މިއީ އުމްރާގެ އަޅުކަން އަދާކުރައްވާ ފަރާތްތަކަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތައް ހިމަނައިގެން ގެނެސްދީފަައިވާ ލިޔުމެކެވެ.

1- މީޤާތުން ( ފުލައިޓުގައިނަމަ މީޤާތާ އަރާ ހަމަވުމުމުގެ ކުޑަވަގުތުކޮޅެއް ކުރިން ) ޢުމްރާގެ ޝިޢާރު ދުލުން ފާޅުކޮށް ކިޔާށެވެ. (( لَبَّيْكَ اللَّهُمَّ بِعُمْرَة )) ( އޭﷲ އިބައިލާހަށް އިޖާބަދީ ޢުމްރާ ކުރަމެވެ.)

2- ޢުމްރާ ކުރުމަށް ހުރަހެއް ކުރިމަތިވެދާނެކަމުގެ ބިރު އޮތްނަމަ ކިޔާށެވެ.
« اللَّهُمَّ مَحِلِّي حَيْثُ حَبَسْتَنِي » މާނައީ " އޭﷲއެވެ! ( ފަހެ، އިޙްރާމް ކެނޑުމަށް މިއަޅައަށް ސަބަބެއް މެދުވެރިވެއްޖެ ހިނދު ) މިއަޅާގެ މަޙައްލަކީ ( އިޙްރާމް ކަޑާތަނަކީ ) އިބައިލާހު މިއަޅާ ހިފެހެއްޓެވިތަންކަމުގައި ލައްވާށިއެވެ. ( މާނައަކީ ނުކުޅުދުންތެރިކަން މިއަޅާއާ ކުރިމަތިވި ހިސާބު ކަމުގައި ލައްވާށިއެވެ.)

3- ކޮޅަށްހުރެ ޤިބުލައަށް ކުރިމަތިލައި ކިޔާށެވެ. ( އެކަމަށް ކުޅަދާނަވެގެންވާ ނަމައެވެ. )
« اللهُمَّ هَذِهِ عُمْرَةٌ لَا رِيَاءَ فِيهَا وَلَا سُمْعَةَ » މާނައީ '' އޭ ﷲ އެވެ. މިއީ ދެއްކުންތެރިކަމެއް އަދި އެހެންބައެއްގެ ފަރާތުން ރިވެތި ޘަނާއެއް އެދުމެއް އޭގައި ނުވާ ޢުމްރާއެކެވެ."

4- އެއަށްފަހު މައްކާއަށް ދެވެންދެން އަޑުހަރުކޮށް ތަލްބިޔާކިޔުން
« لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الحَمْدَ وَالنِّعْمَةَ لَكَ وَالمُلْكَ، لاَ شَرِيكَ لَكَ » މާނައީ " އިބައިލާހަށް އިޖާބަދީފީމެވެ. އޭﷲ އެވެ. އިބައިލާހަށް އިޖާބަދީފީމެވެ. އިބައިލާހަށް އިޖާބަދީފީމެވެ. އިބައިލާހަށް ޝަރީކަކު (ބައިވެރިއަކު) ނުވެއެވެ. އިބައިލާހަށް އިޖާބަދީފީމެވެ. ހަމަކަށަވަރުން ވެރިކަމާއި ނިޢްމަތްތަކާއި ޙަމްދު ( ރިވެތި ޘަނާ ) ލިބިވޮޑިގެންވަނީ އިބައިލާހަށެވެ. އިބައިލާހަށް ޝަރީކަކު (ބައިވެރިއަކު) ނުވެއެވެ. "

5- އަދި ނަބިއްޔާ ‘ ގެ ތަލްބިޔާގައިވެއެވެ.
« لَبَّيْكَ إِلَهَ الْحَقِّ » މާނައީ " އިބައިލާހަށް އިޖާބަދީފީމެވެ. އިބައިލާހުއީ ޙައްޤު އިލާހެވެ. "

