ޤިޔާމަތް ދުވަހުގެ ހާލަތު ބަޔާން ކުރައްވަމުން ލުޤުމާން ސޫރަތުގެ 33 ވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވާ ބަސްފުޅު މިއަދުގެ ހުކުރު ޚުޠުބާފައި ހަނދާން ކޮށްދީފައި ވެއެވެ. އެ އާޔަތުގެ މާނާގައި ވަނީ:

"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި އެދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތިން ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށްވެސް ބަފަޔަކަށް ކަމެއް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ، حق ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި މަކަރުވެރި شيطان އާ، ތިޔަބައިމީހުން اللَّه އާމެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!"

"ޤިޔާމަތްދުވަހާއި މެދު ޣާފިލު ނުވާށެވެ!" މި ނަމުގައި މިއަދު އިއްވި ހުތުބާގައި ވަނީ، ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި އެ ދުވަހުގައި އަމިއްލަ ނަފްސާއި މެދު ފިޔަވައި އެހެން ކަމަކާއި މެދު ނުވިސްނޭނެކަން ހާމަކޮށްދީފައެވެ. އެގޮތުން ކީރިތި ރަސޫލާ މުޙައްމަދުﷺ އާއި އެކަލޭގެފާނުގެ އަނބިކަނބަލުން އައިޝަތުގެފާނުގެ ޙަޔާތްޕުޅުގައި ދިމާވި ހާދިސާއެއް ހުތުބާގައި ކިޔައިދީފައި ވެއެވެ.

އެގޮތުން، އެއް ދުވަހު މާތް ނަބިއްޔާ ﷺ އަވަހާރަފުޅުލައްޕަވާފައި އޮންނަވަނިކޮށް، އާއިޝަތުގެފާނުގެ ލޯފުޅުން އެކަލޭގެފާނުގެ ކޯތާފަތްޕުޅު މައްޗަށް ކަރުނަފޮދުވަރެއް އޮހިގެންދިޔަ ވަގުތު އެކަލޭގެފާނު ތެދުވެވަޑައިގެން އެއެކަމާއި ސުވާލު ކުރެއްވެވިއެވެ. ޖަވާބުގައި އާއިޝަތުގެފާނު ދަންނަވާފައި ވަނީ އެކަމަނާއަށް ޤިޔާމަތް ދުވަސް ހަނދުމަވަނީ ކަމަށެވެ. އަދި އެ ދުވަހުން މާތްނިބިއްޔާ، އަނބިދަރީންގެ މަތިން ހަނދުމަފުޅު ހުންނަވާނެތޯ ސުވާލު ކުރެއްވެވި ކަމަށް މިއަދުގެ ހުތުބާގައި ވެއެވެ.

އެ ހިނދު ކީރިތި ރަސޫލާގެ ލޯފުޅުން ކަރުނަ އޮހޭ ޙާލުގައި އެކަމަނާ އާއި މުޙާތަބުކޮށް ހަދީޘް ކުރެއްވިއެވެ.

"ﷲ ގަންދީ ބުނަމެވެ. ތިން މަޤާމެއްގައި، އެކަކުވެސް އެމީހާގެ އަމިއްލަ ނަފްސު ފިޔަވައި، އެހެން އެއްވެސް ބައެއްގެ މަތީން ހަނދުމައެއް ނުހުންނާނެއެވެ. އެ ތިން މަޤާމަކީ، ސިރާތުމަގު ހުރަސްކުރާ ހިނދުގައި އާއި، އަޅުތަކުންގެ އަމަލުތައް މީޒާނުން ކިރޭ ހިނދުގައި އާއި، ޢަމަލުތަކުގެ ފަތްތައް ދެވޭ ހިނދުގައެވެ."

ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ހަނދާން ކޮށްދިނުމަށް ﷲ ގެ ވަހީބަސްފުޅު ޚުޠުބާގައި ގެނެސްދީފައިވެއެވެ. ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ. (އެއީ) މީހާ އޭނާގެ أخ އާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ."

ކޮންމެ މީހަކީވެސް ދުނިޔޭގެ ދަންފަޅި ހަމަކޮށް ޤިޔާމަތް ދުވަހުގެ ދަރުބާރުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއް ކަން ހަނދާންކޮށް، އެދުވަހަށް ތައްޔާރުވުމަށް ޚުޠުބާގައި އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޝައިޚް

  ވަރަށް ޚާއްޞަގޮތެއްގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި ، ޝަރީޢަތުގައި ހެކިބަސް ދޭމީހުން މިއަދުގެ ޚުޠުބާގެ ނަޞޭޙަތުން ނަޞޭޙަތްލިބިގަތުންހުއްޓެވެ.

  58
 2. ހޯދާބަލާ

  ސާބަސް ވަރައްރަގަޅު

 3. Anonymous

  ސަާބަސް ސަާބަސް