބައޮތްތޯއެވެ. ވީމާ ފާފަތަކަށްޓަކައި ރޮއެ ކަރުނަ އޮއްސާށެވެ. އެކަމުން ފައިދާ ކުރާނެއެވެ. ލޭކަރުނަ އޮއްސަން ޖެހޭދުވަސް އައުމުގެ ކުރިން ދުނިޔޭގައި ﷲ އަށް ބިރުވެތިވެ ގިނަ ގިނައިން ކަރުނަ އޮހޮރާށެވެ. އެދުވަހަކުން އޮއްސާ ލޭކަރުނައަކުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

 

މަސްދަރު: ނޫރުލްއިސްލާމް

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބެ

  ކަލޯމެންނޭ، ކޮމެންޓް ކޮށްބަލަ.

  7
  6
  • ޙނ

   ނުކެރޭނެ ކުރާކަށް. ސިޔާސީ ލިޔުމެއް ނޫނެއްނު. އެހެންވެ.

   6
   1
   • ފޭކު

    ކޮމެންޓް ކުރެވިދާނެ. އެކަމަކު ނުއެއް ޖަހާނެ.

 2. ނިކަމެތިއަޅާ

  ސުވަރުގެވަންތަވެރިން ހައްތަހާވެސް ރަސޫލާ އެންގެވި ގޮތަށް އުޅެފިނަމަ ދޯ!
  ކޮންމެ ވެރިޔެއް އިސްލާހުވެފަ ވާނަމަ ރަށްޔިޔުން ދާނީ ރަނގަޅުވަމުންދޯ!
  އަދުލުވެރި ވެރިއެއް އެއީ ސުވަރުގެ ލިބޭނެ ހަތް މީހިންގެ ތެރޭހިމެނޭ މީހެއްދޯ!
  ތިޔައިންވެރިޔަކު އެންމެންގެ ހާލުބަލާފަ ރޮއި ހިތާމަކުރިތަން ދުށީ ކޮން ދެ
  ލޮލެއްތޯ!
  އެހެންވީމާ ހާލުޖެހިފަވާ މީހުން ކުރާ ދުއާ އެމީހުންގެ ރުއިން ދެން ފެންނާނީ ކާކައް!
  ހެއްދެވި ފަރާތް މޮޅަށް ދެނެވޮޑިގެންވާނީ!
  އަހަރެން ރޯނަން ކަމެއް ކުރެވުނަސް ނުކުރެވުނަސް ' އެއީ ޔަގީންކަމެއް !
  އެހެންމީހުން ރޮއިތޯ ނުބަލާނަން!

 3. އަމީން454

  ޔާﷲ ގިނަގިނައިން ﷲ ހަނދުމަކޮށް ކުރެވޭފާފަ ތަކާމެދު ހިތާމަކޮށް ރޮއެހަދާމީހުންގެތެރެއިން ލައްވާށި