6- ފަހެ، މިސްކިތައް ވަންނަހިނދު، ކަނާތުފައި އިސްކުރަން ހަނދާންނެތި ނުކުރާށެވެ. އަދި ކިޔާށެވެ. « اللَّهُمَّ صَلِّي عَلَى مُحَمَّدٍ و سَلِّم , اللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ » މާނައީ " އޭﷲ އެވެ. މުޙައްމަދުގެ މައްޗަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ. އޭﷲ އެވެ. މިއަޅާއަށް އިބައިލާހުގެ ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވާ ދެއްވާށިއެވެ. " ނުވަތަ « أَعُوذُ بِاللَّهِ الْعَظِيمِ، وَبِوَجْهِهِ الْكَرِيمِ، وَسُلْطَانِهِ الْقَدِيمِ، مِنَ الشَّيْطَانِ الرَّجِيمِ »

7- ފަހެ، ޢުމްރާކުރާމީހާ ބޭނުންނަމަ ކަޢްބާފެނުމުން އޭނާއަށް އަތްއުފުލާ ދުޢާކުރެވިދާނެއެވެ. އެއީ އެކަންކުރަން އިބުނު ޢައްބާސްގެ އަރިހުން ޘާބިތުވެފައިވާތީއެވެ. އަދި މިތަނުގައި ޚާއްޞަ ދުޢާއެއްކިއުމަށް ނަބިއްޔާ ‘ ގެ އަރިހުން ޘާބިތުވެފައި ނުވެއެވެ. ފަހެ، އޭނާއަށް ފަސޭހަވީ މިންވަރަކަށް ދުޢާކުރާށެވެ. އަދި ޢުމަރު ކުރެއްވި ދުޢާކުރެއްވުން ފަހެ، އެއީ ރަނގަޅުކަމެކެވެ. « اللَّهُمَّ أَنْتَ السَّلَامُ، وَمِنْكَ السَّلَامُ، فَحَيِّنَا رَبَّنَا بِالسَّلَامِ » މާނައީ " އޭﷲ އެވެ. އިބައިލާހުއީ ހުރިހާ އުނިޞިފަތަކުން ސަލާމަތްވެގެންވާ އިލާހެވެ. އަދި ސަލާމަތާއި ރައްކާތެރިކަންވަނީ އިބައިލާހުގެ ޙަޟްރަތުންނެވެ. ފަހެ، އަހަރެމެން ހައްދަވާ ބޮޑުކުރައްވާ ގެންގުޅުއްވާ އިލާހެވެ. އަހަރެމެންނަށް ސަލާމަތާއި އަމާންކަން ދެއްވާށިއެވެ."

8- އެއަށްފަހު އޭނާ އަވަހަށް ޙަޖަރުލް އަސްވަދު ކައިރިއަށްގޮސް ފަހެ، އެއަށް އިސްތިޤުބާލުކޮށް ތަކުބީރު ( اللَّهُ أَكْبَرُ ) ކިއުންވެއެވެ. އަދި ތަކުބީރުގެ ކުރިން ބިސްމިކިއުން އިބުނު ޢުމަރުގެ ފަރާތުން ޘާބިތުވެއެވެ. އެއަށްފަހުގައި ޙަޖަރުލް އަސްވަދުގައި އަތުން ފިރުމާލުމާއި އޭނާގެ އަނގައިން އޭގައި ބޮސްދިނުމާއި އަދި އޭގެމަތީގައި އޭނާގެ ނިތްކުރި ބޭއްވުން ވެއެވެ. ފަހެ، އޭނާއަށް އޭގައި ( ޙަޖަރުލް އަސްވަދުގައި ) ބޮސްދިނުމަށް ކުޅަދާނަ ނުވެއްޖެނަމަ އޭގައި އޭނާގެ އަތުން ފިރުމާލުންވެއެވެ. އެއަށްފަހު އޭނާގެ އަތުގައި ބޮސްދިނުންވެއެވެ. ފަހެ، އޭނާއަށް އޭގައި ( ޙަޖަރުލް އަސްވަދުގައި ) އެނާގެއަތުން ފިރުމާލުމަށް ކުޅަދާނަ ނުވެއްޖެނަމަ އޭނާގެ އަތުން އެއަށް އިޝާރާތްކުރުންވެއެވެ. އޭނާ އެގޮތަށް ޠަވާފުގެ ކޮންމެބުރެއްގައި ކަންތައް ކުރުންވެއެވެ.

