އިސްލާމްދީނުގައި އަންހެނުންނަކީ ވަރަށް މަތިވެރި ބައެކެވެ. އަންހެނުން ފިރިހެނުންނަށް ވުރެ ޚާއްސަ ވެފައި މަތިވެރިވާ އެތަކެއް ސަބަބެއް ވެއެވެ. އޭގެތެރެއިން އެއް ސަބަބަކީ އެ ކަނބަލުން ދިރިއުޅުމުގައި އުފުލާ ތަކުލީފުތަކެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި އަންހެނުންނަށް ޚާއްސަ ގަދަރެއް ކުރަމުން ގެންދާއިރު، އަންހެނުންގެ ބައެއް އަމަލުތަކުގެ ސަބަބުން އެ އަންހެންމީހާއަށް ކުރާ ގަދަރު ކުޑަވެގެންދެއެވެ.

އާދެ، އެއީ ޒިނޭ ކުރާ އަންހެނުންނެވެ. އަދި ފައިސާއަށް ހަށި ވިއްކާ އަންހެންނެވެ. އަންހެނާގެ އައުރައަކީ މޫނާއި ދެއަތް ތިލަ ފިޔަވާ އެހެން ހުރިހާ ތަނެކެވެ. ނަމަވެސް، އަދުގެ މުޖުތަމައުން ފެންނަމުންދަނީ ވަރަށްވެސް ހިތާމެވެރި މަންޒަރެވެ. ދީނަކީ އިސްލާމް ދީނެވެ. ނަމަވެސް ބަހާއި އަމަލުން ކާފަރުންގެ ދިރިއުޅުން ކޮޕީ ކުރާ އެތަށް ކަނބަލުންނެއް އަދުގެ ރާއްޖޭގައިވެސް އެބައުޅެއެވެ.

ހަށިގަނޑުގެ ގުނަވަންތައް ހާމަވާ ފަދަ ކުރު ހެދުން އަޅައިގެން މަގުތައް މަތީގައި ފިނި ބުރު ޖަހާ އަންހެނުންވެސް މިގައުމުގައި މަދެއެް ނޫނެވެ. ހަށިގަނޑުގެ ވަނާތައް ފާޅުކޮށް "އޮރިޔާމުން" އުޅޭ އަންހެނުން މިގައުމުގައި ހާހުން ގުނާލެވޭނެކަން ޔަގީނެވެ.

ލޯބީގެ އެދުންވެރި ކަމުގައި ނުވަތަ ފައިސާގެ ބޭނުމުގައި އިއްފަތްތެރިކަން އެެހެން މީހުންނަށް ނީލަން ކިޔާއިރު އެއީ ކިހާ ބޮޑު ފާފައެއްކަން އެނގޭތޯއެވެ؟

އަންހެނާގެ އިއްފަތްތެރި ކަމަކީ އެ އަންހެން މީހާގެ އީމާންތެރިކަން ރަމްޒު ކޮށްދޭ ކަމެކެވެ. އަދި އެއީ އެ އަންހެނާގެ ހުލްޤު ރަގަނޅުކަން ދެނެގަނެވޭނެ ނިޝާނެއްވެސް މެއެވެ.

މުސްލިމު ގައުމެއްގައި މުސްލިމުންގެ ނަމުގައި އަހްލާޤީ ބޮޑެތި ކުށްތައް ކުރަމުން ގެންދާއިރު އެފަދަ މީހުންނަކީ ހަޤީގީ މުސްލިމުން ހެއްޔެވެ؟ ކަނބަލުންނަކީ ގައުމެއްގެ ތަރައްޤީގެ އެންމެ ބޮޑު އެއް ހިއްސާދާރު ކަމަށް ވާއިރު ފޯދެމުން އަންނަ ޒުވާން އަންހެން ކުދިންނަކީ ޒިނޭ އާއި ހަށިވިއްކުމާއި ޕާޓީކުރުމާއި އަދި މިނޫންވެސް އަހުލާޤީ ކުށްތަކުގެ އަހުލުވެރިން ކަމަށް ވާނަމަ އެއީ ގައުމުގެ ކުރި މަގަށް އެޅޭނެ ކަޅު ހިޔަންޏެވެ.

ދީން، އަންހެނުންނަށް އަންގަވާފައިވަނީ އެ ކަނބަލުންގެ އައުރަ ނިވާ ކުރުމަށެވެ. އަދި ވަސް ގަދަ އަތަރާއި ސެންޓު ޖަހައިގެން ފިރިހެނުންގެ ތެރޭގައްޔާއި މަގުތަކުގައި ނުހިގުމަށެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ އެއް ހިކުމަތެވެ. އެއީ ޒިނޭއިން ރައްކާތެރިވުމަށެވެ.

އެހެންކަމުން ފައިސާއަށް ވިޔަސް ނުވަތަ ލޯބީގެ އެދުންވެރި ކަމުގެ ސަބަބުން ވިޔަަސް އިއްފަތްތެރި ކަން ނީލަން ނުކިޔާށެވެ. އަދި ތިމާގެ މުސްތަގުބަލަށް ބަޔަކު "ރަތް ކުޅެއް" ޖެހުމަށް ފުރުސަތު ނުދޭށެވެ. އަދި އާޚިރަތުގައި ތިމާގެ ކަރުގައި ހިލިހިލާ ޖެހުމަށް ފުރުސަތު ނުދޭށެވެ. ޒިނޭއަށް ނޫނެކޭ ބުނާށެވެ. އޭރުން ތިމާއަށް އާހިރަތުގައިވެސް އަދި ދުނިޔެ މަތީގައިވެސް ކާމިޔާބު ލިބޭނެ ކަން ޔަގީނެވެ.

އިއްފަތްތެރިކަމަކީ ހަލާލު ފިރިމީހާގެ ހައްޤެކެވެ. އެ ހައްޤު ފިރިމީހާއަށް އަދާކޮށްދެވޭނީ އަންހެން މީހާއަކީ އިހްލާސްތެރި ހެޔޮލަފާ މީހެއް ނަމައެވެ. އެފަދަ އަންހެނުންނަކީ މިލިއަނުން ރުފިޔާ ދިނަން ޒިނޭ އަށް ފާޅުގައި ނޫނެކޭ ބުނަން ކެރޭނެ އަންހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު