މާތް ﷲ އިސްލާމް ދީން ބާވައިލެއްވީ އަޅުތަކުން އެއަށް އެންމެ ފުރިހަމަ ގޮތުގައި ތަބާވުމަށެވެ. އެއީ ޙަޔާތުގެ ދުސްތޫރެވެ. ދަޢުލަތުގެ ޤާނޫނެވެ. އެއާ ތަޢާރުޟުވާގޮތަށް އެއްވެސް ޤާނޫނެއް، ޤަވާއިދެއް ހެދިގެން ނުވާނެއެވެ. އަހަރެމެން ހަދާ ކޮންމެ ޤާނޫނަކާއި ޤަވާއިދެއްގެ އަސްލަކަށް ވާންވާނީ ﷲ ގެ ދުސްތޫރެވެ.
މިގޮތުން ﷲ ގެ ޝަރީޢަތާއި ޚިލާފު ނުވާގޮތަށް މުޖުތަމަޢުގެ އާއްމު މަޞްލަޙަތު ދެމެހެއްޓުމުގެ ގޮތުންނާއި، ޞުލްޙަވެރިކަން ޤާއިމު ކުރުމަށާއި، ދަޢުލަތް އިންތިޒާމުކުރުމަށް ވަޟަޢީ ޤާނޫނުތައް ހެދުމަކީ ޙާކިމަށާއި، އުއްމަތަށް އިޚްތިޔާރުލިބިގެންވާ ކަމެކެވެ. ދީން ހުއްދަ ކުރާ ކަމެކެވެ. މުސްލިމުންނަށް ވާޖިބުވެގެން ވަނީ ހުރިހާ ކަމެއްގައިވެސް ހުރިހާ ތަނެއްގައިވެސް އެބައިމީހުންނަށް ﷲ ބާވައިލެއްވި ޝަރިޢަތް ޤާއިމު ކުރުމެވެ.
އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެންވާ ހައްދުތަކާއި، އުޤޫބާތްތައް އެކަށީގެންވާ އެންމެ ފުރިހަމަގޮތުގައި ޤާއިމުކުރެވޭނަމަ، މުޖުތަމަޢުގައި ޞުލްޙަވެރިކަން އޮންނާނެއެވެ. އަމާންކަންވެސް ޤާއިމުކުރެވޭނެއެވެ. މުޖުތަމަޢުގައި ކުށްކުރުންވެސް މަދުވާނެއެވެ. އިސްލާމީ މުޖުތަމަޢުގައި ކުށްކުރުން ގިނަވެ، އަނިޔާވެރިކަން ފެތުރި، މުންކަރާތްތަކާއި، ފާހިޝްކަންތައްތައް ގިނަވެފައިވަނީ ﷲ ގެ ޝަރީޢަތްތައް އެކަހެރިކޮށްލުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މިކަންކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ ދީނަށް ރުޖޫޢަވުމެވެ. ޝަރީޢަތް ޤާއިމު ކުރުމެވެ. ހުޅަނގުން ހަދާފައިވާ ހަދިޔާކުރި ނިޒާމެއް، އިސްލާމީ ޤައުމުތަކަށް ހަޤީޤަތުގައި ބޭނުމެއް ނޫނެވެ. އިލާހީ ޤާނޫނެއްގެ ޢަދުލުވެރިބަޔަކީ ހަމަ މުސްލިމުންނެވެ. ނަމަވެސް މިއަދު މުސްލިމުން ވަނީ ބަލިކަށިވެފައެވެ. ނިކަމެތިވެފައެވެ. އެއީ އަމިއްލަ އަށް ނިކަމެތިވެގަތީއެވެ. މި އަނދަވަޅުން ސަލާމަތްވާ މިއަދު ފަސޭހައެއް ނޫނެވެ.