9- އެއަށްފަހު އޭނާ ކަޢްބާ އޭނާގެ ވާތްފަރާތަށްވާގޮތަށް ކަޢްބާގެ ވަށައިގެން ޠަވާފުކުރަންފަށާށެވެ. ފަހެ، އޭނާ ޙިޖުރުގެ ބޭރުން ހަތްބުރުޖަހާށެވެ. ޙަޖަރުލް އަސްވަދުން ޙަޖަރުލް އަސްވަދަށް އެއީ ބުރެކެވެ. މުޅިޠަވާފުގައި ފިރިހެނުން "އިޟްތިބާޢް" ކުރަންވާނެއެވެ. އޭގެމާނައަކީ ރިދާ އޭނާގެ ކަނާތް ކިހިލިފަތްދަށަށްލައި، ރިދާގެ ކޮޅު އޭނާގެ ވައަތުކޮނޑުމައްޗަށްލައި ކަނާތުކޮނޑު ހާމަކޮށް ވައަތު ކޮނޑު ފޮރުވުމެވެ. އަދި ޠަވާފުގެ ކުރިންނާއި ފަހުން މިކަން ކުރުމަކީ ބިދުޢައެކެވެ. ޠަވާފުގެ ފުރަތަމަ ތިންބުރުޖަހާނީ އަވަސް ހިނގުމެއްގައި ބާރަށް ހިނގާފައެވެ. ޙަޖަރުލް އަސްވަދުން ޙަޖަރުލް އަސްވަދަށެވެ. އަދި ދެންހުރި ބުރުތައް ޖަހާނީ ހިނގާފައެވެ. ( އަންހެނުން 7 ބުރުވެސް ޖަހާނީ ހިނގާފައެވެ.)

10- އަދި ޠަވާފުގެ ކޮންމެ ބުރެއްގައި ރުކުނުލްޔަމާނީގައި އޭނާގެ އަތުން ފިރުމާލަންވާނެއެވެ. ނަމަވެސް ރުކުނުލްޔަމާނީގައި ބޮސްނުދޭށެވެ. އަދި ރުކުނުލްޔަމާނީގައި އަތުން ފިރުމާލުމަށް ނުކުޅެދިއްޖެ ނަމަވެސް އޭނާގެ އަތުން އެއަށް އިޝާރާތް ކުރުން ނުވެއެވެ.

11- ޠަވާފުކުރުމަށް ޚާއްޞަ ޛިކުރެއް ނުވެއެވެ. ފަހެ، އޭނާ ބޭނުންނަމަ އޭނާއަށް ޤުރްއާންކިޔެވުން ނުވަތަ ޛިކުރުކުރުން ވެއެވެ. ޝަރުޢުގައި ޘާބިތުވެގެންވާ ކޮންމެ ދުޢާއެއްވެސް ކުރެވިދާނެއެވެ. ރުކުނުލް ޔަމާނީއާއި ޙަޖަރުލްއަސްވަދާ ދެމެދުގައި ކިޔާށެވެ. ﭽ ﯜ ﯝ ﯞ ﯟ ﯠ ﯡ ﯢ ﯣ ﯤ ﯥ ﯦ ﯧ ﭼ މާނައީ " ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަންދެއްވައި ނަރަކައިގެ ޢަޛާބުން އަޅަމެން މިންޖުކުރައްވާނދޭއެވެ."

12-ފަހެ، އޭނާ ޠަވާފުގެ ހަތްވަނަ ބުރުޖަހާ ނިމުމުން އޭނާގެ ކަނާތު ކޮޑު ނިވާކުރާށެވެ. އަދި މަޤާމު އިބުރާހީމު ކައިރިއަށް ދާށެވެ . އަދި ކިޔާށެވެ. ﭽ ﯣ ﯤ ﯥ ﯦ ﯧﯨ ﯴ ﭼ މާނައީ " އަދި އިބުރާހީމް ހުންނެވިތަން ( އެބަހީ: ނަމާދުކުރެއްވުމަށް ނުވަތަ ގެފުޅުބިނާކުރެއްވުމަށް ހުންނެވިތަން ) އެއީ ތިޔަބައިމީހުން ނަމާދުކުރާތަނެއްކަމުގައި ބަލައި، ބޭނުންހިފާށެވެ!" ( މިތާގައި މިދެރަކުޢަތް ނުކުރެވޭނަމަ މިސްކިތުގެ ކޮންމެތަނެއްގައިވެސް މިދެރަކުޢަތް ކުރެވިދާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.)

