އަޅުގަނޑުމެންނަށް ކުރެވިފައިވާ ފާތަކަުގެ ގިނަކަމުގެ ސަބަބުން އެއްގޮތަކަށް ވެސް މާޔޫސްވާކަށް ނުޖެހޭ ކަމަށާއި ﷲ ގެ ރަހުމަތްފުޅާ މެދު އުއްމީދު ކަނޑާލައި ހެޔޮ އަމަލުތަކާ ދުރަށްދާކަށް ވެސް ނުޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ބުނެފައި ވަނީ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީނަމަވެސް އިހްލާސްތެރިކަމާ އެކު ތައުބާވެ، ހެޔޮޢަމަލުތައް ކުރުމުން ﷲ އަޅުގަނޑުމެންގެ އެންމެހައި ފާފަތަކެއް ފުއްސަވައި ދެއްވާނެކަން ވަނީ އަންގަވާފައި ކަމަށެވެ. އަދި ހެޔޮ ޢަމަލުތައް ގިނަ ކުރުމަކީ ނުބައި އަމަލުތައް ފުހެވިގެން ދާނެ ކަމެއްކަން ޚުޠުބާގައި ހަނދާން ކޮށްދީފައިވެއެވެ.

އައްޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަަސްފުޅުގެ މާނަ ހަނދާންކޮށްދެމުން ޚުތުބާގައި ބުނެފައި ވަނީ ﷲ ގެ ރަހުމަތައް އުއްމީދު ކަނޑާނުލާށެވެ. އެއާޔަތުގެ މާނައިގައި ވަނީ "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."

އަދި ހޫދު ސޫރަތުގެ 114 ވަނަ އާޔަތުގައި ވެސް މާތްﷲ ވަހީކުރައްވަނީ "ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ."

"މިދެއާޔަތުން އޮޅުމެއްނެތި އެނގެނީ الله سبحان وتعالىٰ އެކަލާނގެ އަޅުތަކުންގެ މައްޗަށް ވަރަށް ބޮޑަށް ރަހުމް ކުރައްވާކަމާއި، އޯގާތެރިވެ ވޮޑިގަންނަވާކަމެވެ. އަދި ކޮންމެ ފަދަ ބޮޑު ފާފައެއް ކުރެވިފައިވާ މީހަކަށް ވެސް ތައުބާވެ ހެޔޮ އަމަލުތައްކޮށް ﷲ ގެ މަގަށް އެނބުރި ރުޖޫޢަވުމުގެ ފުރުސަތު އެބަ އޮތްކަމެވެ. އަދި އަޅުތަކުންގެ މައްޗަށް ﷲ ގެ ރަހުމަތްފުޅު ތަނަވަސްވެން ވާކަމެވެ." ޚުޠުބާގައި ވެއެވެ.

ނޭނގުމުގެ ސަބަބުން ފާފައަކަށް އަރައިގަނެވިއްޖެ ނަމަ ތައުބާވުމުން ﷲ ގެ ރަހުމަތްފުޅުން އޭނާގެ ތައުބާ ގަބޫލުކުރައްވައި، ފާފަ ފުއްސަވައި އޭނާއަށް ރަހުމަތް ލައްވާނެކަން ވަނީ އަންގަވާފައި ކަމަށް ޚުޠުބާގައި ވެއެވެ.