އިސްލާމްދީން ވަނީ އެދީނުގެ ޝަރީޢަތް ޤާއިމުކުރާ ވެރިންނަށް އިޙްތިރާމާއި ޤަދަރު ދެއްވާފައެވެ. އެފަދަ ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމަކީ، އީމާކަމުގެ ތެރެއިންވާ ކަމެއްކަމުގައި ވަނީ ލައްވާފައެވެ. ނަމަވެސް ޝަރުޢުގެ ހަމަތަކުން ބޭރުވެ، އިސްލާމްދީނުގެ މަގުން އެއްކިބާވެ، މުސްލިމުންގެ ހައްޤުތަކާއި މެދު އިޙުމާލުވެއްޖެ ވެރިޔާ، ޝަރުޢީ ހަމަތަކުގެ މަތިން ޢަޒުލުކުރުމުގެ ހައްޤު އިސްލާމްދީނުގައި މުސްލިމުންނަށް ދީފައި ވެއެވެ.
އަރަހުށި މާތް اللّه މި ތަނަވަސް ކާއިނާތު ހައްދަވައިފައިވަނީ އިންސާނާއާ ނުހަނު ގުޅޭ ގޮތަކަށެވެ. އިންސާނާއަށް ވަރަށް ފުރިހަމައަށް ބޭނުން ހިފޭ ގޮތަށެވެ. އިންސާނާގެ ދުނިޔަވީ ޙަޔާތަށް ބޭނުންވާ އެންމެ ރަނގަޅު ތަކެތި މި ކާއިނާތުގައި ވަނީ ލައްވާފައެވެ. ކަނޑާއި އެއްގަން އޭނާއަށްޓަކައި ވަނީ ޚިދުމަތްތެރި ކުރައްވައިފައެވެ. ބިމަކީ އޭނާއަށްޓަކައި ދިރިއުޅޭނެ ޖަގަހައެވެ. އެބިން ހައްދަވައިފައިވަނީ އެބިންމަތީގައި އޭނާއަށް ދެމިހުރެވޭ ގޮތަށެވެ. ދިރިއުޅުން ވޭތިކުރެވޭ ގޮތަށެވެ. މިދުނިޔޭގައި ވަޔާއި، ފެނާއި، އިރުގެ ހޫނުކަމާއި، ހަނދުވަރުގެ ހިތްގައިމުކަމާއި، ރޭދުވާ ތަކުރާރުވުމާއި، ކަނޑުތަކުގެ ފުންކަމާއި، ކޯރުތައް ހިނގަމުންދާ ދިޔުމުން އޭނާއަށް ލާބަޔާއި މަންފާ ހޯދިދާނެއެވެ. ތިމާގެ ފައިދާއަށްޓަކައި އެތަކެތީގެ ބޭނުންކުރެވިދާނެއެވެ. އަރަހުށި މާތް اللّه އޭނާއަށް ވަނީ އިންސާނެއްގެ ޙައިޘިއްޔަތުން އެތަކެތީގެ ބޭނުންކުރުމުގެ ޙައްޤު ދެއްވައިފައެވެ. އެހެން ފަރާތެއްގެ މަނާކުރުމަކާ ނުލައެވެ. ހުރަސްއެޅުމެއް ނެތިއެވެ. އެ ނިޢުމަތްތަކުގެ ފައިދާ ހޯދައިގަތުމަކީ އޭނާއަށް ދެއްވައިފައިވާ އިޚްތިޔާރެކެވެ.
މާތް اللّه އިންސާނާއަށްޓަކައި މިދުނިޔޭގައި ވަނީ ސުމާރެއްނެތްހައި ގިނަ ނިޢުމަތްތަކެއް ލައްވައިފައެވެ. އެ ނިޢުމަތްތަކުގެ ފައިދާ ލިބިގަތުމުގެ ޙައްޤު އޭނާއަށް ވަނީ ދެއްވައިފައެވެ. މާތް اللّه އިންސާނާއަށް ދެއްވައިފައިމިވާ ނިޢުމަތްތަކުގެ ތެރެއިން އެއްވެސް ނިޢުމަތެއް އެއްވެސް މީހަކަށް އޭނާގެ ކިބަޔަކުން ނިގުޅައެއް ނުގަނެވޭނެއެވެ. އެއްވެސް ފަރާތަކުން އިންސާނާގެ ކިބައިން އެއިން ނިޢުމަތެއް ނިގުޅައިގެންފިނަމަ އެކަން ވާނީ އެންމެ ނުބައިކަންބޮޑު އަނިޔާތަކުގެ ތެރެއިންނެވެ. އަދި ކީއްތޯއެވެ؟ އެކަން ކުރި މީހަކު އެވަނީ ތިމާ ހުންނަންޖެހޭ އިމަށްވުރެ ބޭރަށް ނިކުމެއެވެ.