13- އަދި އެތަނުގައި ދެރަކުޢަތް ކުރުންވެއެވެ. އެދެރަކުޢަތުގެ ( ފުރަތަމަ ރަކުޢަތުގައި ) ﭽ ﭑ ﭒ ﭓ ﭼ އަދި ( ދެވަނަ ރަކުޢަތުގައި ) ﭽ ﭑ ﭒ ﭓ ﭔ ﭕ ﭼ ކިޔަވާށެވެ.

14- އެއަށްފަހު ނަމާދުކޮށް އަވަދިވުމުން އޭނާ ޒަމްޒަމް ކައިރިއަށް ދާށެވެ. ފަހެ، އޭނާ އެއިން ބޯށެވެ. އަދި އޭނާގެ ބޮލަށް އެފެން އަޅާށެވެ.

15- އެއަށްފަހު ( ކުޅަދާނަވެގެންވާނަމަ ) ޙަޖަރުލްއަސްވަދަށް އެނބުރި ގޮސް ފަހެ، ތަކުބީރުކިޔައި ކުރިންބަޔާންކުރެވުނު ގޮތުގެމަތިން އޭގައި އަތުން ފިރުމާށެވެ.

16- އެއަށްފަހު އޭނާ ކުރިން އައިމަގުން އެނބުރި ޞަފާއާއި މަރުވާއާއި ދެމެދުގައި ސަޢްޔުކުރުމަށް އަންނާށެވެ. ފަހެ، ޞަފާއާއި ކައިރިވުމުން ﷲތަޢާލާގެ މިއާޔަތް ކިޔަވާށެވެ. ﭽ ﮅ ﮆ ﮇ ﮈ ﮉ ﮊﮋ ﮌ ﮍ ﮎ ﮏ ﮐ ﮑ ﮒ ﮓ ﮔ ﮕ ﮖﮗ ﮘ ﮙ ﮚ ﮛ ﮜ ﮝ ﮞ ﮟ ﭼ މާނައީ " ހަމަކަށަވަރުން، ޞަފާއާއި މަރްވާ ވަނީ ﷲ ގެ ޝަޢާއިރު ( އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވާފައިވާ ތަންތަން) ގެ ތެރެއިންނެވެ. ފަހެ، ގެފުޅަށްގޮސް ޙައްޖުވާމީހާ ނުވަތަ ޢުމްރާވާ މީހާ، އެ ދެތާނގައި ހިނގައި ސަޢްޔު ކުރުމަކުން އެމީހާގެ މައްޗަށް ކުށެއް ނެތެވެ. އަދި ( ފަރުޟު ގެ އިތުރަށް) ހެޔޮކަމެއް ކޮށްފިމީހާ ( ދަންނާށެވެ!) ފަހެ. ހަމަކަށަވަރުން ﷲ އީ ( އެފަދަމީހުންނަށް ) ޝުކުރުވެރިވެ ވޮޑިގެންވާ ( އެބަހީ: އެއުރެންނަށް ހެޔޮޖަޒާދެއްވާ) މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."
އަދި ވިދާޅުވާށެވެ. « نَبْدَأُ بِمَا بَدَأَ اللَّهُ بِهِ » މާނައީ " އަހަރެމެން ﷲތަޢާލާ ފެއްޓެވިތަނުން ފައްޓަމެވެ. ( މާނައީ: އިސްވެދިޔަ އާޔަތުގައި ﷲތަޢާލާ ފައްޓަވާފައިވަނީ ޞަފާއިންނެވެ. އެހެންވުމުން އަހަރެމެން ސަޢުޔުކުރަން މިފަށަނީ ޞަފާއިންނެވެ.)"

