ކުޑަކުދިން ދަންވަރުގެ ވަގުތުތަކުގައި ހޭލައި ބޮޑާ ހޭކުން ނުވަތަ ރޮއެ ހެދުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމަކެވެ. އެހެން ނަމަވެސް މިކަމުގެ ފަހަތުގައި ގިނަފަހަރަށް ވަނީ ކޮން ސަބަބެއް ކަމެއް ގިނަ ބަޔަކަށް ސާފެއް ނުވެއެވެ.

ސިއްޚީ މައްސަލައެއް ދިމާ ނުވާއިރު އަދި މީހެއްގެ ފަރާތުން ކަމެއް ކުރިމަތި ވުމުން ނޫން ގޮތަކަށް އެފަދަ ކަންތައް ތަކުރާރު ވުމަކީ ފަހަރެއްގާ ކަންބޮޑުވާން ޖެހޭ ކަމަކަށްވުން ވެސް އެކަށީގެންވެއެވެ. ސަބަބަކީ އެގޮތަށް ދިމާވަނީ އެސްފީނާ ނުވަތަ ރޫހާނީ ކަމެއްގެ ސަބަބުން ކަމަށް ވެދާނެތީއެވެ. އެސްފީނާއަށްވުރެ ބޮޑަށް މިކަމަކީ ޖިންނި ޝައިތާނުންގެ ފަރާތުން އުނދަގުލެއް ނުވަތަ ގޯނާއެއް ކުރިމަތިވުމުން ހިނގާ ކަންތައް ކަމަށް އިލްމުވެރިން ޤަބޫލުކުރެއެވެ.

އެގޮތުން އެފަދަ އުނދަގުލެއް ކުރިމަތި ވުމަށް ގިނަފަހަރު މަގުފަހިވާ ބައެއް ކަންކަމަށް ބަލައިލާނަމެވެ.

1. އިރު އޮއްސުމާއި އިޝާ އާއި ދެމެދުގެ ވަގުތުތަކުގައި ކުޑަކުދިން ބޭރުގައި ގެންގުޅުން

އިރުއޮއްސޭ ގަޑި ނުވަތަ އިރު އޮއްސުމާއި އިޝާއާއި ދެމެދުގެ ވަގުތު ތަކުގައި ކުޑަކުދިން ބޭރުގައި ގެންގުޅުމަކީ ރައްކާތެރި ކަމެއް ނޫނެ ބުނާ އަޑު އަހަރެމެން ވަރަށް ގިނައިން އަހަމުއެވެ. އެހެން ނަމަވެސް އެއީ މުސްކުޅި، ފުލޯކު ވާހަކައެއް ކަމަށްދެކި އެކަމަށް ސަމާލުކަން ދޭން ޖެހޭ މިންވަރަށް ސަމާލުކަން ނުދެވުމުގެ ނަތީޖާއަކަށްވަނީ، ދެރަ ގޮތްތައް ދިމާވުމެވެ.

ދީނީ ފޮތްތަކާއި ދީނީ އިލްމުވެރިންގެ އިލްމުގެ އަލީގައި ޖިންނި ޝައިތާނުންނަކީ ކުޑަކުދިންނާއި ވަރަށް ފަސޭހައިން އަޅައިގަނެ އުނދަގޫ ކުރާ ބައެކެވެ. ރޭގަނޑުގެ އަނދިރިކަން ވެރިވާ ވަގުތަކީ ޖިންނި ޝައިތާނުން އެންމެ ބޮޑަށް ފެތުރިގަންނަ ވަގުތަށް ވެފައި ކުޑަކުދިންނަށް އެތަކެތީގެ ސަބަބުން ރައްކާތެރިކަން ހޯދަން ގިނަފަހަރަކަށް ނޭގޭނެއެވެ.

البخاري އާއި مسلم ރިވާކުރައްވާފައިވާ ހަދީސެއްގެ މާނާގައިވެއެވެ، ރޭގަނޑުގެ އަނދިރިކަން ވެރިވެގަންނަ ހިނދު ނުވަތަ އިރު އޮށްސުނީއްސުރެ ތިޔަބައިމީހުންގެ ކުޑަކުދިން ހިފަހަށްޓާށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނުން އެވަގުތުގައި ފެތުރިގަނެއެވެ. ދެން އެ އަނދިރިކަން ފިލައި ދިޔުމުން ދޫކޮށްލާށެވެ. އަދި ﷲ ގެ ނަންފުޅުގަނެ ދޮރުތައް ބަންދުކުރާށެވެ! ލައްޕާފައިވާ ދޮރެއް ޝައިޠާނާ ނުހުޅުވާނެއެވެ. އަދި بسم الله ކިޔައި ތިޔަބައިމީހުންގެ ފެން އަޅާ ތަކެތި ބަންދު ކުރާށެވެ! އަދި بسم الله ކިޔައި ތިޔަބައިމީހުންގެ ތެލިތަށިތައް މަތިޖަހާށެވެ! މަތި ނެތިއްޖެނަމަ އޭގެމަތީ އެއްޗެއް ހުރަސްކޮށްލާށެވެ! އަދި (އަލިފާން) ބައްތިތައް ނިއްވާލާށެވެ.