ކަންމިހެން ހުރުމާއި އެކު، އިސްލާމީ ޝަރީޢަތް މި ބިންމަތީގައި ޤާއިމު ކުރުމުގެ ފުރިހަމަ ޒިންމާ އަދާލުރަންޖެހޭ ބަޔަކީ، މާތް ﷲ އެބަޔަކަށް އިސްލާމްކަމުގެ ނިޢުމަތް ދެއްވި މުސްލިމުންނެވެ. ވެރިކަން ހިންގުމުގެ ނިޒާމުން، ދީނީ ސިފަތައް ބޭރުކޮށް، އިސްލާމްދީނާއި، ސިޔާސަތު ވަކިކޮށްލުމަކީ ކުރެވޭނެ ކަމެއް ކަމަށް ޤަބޫލުކޮށް، އެކަމަށް ވަކާލާތު ކުރުމަކީ، މި ފަދަ ނިކަމެތި މަޚުލޫޤަކަށް ލިބިގެންވާ އިޙްތިޔާރެއް ނޫނެވެ. އިންސާނާއަށް އޮތީ، އެކަލާނގެ އެންގެވި ގޮތެއްގެ މަތިން ޢަމަލުކޮށް، ފަލާޙާއި، ކާމިޔާބުގެ މަގަށް ރުޖޫޢަވެ، ދުނިޔޭގެ ޙަޔާތް ނިމެންދެން އެގޮތުގައި މަސައްކަތް ކުރުމެވެ.
މަސްދަރު: ދީނުގެ ޙުކުމްތަކާއި ދަޢުލަތް (ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު)
ޖަރީމާ ހިންގާނެ މިހާރުވެސް ލަސްވެގެބް ބުއްޅަބޭ ތެޅުބާކަނީ!
ކޮންމެއެއްޗެއް ނޫހުގަޖެހިޔަސް އަދި ލިޔުނަސް މިވެރިކަމުގަ މިސްކިތްތަކުން ބަންގީގެއަޑު ކަނޑުވާލާނެ އެއީމިހާރު ސަރުކާރުންނާ ގިނަދިވެހިން ބޭނުންވާގޮތް
މިހާރު ވެސް އޮތީ ތިޔަބުނާ ހާލަތުގަ އެއްނޫންތަ
ރިޔާސީ ކެމްޕޭނުގަ ޝަހީމް ވިދާޅުވި ދުވަސް މިއަދު ދިވެހިންނާ ކުރިމަތި ލައިފި. ވަގުތު ފާއިތު ނުވަނީސް ގައުމުގެ ދަރިން ހޭއަރާ ތެދުވޭ.
ކިޔާލަން ހާދަ ފަސޭހައޭ، ހާދަ އިބުރަތްތެރި ލިޔުން ކޮޅެކޭ،
އަލްހަމްދު ލިﷲ މާޝާﷲ
އަނެއްފަހަރު އެއްކަލަޝަހީމު ފެށީ....ކާކުތައުޅެނީވަކިކުރަން؟
ރާއްޖޭގެ ޤާނޫނު ހަދާފައި އޮތީ އިސްލާމް ދީނަށް ފުށުއަރާގޮތަށްތަ؟ ޤާނޫނުގައި އޮންނަގޮތަށް ޙުކުމް ތަންފީޒް ކުރުމަކީ ޙާކިމުންގެ ކަމެއް ނޫންތަ؟ ⁷ù