މުސްލިމުން الله سبحان و تعالىٰ އަށް ތަޤުވާވެރިވެ އެދުވަހެއްގެ ނުރައްކާތެރިކަން ބޮޑުވެގެންވާ، ޤިޔާމަތް ދުވަހަށް ބިރުވެތިވެ ރައްކާތެރިވުމަށް ހުކުރު ޚުޠުބާގައި ނަސޭހަތް ދީފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚިޠުބާގައި ބުނެފައި ވަނީ އާޚިރަތް ދުވަހާއި މެދު ޣާފިލްވެ އެދުވަހުގެ ބިރުވެރިކަން ހަނދާން ނައްތާނުލުމަށް ގޮވާލާފައެވެ.

ޤިޔާމަތް ދުވަހުގެ ހާލަތު ބަޔާން ކުރައްވަމުން ލުޤުމާން ސޫރަތުގެ 33 ވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވާ ބަސްފުޅު ހުކުރު ޚުޠުބާފައި ވަނީ ހަނދާން ކޮށްދީފައެވެ. އެއާޔަތުގެ މާނައިގައި ވެއެވެ. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި އެދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތިން ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށްވެސް ބަފަޔަކަށް ކަމެއް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ، حق ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި މަކަރުވެރި شيطان އާ، ތިޔަބައިމީހުން اللَّه އާމެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!"

ލައުނަތް ލެއްވިގެންވާ ޝައިޠާނާ ވަނީ އޭނާގެ ދަންތުރައިގައި އެބައިމީހުން ޖައްސައި، ދުނިޔަވީ ލައްޛަތާއި ޝަހުވަތުގެ އަޅުވެތިކަމުގެ ކަސްތަޅުން ކަސްތަޅު އަޅުވާފައި ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.

"ޝައިޠާނާގެ މި ދަންތުރައިގެން އަޅުތަކުންނަށް ސަލާމަތްވެވެން އޮތް ހަމައެކަނި މަގަކީ ޝައިޠާނީ ވަސްވާސްތަކުން ކިލަނބުވެފައިވާ ހިތްތައް އީމާންކަމުގެ ނޫރުން އަލިކުރުމެވެ. ފަނާވެދަނިވި ދުނިޔޭގެ މިކުރު ދަތުރުގެ މަޤުޞަދާއި މެދު ފުންކޮށް ވިސްނައި، މިދަތުރު ނިންމައިލަން ޖެހޭ މަންޒިލު ކަމުގައިވާ އާޚިރަތުގެ މަތީން ތާއަބަދު ހަނދުމަކުރުމުގައި ސާބިތުވެ ތިބުމެވެ." ޚުޠުބާގައި ބުނެފައި ވެއެވެ.

ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ހަނދާން ކޮށްދިނުމަށް ﷲ ގެ ވަހީބަސްފުޅު ޚުޠުބާގައި ގެނެސްދީފައިވެއެވެ. ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ. (އެއީ) މީހާ އޭނާގެ أخ އާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ."

ކޮންމެ މީހަކީވެސް ދުނިޔޭގެ ދަންފަޅި ހަމަކޮށް ޤިޔާމަތް ދުވަހުގެ ދަރުބާރުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއް ކަން ހަނދާންކޮށް، އެދުވަހަށް ތައްޔާރުވުމަށް ޚުޠުބާގައި އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ވަރައްބިރުގަނޭ...ކުއްކުރެވިފަ އެބަހުރި ކުރީގަ ގޯސްކަންތައް ކުރެވިފަ އެބަހުރި.އިންށާ ﷲ މިއަޅާގެ ކުއްފާފަތައް މާތް ﷲ އަފޫކުރައްވާނެ
    މިއަދު އަހަރެންއެކަމާ ދެރަވޭ އަބަދުވެސް ދުއާކުރަން????

  2. މައިކް

    ޥަރަށް ފުރިހަމަ ހުތުބާއެއް. މިފަދަ ހުތުބާތަށް ގިނަކުރުން މުހިއްމު

    11