2. އެސްފީނާއާއި މެދު ސަމާލުވެ ރައްކާތެރި ނުވުން

އެސްފީނާ ޖެހުމަކީވެސް ކުޑަކުދިންނަށް ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. އެސްފީނާ ގެ ސަބަބުން އެ ކުދިންނަށް ތަފާތު އުނދަގޫތަކާއި ކުރިމަތިލާން ޖެހޭއިރު، ނުރައްކާތެރި ހާލަތުތަކަށްވެސް ބައެއް ފަހަރު އެކަންތައް ބޮޑުވެގެންދެއެވެ. މިކަމުން ރައްކާތެރިވެ ތިބުމަށްޓަކައި މީހަކު ތިމާއަށް ނުވަތަ ތިމާގެ ދަރިފުޅަށްވެސް ތައުރީފްގެ ބަސްތައް ބުނުމުން މާޝާﷲ މިފަދައިން ކިޔަން ޖެހެއެވެ. އެސްފީނާ ޖެހެން އެންމެ ބޮޑަށް ދިމާވާ އެއް ސަބަބަކީ އަހަރެމެންގެ މުޖްތަމަޢުގައި މިހާރު އާންމުވެފައިވާ ސޯޝަލް މީޑިއާތަކުގައި ދަރިންގެ ފޮޓޯ ޖަހައި އިޝްތިހާރު ކުރުން ކަމަށް ދީނީ ބައެއް ދަންނަ ބޭކަލުން ވިދާޅުވެއެވެ.

އެފަދަ ކަމެއް ދިމާވުމުން ފެނިދާނެ ބައެއް އަލާމާތްތައް

ތިރީގައި ބަޔާންވެފައި މިވަނީ ކުޑަ ކުއްޖަކަށް އެސްފީނާ ނުވަތަ ރޫހާނީ އުނދަގުލެއ ކުރިމަތިވާނަމަ ފެނިދާނެ ކަމަށް، އެމްވީއިސްލާމްކިއުއޭ ގައި އާންމު ފަރާތަކުން ކުރި ސުވާލެއްގެ ޖަވާބުގައި އައްރާގީ އަޖްނާދު ޢަލީ ފާހަގަ ކުރައްވާފައިވާ ބައެއް އަލާމާތްތަކެވެ.

- ބޮޑުކަމުދާއިރު، ފެހި ގަދަކޮށް ހުރުން.
- ލޮލުގެ ކަޅި ރީނދޫވެފައި ހުރުން (ކުރިން އެގޮތަށް ނުހުރުން).
- އިރުއޮއްސޭ ވަގުތު އާދަޔާ ޚިލާފަށް ރުއިން.
- ރޭގަނޑު ދަންވުމުން ސިއްސައިގެން ގޮސް ހޭލެވި އާދަޔާ ޚިލާފަށް ރުއިން.
- ނިދީގައި ސިއްސަ ސިއްސައިގެންގޮސް ރޮވޭގޮތްވުން.
- މައިމީހާގެ ގާތުން ބުއްނުބުޔުން.
- ކުއްލިއަކަށް ކެއުމާއި ދުރުވެ ނުކެއުމާއި، ކޭނަމަވެސް ހަށިގަނޑު އަނަރޫފަވަމުން ދިއުން.
- އެއްދިމައަކަށް ކަޅި މައްޗަށް ގެންގޮސްގެން އޮވެ ރުއިމާއި ބިރުގަތުން. އަދި ގިނައިން މިގޮތަށް ކަޅި މައްޗަށް ގެންގޮސްގެން އޮތުން.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯކިބާ

    ބޮޑުކަމުދާއިރު ފެހިކުލަ ހުރިއްޔާ އޭގެ މާނައަކީ އެހެރީ ދަގަނޑުގެ ބާވަތެއް ގިނަކޮށްފައެވެ. އެގޮތަށް ދަގަނޑު ގިނަކުރެވިފައި ޔޫރޭނިއަމް ނުވަތަ ޕުލުޓޯނިއަމް ކަހަލަ އެއްޗިހި ގިނަނުކުރެވެނީ ކީއްވެގެންހެއްޔެވެ.

    4
    9
  2. މުހައްމަދުމޫސާ

    މޮޔައިން ނަކީ ދީނާއިއަޤީދާގެ ގޮތްްގަބޫލުނުކުރާ
    ބޮޑަތި މޮޔައިން

    11
  3. ކުނބޯލި

    ގިނަކުދިން ރޭގަނޑު ދަންވަރު ހޭލާރޮނީ ބަނޑުހައިވެގެން. މަންމަ ބުއްޖެއްސީމާ ބުއްބޯލާގެން އެނިދަނީ. ބުއްނުދޭ ކުދިންނަށް ބުއްތަށްޓެއް ދިނީމާ ބޯލާދެން ނިދަނީ.

    1
    15