17- އެއަށްފަހު ޞަފާފަރުބަދައިން ފަށާށެވެ. ފަހެ، ކަޢްބާފެންނަންދެން އެފަރުބަދަ މައްޗަށް އަރައި ކަޢްބާއަށް ކުރިމަތިލައި ( 3 ފަހަރު ) ކިޔާށެވެ. « اللَّهُ أَكْبَرُ , اللَّهُ أَكْبَرُ , اللَّهُ أَكْبَرُ، لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لَا شَرِيكَ لَهُ، أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَهُ » މާނައީ " އެންމެ ބޮޑީ ﷲ އެވެ. ، އެންމެ ބޮޑީ ﷲ އެވެ. ، އެންމެ ބޮޑީ ﷲ އެވެ. ﷲ މެނުވީ ޙައްޤު އިލާހަކު ނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް ބައިވެރިއަކު ނުވެއެވެ. އެއިލާހަށް ވެރިކަން މިލްކުވެވޮޑިގެންވެއެވެ. އަދި އެއިލާހަށް ޙަމްދު ލިބިވޮޑިގެންވެއެވެ. ދިރުއްވާ އަދި މަރުހިއްޕަވަނީ އެއިލާހެވެ. އަދި އެއިލާހުއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ. ﷲ މެނުވީ ޙައްޤު އިލާހަކު ނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް ބައިވެރިއަކު ނުވެއެވެ. އެއިލާހު އެއިލާހުގެ ވަޢްދުފުޅު ފުރިހަމަކުރެއްވިއެވެ. އަދި އެއިލާހުގެ އަޅާއަށް ނަޞްރުދެއްވިއެވެ. އަދި އެއިލާހު އެކަނި އެޖަމާޢަތްތައް ބަލިކުރެއްވިއެވެ."
ކޮންމެފަހަރަކު މިތަން ކިއުމަށްފަހު އޭނާގެ ދުނިޔެއާއި އާޚިރަތަށް ހެޔޮހުރި އޭނާ ބޭނުން ދުޢާތައް ކުރުންވެއެވެ. އަދި އެންމެ ހެޔޮވެގެންވަނީ ނަބިއްޔާ ‘ ގެ ފަރާތުން ނުވަތަ ސަލަފުއްޞާލިޙުންގެ ފަރާތުން ވާރިދުވެފައިވާ ދުޢާތަކެވެ.

18- ހަމަ މިފަދައިން ( 17 ވަނަ ޕޮއިންޓް ގައިވާގޮތަށް ) މަރުވާ ފަރުބަދަ މަތީގައިވެސް ކަންތައް ކުރުން ވެއެވެ.

19- އަދި ސަޢްޔުކުރާ އިރު އޭނާގެ ކަނާތްފަރާތާއި ވާތްފަރާތުގައިވާ ފެހިކުލައިގެ ފާހަނގައާ ( އެއީ އަލްމައިލުލް އަޙްޟަރުގެ ނަމުން އެންމެން ދަންނަ ފާހަނގަ ) ހަމައަށް ހިނގާފައިދާށެވެ. އަދި އެ ޢަލާމާތުން ފެށިގެން އޭގެފަހަތުގައިވާ ޢަލާމާތާ ހަމައަށް ބާރަށް އަވަސް ހިނގުމެއްގައި ހިނގާފައި ދާށެވެ. ( މިގޮތަށް ކަންތައް ކުރާނީ ފިރިހެނުންނެވެ. ނަމަވެސް އަންހެނުން ސަޢްޔުކުރާނީ ހިނގާފައެވެ. )

20- ސަޢްޔުގައި « رَبِّ اغْفِرْ وَارْحَمْ إِنَّكَ أَنْتَ الْأَعَزُّ الْأَكْرَمُ » މާނައީ " އޭމިއަޅާގެ ރައްބެވެ. ފާފަފުއްސަވައި ރަޙްމަތްލައްވާށިއެވެ. ހަމަކަށަވަރުން އިބައިލާހުއީ ޢިއްޒަތް ލިބިވޮޑިގެންވާ އެންމެ ދީލަތިވަންތަ އިލާހެވެ." މިދުޢާކިއުން މައްސަލައެއް ނެތެވެ. އެއީ އެދުޢާ ސަލަފުންގެ ގިނަބައެއްގެ ފަރާތުން ޘާބިތުވެފައިވާތީއެވެ.

21- ފަހެ، ހަތްވަނަ ބުރު މަރުވާއަށް ނިމުމުން ފިރިހެނުން ބޯބާލައި ނުވަތަ ބޮލުގެ އިސްތަށިގަޑު އެއްވަރަކަށް ބޮލުގެ ހުރިހާދިމާލަކުން ކުރުކޮށް ކޮށުންވެއެވެ. އަންހެނުން އިސްތަށިގަޑު އެއްކުރުމަށްފަހު އިންޗިއެއްގެ މިންވަރުން ބުރިކޮށްލުން ވެއެވެ. އަދި އެއާއެކު ޢުމުރާކޮށް ނިމޭނެއެވެ. އަދި އިޙްރާމުގެ ސަބަބުން ޙަރާމްވީކަންތައްތައް އޭނާގެ މައްޗަށް ހުއްދަވާނެއެވެ.